ދުބާއީއިން ފުރައިގެން އިންޑިއާގެ ކަލިކަޓްއަށް ދަތުރު ކުރަމުން ދިޔައި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް1344، ކަރިޕޫރު އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި، 2 މީހަކު މަރުވެއްޖެއެވެ.
191 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މި ފްލައިޓް ރަންވޭ ސަރަހައްދަށް ވެއްޓި ހިނގި މިހާދިސާގައި މަރުވެފައިވަނީ 2 ޕައިލެޓުން ކަމަށް މިހާތަނަށް ލިބިފައިވާ ޚަބަރުތައް ބުނެއެވެ. މި ހާދިސާގައި އިތުރު 35 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް މީހުން ވަނީ ހޮސްޕިޓަލު ތަކަށް ބަދަލު ކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ފްލައިޓުން ދަތުރު ކޮށްފައިވަނީ 180 މީހެކެވެ.
މި ފްލައިޓްއަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ހިންގާ ވަންދޭ ބާރަތް ރީޕެޓްރިއޭޝަން މިޝަންގެ ދަށުން އޮޕަރޭޓް ކުރި ފްލައިޓެއް ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާ ގަނޑިން 07:45 ހާއިރު މިހާ ހާދިސާ ހިނގިއިރު ކަލިކަޓްއަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށް އިންޑިއާ މީޑިއާއިން ޚަބަރު ދެއެވެ. ރަންވޭގައި ބޯޓު ޖެއްސި ފަހުން، ވާދީއަކަށް ބޯޓު ވެއްޓީ ދެ ބުރި ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ވެއްޓިފައިވަނީ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެކެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންއިންވަނީ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް އަމުރެއް ނެރުއްވާފައެވެ.
ކަރިޕޫރު އެއާޕޯޓްގެ ރަންވޭ 10އަކީ އެންމެ ކުރު ރަންވޭތަކުގެ ތެރޭން އެއް ރަންވޭއަށް ވާއިރު، މި ހާދިސާ ހިނގާފައިވަނީ ރަންވޭގެ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށް ބައެއް ތަޖުރިބާކާރުން ދަނީ ވަކާލާތު ކުރަމުންނެވެ.
މި ފްލައިޓްގައި ދިވެއްސަކު އިން ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ.