ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން މިހާތަނަށް 704365 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކޮވިޑް-19ގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާ (160290)، ބްރެޒިލް (96096)، މެކްސިކޯ (48869)، އިނގިރޭސިވިލާތް (46299) އަދި އިންޑިއާ (39820) އިންނެވެ.
މިހާތަނަށް 18701672 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ 6081976 ކޭހެވެ. މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ބްރެޒިލް، އިންޑިއާ، ރަޝިއާ އަދި ސައުފް އެފްރިކާއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިނެއް އަދި އުފެއްދިފައި ނުވާއިރު، ރަޝިއާއިން ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަރުހަލާ ފަށާނެ ކަން އިއުލާން ކޮށްފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ މިކަމަށް ސަމާލުވުމަށް އިންޒާރު ކޮށްފައެވެ. އެގޮތުން، ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަހުލީލު ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ފަހު މަރުހަލާއާ ހިސާބުގައި އުޅެނީ 6 ވެކްސިނެއް ކަމަށާ، އޭގެ ތެރޭގައި ރަޝިއާގެ ވެކްސިން ނުހިމެނޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް އަދި ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ، ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 11915331 މީހަކަށް ޝިފާ ލިބި، ރަނގަޅުވެފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.