ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ވެބްސައިޓެއް ތާއާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ މި ވެބްސައިޓް މެދުވެރިކޮށް ގުޅިފަޅު ހިއްކުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތަކާއި ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޕްރޮޖެކްޓާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ނުވަތަ ކޮމެންޓެއް އޮތްނަމަވެސް ވެބްސައިޓު މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން ހަ މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކާ ރިވެޓްމެންޓު ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް އެޕްރޮޖެކްޓުގެ ދަށުން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ހިއްކީ 10 ހެކްޓަރެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައި ވެއެވެ. މިހާރު ކުރިއަށް ދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. އަދި އެ ސަރަހައްދު ހިއްކުމަށް ފަހު މާލެ ވިޔަފާރި ބަނަދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އެމަޝްރޫއަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެއެވެ.