މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ކުންފުނި، ފޭސްބުކްގެ ޒުވާން ބާނީ، މާކް ޒަކަބާގް، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ އެލީޓް ލިސްޓުގެ ކުރިއަށް ޖެހިލައިފިއެވެ.

ފޭސްބުކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުރި ޒަކަބާގްއަކީ މިހާރު ސެންޓިބިލިއަނަރެކެވެ. ސެންޓިބިލިއަނަރުންނަކީ އެމީހުންގެ މިލްކިއްޔާތުގެ 100 ބިލިއަން ޑޮލަރަށްވުރެ މަތީގައި އުޅޭ މީހުންނެވެ. ސެންޓިބިލިއަނަރުންގެ ލިސްޓަށް ޒަކަބާގް އަރާފައިވަނީ، އޭނާގެ ސޯޝަލް ނެޓްވާކިންގް ކުންފުނީގެ ހިއްސާގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމާ އެކުގައެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް/ފޮޓޯ: ބިޒްނަސް އިންސައިޑާ

ސެންޓިބިލިއަނަރުންގެ ލިސްޓުގައި ޒަކަބާގްގެ އިތުރުން ދެން އުޅެނީ އެންމެ 2 މަހުޖަނުންނެވެ. އެއީ އެމެޒޯން ކުންފުނީގެ ބާނީ ޖެފް ބޭޒޯސް އާއި މައިކްރޮސޮފްޓް ކުންފުނީގެ އޯނަރު ބިލް ގޭޓްސްއެވެ.

މަޝްހޫރު ހާވަޑް ޔުނިވަސިޓީގެ ޑޯމް ރޫމެއްގައި 2004 ވަނަ އަހަރު ޒަކަބާގްއާއި އިތުރު ބައިވެރިއަކުވެގެން އުފެއްދި ފޭސްބުކްއަކީ މިއަދު ދުނިޔޭގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމޭވެސް ބުނެވިދާނެއެވެ. އެންމެ މުއްސަނދިންގެ ވަނަވަރު ގިންތި ކުރަމުންދާ ބްލޫމްބާގުން ރިޕޯޓް ކުރާ ގޮތުގައި ޒަކަބާގް އަތުގައި އޮތް އެންމެ އަގު ބޮޑު އެސެޓަކީވެސް، ފޭސްބުކް ކުންފުނީގެ 13 ޕަސެންޓް ހިއްސާއެވެ.

އުމުރުން 36 އަހަރުގެ ޒަކަބާގްއަކީ ފޭސްބުކް ކުންފުނީގެ ޗެއާމަންގެ އިތުރުން، އެންމެ ވަރުގަދަ ހިއްސާދާރުވެސްމެއެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް/ފޮޓޯ: ބިޒްނަސް އިންސައިޑާ

ފޭސްބުކް ކުންފުނީގެ ހިއްސާގެ ވިޔަފާރިއަށް ބުރާސްފަތި ދުވަހު 6.5 ޕަސެންޓް ކުރިއެރުމެއް ލިބިފައިވަނީ، މަޝްހޫރު ވީޑިއޯ ޝެއާރިންގް އެޕްލިކޭޝަން "ޓިކްޓޮކް"އާ ވާދަކުރުމަށް ފޭސްބުކްއިން އިންސްޓަގްރާމްގައި ލޯންޗްކުރި "ރީލްސް"އާ އެކުގައެވެ. އެފްބީއިން "ރީލްސް" ތައާރަފުކޮށްފައިވަނީ، އެމެރިކާގައި ޓިކްޓޮކް މަނާ ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށެވެ. އެގޮތުނ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، 45 ދުވަހުގެ ތެރޭގައި ވިއްކާ ނުލައިފިނަމަ އެ އެޕްލިކޭޝަނަށް އެމެރިކާގައި އޮޕަރޭޓް ނުކުރެވޭ ގޮތަށް ޓްރަމްޕް ވަނީ ވެރިކަން ހިންގުމުގެ ބާރުގެ އަމުރެއްގައި ބުރާސްފަތި ދުވަހު ސޮއިކުރައްވާފައެވެ.

ފޭސްބުކްއިން "ރީލްސް" ތައާރަފުކުރިއިރުވެސް އެކުންފުނީގެ ވިޔަފާރި އޮތީ ހެޔޮފާލަކަށް އެޅެން ފަށާފައެވެ. އެގޮތުން މީގެ ކުރީ ހަފުތާގެ ބުރާސްފަތި ދުވަހު، ފޭސްބުކް ކުންފުނީގެ ޕްލެޓްފޯމުތަކުގައި ހިންގާ ޔޫޒާ އެކައުންޓްތަކުގެ އަދަދު ވަނީ 3 ބިލިއަންގެ ރެކޯޑް ހޯދާފައެވެ. މީގެ އިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމާއެކު ގިނަ ބަޔަކަށް ގޭގައި މަޑު ކުރަން މަޖުބޫރުވުމުންވެސް ކުންފުންޏަށް ފައިދާ ބޮޑުވި ކަމަށް ފޭސްބުކް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް/ފޮޓޯ: ބިޒްނަސް އިންސައިޑާ

އަހަރު ދުވަހަށް ބަލާއިރުވެސް ފޭސްބުކް ކުންފުނީގެ ހިއްސާގެ ވިޔަފާރި ވަނީ 30 ޕަސެންޓް ކުރިއަށް ޖެހިލާފައެވެ. މިއާއެކު ޒަކަބާގްގެ މިލްކިއްޔާތަށް 22 ބިލިއަން ޑޮލަރު، މިއަހަރުގެ މިހާ ހިސާބަށް އައިއިރު ވަނީ އިތުރުވެފައެވެ.

2015 ވަނަ އަހަރު ޒަކަބާގް ވަނީ، ފޭސްބުކް ކުންފުނީގެ ހިއްސާގެ ވިޔަފާރިން އޭނާއަށް ލިބޭ އެއްޗެއްގެ 99 ޕަސެންޓް، ޗެރިޓީއަށް ހަދިޔާ ކުރާނެކަން އިއުލާންކޮށްފައެވެ.