މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މިފަހަކަށް އައިސް ރެކޯޑް އަދަދަކަށް ފެންނަމުންދާ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރުމަށް އަސްކަރިއްޔާގެ އިތުރު 500 އެއްހާ އޮފިސަރުން އެ ސްޓޭޓުގެ ޑިއުޓީއަށް ނެރޭނެ ކަން، ވިކްޓޯރިއާ ސްޓޭޓްގެ ޕްރީމިއާ ޑެނިއަލް އެންޑްރޫޒް ހާމަކުރައްވައިފިއެވެ.

ވިކްޓޯރިއާގެ ސްޓޭޓްގެ އަދުގެ ހާލަތާ ބެހޭ ގޮތުން މިއަދު ހެނދުނު ވާހަކަ ދައްކަވަމުން އެންޑްރޫޒް ވިދާޅުވީ، އޮސްޓްރޭލިއާގެ ދިފާއީ ބާރު (އޭޑީއެފް)ގެ 500 އެއްހާ އޮފިސަރުން ކުރިއަށް އޮތް ދުވަސްތަކުގައި ވިކްޓޯރިއާ ސްޓޭޓްގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާނެ ކަމަށާ، މި އޮފިސަރުންނާއެކު، ސިއްހަތާ ބެހޭ ވުޒާރާއިން ހުއްދަ ދީފައިވާ އިތުރު 300 އެއްހާ އޮފިސަރުންވެސް ހަރަކާތްތެރިވާނެ ކަމަށެވެ. މި ޓީމުތަކުން ހަރަކާތްތެރިވާނީ، ގޭގެއަށް ވަކިވަކިން ގޮސް، ގޭގައި މަޑުކުރަން އިއުލާންކޮށްފައިވާ އަމުރު ތަންފީޒު ކުރެވޭ މިންވަރު ކަށަވަރު ކުރުމަށް ކަމަށްވެސް ސްޓޭޓްގެ އިސްވެރިޔާ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ގޭގައި ތިބުމަށާ އެނޫންވެސް ގޮތް ގޮތުން ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވާއިރު، އެ ކަންކަމާ ހިލާފުވާ ފަރާތްތަކަށް ދޭ އަދަބު އިތުރަށް ހަރުކަށި ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. އެންޑްރޫޒް ވަނީ، މިފަދަ ފަރާތްތަކާ ދެކޮޅަށް އަޅާ އާ ފިޔަވަޅުތަކުގެ ތަފްސީލުވެސް ހާމަކުރައްވާފައެވެ. އެގޮތުން އައިސޮލޭޝަންގައި ތިބުމަށް ނެރެފައިވާ އަމުރާ ހިލާފުވާ ފަރާތްތައް ވަގުތުން ޖޫރިމަނާ ކުރާނެ ކަމަށާ، ވަގުތުން ވަގުތަށް ދައްކަން ޖެހޭ ޖޫރިމަނާގެ 3540 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށްވެސް އެންޑްރޫޒް ވަނީ ހާމަކުރައްވާފައެވެ.

އަމިއްލަ މަސްލަހަތު އިސްކޮށް، ޒާތީ ތައައްސުބު ކުރިއަށް ނެރެގެން އުޅޭ މީހުން ކޯޓަށް ގެންދަން ޖެހިދާނެކަމަށާ އެފަދަ ފަރާތްތަކަށް 14290 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުންވެސް އެކަށީގެންވާކަމަށް އެންޑްރޫޒް ވިދާޅުވިއެވެ.

މިފަދަ ހަރުކަށި އަދަބުތަކެއް ކަނޑައަޅަން ޖެހުނީ، ގޭގައި އައިސޮލޭޓް ވެގެން ތިބުމަށް ލާޒިމުވާ މީހުން އެކަން ތަންފީޒު ކުރޭތޯ ބެލުމަށް މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން، 800 ޕޭޝަންޓަކު ގޭގައި ނެތްކަމަށް ރެކޯޑްތަކުން ދެއްކުމުން ކަމަށްވެސް އެންޑްރޫޒް ވިދާޅުވިއެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ފުލުހުންނާ ބެހޭ ވަޒީރު ލީސާ ނެވީލްވެސް ވެސް ވަނީ، އެ ސްޓޭޓްގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށާ، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މަގުތަކުގައި އާންމުން އުޅޭ ނަމަ ވަގުތުން ވަގުތަށް އެމީހުން ހައްޔަރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ދީފައިވާނެ ކަމަށެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ވިކްޓޯރިއާ ސްޓޭޓުން ކޮވިޑް-19އަށް 439 ޕޭޝަންޓެއް ޕޮޒިޓިވްވެފައިވާކަމަށް ޕްރިމިއާ އެންޑްރޫޒް ވަނީ ހާމަކުރައްވާފައެވެ. މިއާއެކު އެ ސްޓޭޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12335 އަށް އަރާފައެވެ. ކޮވިޑް-19ގައި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން މަރުވި މީހުންގެ އަދަދު ވަނީ 147 އަށް އަރާފައެވެ. ވިކްޓޯރިއާއަކީ ވަޒީފާ އަދާކުރުމަށާ، މަތީ ތައުލީމު ހާސިލު ކުރުން ފަދަ އެކި ބޭނުންތަކަށް، ގިނަ އަދަދެއްގެ ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ސްޓޭޓެކެވެ.