އަވަށްޓެރި އިންޑިއާއިން މިއަދުވެސް ބައިލައްކައަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑް ކޮށްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްއަށް މިއަދުވެސް 52972 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1803695 އަށް އަރާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ހުސްވި ހަފުތާއަކީ އިންޑިއާއަށް އެންމެ ނުރައްކާތެރި ހަފުތާއެވެ. މި ދިޔަ ހަފުތާގައި އެކަނިވެސް، 315000 މީހަކު ޕޮޒިޓިވްވިއިރު، 5300 މީހަކު ކޮވިޑް-19ގައި އިންޑިއާއިން މަރުވިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ ގުޅިގެން އެގައުމުން އަމަލުކުރަމުންދިޔަ އުސޫލުތަކަށްވެސް ބަދަލު ގެނެސްފައެވެ. މި ބަދަލުތަކަށް އަމަލު ކުރަން ފަށަން ހަމަޖެހިފައިވަނީ އޯގަސްޓް 8 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން، އިންޑިއާށް އެތެރެ ވުމުގެ އެންމެ ލަސްވެގެން 72 ގަޑިއިރު ކުރިން ސެލްފް ޑެކްލަރޭޝަން ފޯމް އޮންލައިންކޮށް ހުށަހަޅަންޖެހެއެވެ. އަދި އެ ގައުމަށް އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ހުރިހާ އެންމެންގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ. މި 14 ދުވަހުގެ ތެރެއިން އެއް 7 ދުވަސް ހޭދަކުރަން ޖެހެނީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއެއްގައި ކަމަށްވާއިރު އަނެއް 7 ދުވަސް ފުރިހަމަ ކުރަންޖެހޭނީ ހޯމް ކަރަންޓީނުގައި ކަމަށް ވަނީ ލާޒިމުކޮށްފައެވެ. 96 ގަޑިއިރު ހަމަނުވާ، ކޮވިޑް-19 ނެގެޓިވް ޓެސްޓެއް ހުށަހަޅައިފިނަމަ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއަށް ނުގޮސް ހަމަޖެއްސުމުގެ ފުރުސަތު އޮވެއެވެ.

މީގެ އިތުރުން ސްޓޭޓްތަކަށް ހާއްސަ ކަރަންޓީނު އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް، މި ބަދަލުގެ ތެރެއިން ވަނީ ދީފައެވެ.

މިވަގުތަކީ އިންޑިއާއަށް އާންމު އުސޫލުން ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް އޮޕަރޭޓް ކުރާ ވަގުތެއް ނޫނެވެ. އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް އިންޑިއާގެ މައި ގޭޓް އޮތީ ބަންދުކޮށްފައެވެ.