އަވަށްޓެރި އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އަހުމަދުއާބާދުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހާއްސާ ކޮށްފައިވާ ހޮސްޕިޓަލެއްގެ ކުރިޓިކަލް ކެއާ ޔުނިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 8 މީހުން މަރުވެއްޖެއެވެ.

އަލިފާން ނިއްވުމާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމަށްވާ ރާޖޭޝް ބަޓްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސާކިޓެއް ޝޯޓްވެ، ހޮސްޕިޓަލުގެ މުވައްޒަފެއްގެ ޕީޕީއީގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. އަލިފާން ހިފުމާއެކު އޭނާ ހާސް ކަމެއްގެ ތެރެއަށް ވެއްޓި، މުޅި ކުރިޓިކަލް ކެއާ ޔުނިޓް ތެރޭގައި ދުވަން ފެށީ ކަމަށާ، މުޅި ތަނަށް އަލިފާންގަނޑު ފެތުރުނީ އެ ސަބަބާ ހެދި ކަމަށްވެސް އޮފިޝަލާ ހަވާލާދީ، މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ އަހުމަދުއާބާދުގެ ކޮވިޑް-19 ފެސިލިޓީގައި އަލިފާން ރޯވެ 8 މީހެއްގެ ފުރާނަވަނީ ގެއްލިފަ/ފޮޓޯ: ބީބީސީ

ބަޓް ވިދާޅުވި ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް ގަޑިއެއް ހާއިރު ފަހުންނެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި 40 ވަރަކަށް ޕޭޝަންޓުން، އެހެން ފެސިލިޓީއަކަށް ބަދަލުކޮށްފައިވާކަމަށްވެސް ބަޓް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ ތެރެއިން ބަޓްއާއި އޭނާގެ ޓީމުވެސް ކޮވިޑް-19 ޕޭޝަންޓުންނާ ގާތުން ކޮންޓެކްޓް ވެފައިވާތީ، ކަރަންޓީނަށް ދާންޖެހޭކަން ބަޓް ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، މި ހާދިސާގައި ގެއްލުންވި މީހުންގެ އާއިލާތަކަށް "އިދާރީ އެހީތެރިކަން" ލިބޭނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އާއިލާތަކުން ދަނީ ހޮސްޕިޓަލަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ. އެގޮތުން އަލިފާން ނިއްވުމާ ބެހޭ އިދާރާއަށް އަންގާފައިވަނީ ލަހުން ކަމަށާ، އަލިފާނުގެ ހާދިސާއާ ބެހޭ މައުލޫމާތު، ބައެއް މީހުންގެ އާއިލާތަކަށްވެސް އަންގާފައި ނުވާކަމަށް އެ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ފުލުހުންވަނީ ހޮސްޕިޓަލުގެ ޑައިރެކްޓަރެއް ހައްޔަރުކޮށް، ތަހުގީގު ފަށާފައެވެ.