ހއ ކެލައިން ޕޮޒިޓިވް ވި 9 މީހުން އަދިވެސް ތިބީ ރަށުގައި ކަމަށް ކެލާ ކައުންސިލް ބުނެފިއެވެ.
މިދިޔަ މަހު 24 ވަނަ ދުވަހު ކެލާ ފަޅަށް ވަން ސަވާރީ ބޯޓުން ކޮވިޑަށް ވަނީ ކައްޕިއާއެކު އިތުރު 9 މީހަކު ޕޮޒިޓިވް ވެފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވިދާޅުވީ ފަހުން ޕޮޒިޓިވް ވި ނުވަ މީހުން އަދިވެސް އެރަށުގައި ތިބި ކަމަށާއި އޭގެތެރެއިން އަށް މީހުން ތިބީ ސަވާރީ ބޯޓުގައި ކަމަށާއި އެކަކު ހުރީ ގޭގައި ކަމަށެވެ.
އެމީހުން އެޗްީއޭއިން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަކަށް ގެންދާނެ އިރެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ޣުފްރާން ވިދާޅުވިއެވެ. ސަވާރީ ބޯޓުގެ ކައްޕި ހުރީ ށ. ފުނަދޫގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައެވެ.
ޕޮޒިޓިވްވި ނުވަ މީހުންނަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކެލާ ސަވާރީ ބޯޓުން ޕޮޒިޓިވް ވި މީހާ އާ އެއް ބޯޓެއްގައި ދަތުރު ކޮށްފައިވާ މީހުން ނެވެ. އެ ނުވަ މީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ކެލައިން ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓުވި 24 މީހެއްގެ ސާމްޕަލް މިމަހު އެއްވަނަ ދުވަހު ނަގާފައި ވާއިރު އެމީހުންގެ ނަތީޖާ ނެގަޓިވް ކަމަށް ކެލާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިއަދު އިތުރު އަށް ސާމްޕަލްއެއް ނަގާފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ސަވާރީ ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވީ، ކޮވިޑްގެ އަލާމާތްތައް ފެނި ދަތުރުމަތީގައި ހދ ނޮޅިވަރަންފަރަށް ޖައްސާ ހެދި ޓެސްޓުންނެވެ. މައުލޫމާތު ލިބިފައި ވާ ގޮތުގައި، ބޯޓުގެ ކައްޕީގެ އިތުރުން، ފަޅުވެރިންނަށް އުޅޭ ބައެއް މީހުންގެ ކިބައިންވެސް އޭރު އަލާމާތް ފެންނަމުން ދިޔައެވެ.
ސަވާރީ ބޯޓު ކެލައަށް ގޮސް، ބޯޓުގައި ހުރި މުދާ ހުސްކޮށް ކައްޕިއާއި ފަޅުވެރިން ރަށަށް ފޭބި އިރުވެސް ކައްޕިގެ ނަތީޖާ ޕޮޒިޓިވް ކަން އެނގިފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ކައްޕިގެ ނަތީޖާ އޭރު އެންގިވައި ނުވަނީ، އެޗްޕީއޭއިން ނަތީޖާތައް ބެލެހެއްޓުމާއި ހާމަ ކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ހިނގައި ދިޔަ ކަމެއްގެ ސަބަބުންނެވެ. އެޗްޕީއޭއިން ބުނީ، ސަވާރީ ބޯޓުގެ ކައްޕިގެ ނަތީޖާ ޕޮޒިޓިވް ކަން ކައްޕިއަށް އެންގުމުގެ ކުރިން، ހއ ގައި ގާއިމުކޮށްފައި ވާ ކޮވިޑް ސެންޓަރަށް އެންގިފައިވަނީ ހއ ގެ ހުރިހާ ކޮވިޑް ސާމްޕަލެއް ނެގެޓިވް ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފައި ވަނީ ކައްޕި ސާމްޕަލް ދިނީ ހދ އަތޮޅުގެ ރަށެއްގައި ކަމަށް ވެފައި، ހއ އަތޮޅުގެ ނަތީޖާތަކުގެ ތެރޭގައި އެ ނަތީޖާ ހިމެނިފައި ނުވާނެތީ ކަމަށެވެ.
ކައްޕިއަށް ނަތީޖާ ލިބުނު އިރު، ބޯޓުގައި ހުރި މުދާ ހުސްކުރުމާއި މުދާ ބަލާ ބޯޓު ދޮށަށް ކެލާގެ އެތައް ބަޔަކު ވަނީ ގޮސްފައި ވެއެވެ.
މިހާރު ކެލާގައި ވަނީ މިސްކިތްތަކުގައި ޖަމާއަތް ހެދުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ބޭރުގައި އުޅޭ ވަގުތު އެންމެންވެސް މާސްކް ބޭނުން ކުރުން ފަދަ ފިޔަވަޅުތައް އަޅާފައެވެ.
އަދި ކޮވިޑަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ ފިހާރަތަކާއި ހޮޓާ އަދި ކެފޭތަކުން ހިދުމަތް ހޯދާ ފަރާތްތަކުންވެސް އިތުރަށް ސަމާލުކަން ދިނުމަށާއި އެތަންތަނަށް ދިއުމުގެ ބަދަލުގައި ގެއަށް ޑެލިވާ ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ.
މާލެއާއި ކެލައާ ދެމެދު ދަތުރު ކުރާ ސަވާރީ ބޯޓު މާލެއިން ކެލައަށް ދިޔައީ މާލެ ފަޅުގައި ދެ ހަފްތާ އޮތުމަށް ފަހުއެވެ. އެ ބޯޓު ރަށަށް ދިޔަ މަގުމަތީގައި ހދ. ނޮޅިވަރަންފަރާއި، ހއ ވަށަފަރާއި އެއަތޮޅު ދިއްދުއަށް ވަނީ ގޮސްފައެވެ.