ގާޒީ އަލީ ރަޝީދުގެ ނަން ޖޭއެސްސީ އަށް މިއަދު ރައީސް ފޮނުއްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް މެންބަރުން ގިނަ ތުހުމަތު ތަކެއް ސަރުކާރަށް އަމާޒު ކޮށްފިއެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނައަށް ނުހައްގުން ގަސްދުގައި އަނިޔާ ދެމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ހާމަވެއްޖެ ކަމަށެވެ.

ސަބަބެއް ކަމަށް ފާހަގަ ކުރައްވާފައި ވަނީ ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދެއްވުމަށް ރައީސް ސޯލިހް ނިންމެވި ނިންމެވުން ކަމަށާއި އެކަމުން ޔަގީން ވެގެން ދިޔައީ ރައީސް ޔާމީނުގެ ހުކުމަށް ރައީސް ސޯލިހް ނުފޫޒު ފޯރުއްވި މިންވަރު ކަމަށެވެ.

ރައީސް ޔާމީނަށް ނުޙައްގު ހުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހް ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ހުކުމަށް ރައީސް ސޯލިހް ނުފޫޒު ފޯރުވި މިންވަރު
އަދުރޭ

އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދަޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގައި ރައީސް ޔާމީނާއި ރައީސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަ ތަކަށްވެސް ރިއާޔަތް ކުރުމެއް ނެތި ފަނޑިޔާރު އަލީ ރަޝީދު ހުކުމް ކުރެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދާއި ރައީސް ސޯލިހާ ދެ ފަރާތުން އެއްބަސްވެގެން ހެދި ޑީލެއް ކަމަށްވެސް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދުރޭ އާއި ޝިޔާމްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއުވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ގުރުބާން ކުރާ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި މީއީ ރައީސް ސޯލިހް، ކަން ކުރައްވާ މަކަރުވެރި ގޮތެއް ކަމަށް ތުހުމަތު ކުރައްވާފައި ވާއިރު، ދެން ޖޭއެސްސީއަށް ފާސްކުރެވިގެން ދާނީ ރައީސް ސޯލިހް ބޭނުންފުޅުވާ ނަން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މިކަމަށް ރައްޔިތުން ހޭލާ ތިބުމަށާއި މި ސަރުކާރުން ރާވާފައި ވަނީ މަކަރުވެރި ރޭވުންތަކެއް ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ތުހުމަތު ތަކެއް ކުރައްވާފައެވެ.

ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނެވެ. އެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ގޮތެއް ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެއެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަން ގާޒީ އަލީ ރަޝީދު ހަވާލުވެ ވަޑައިގަތީ، އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ގާޒީ އަލީ ރަޝީދު ބެއްލެވި އެ މައްސަލައިގައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.