ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ އީރާނުން މަރުވި މީހުންގެ ހަގީގީ އަދަދުތައް އުޅެނީ، އެ ގައުމުގެ ސަރުކާރުން އާންމުކޮށްފައިވާ މިންވަރަށް ވުރެ 3 ގުނަ މަތީގައި ކަން ހާމަވެފައިވާކަމަށް، ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ ބީބީސީގެ ފާރިސީ ގޮފިން ކުރިއަށް ގެންދިޔަ ތަހުގީގުތަކަކާ ހަވާލާދީ، އެ މީޑިއާއިން ހާމަކޮށްފިއެވެ.

ބީބީސީން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން އީރާނުން މަރުވި މީހުންގެ އަދަދު، (ޖުލައި 20ގެ ނިޔަލަށް) ގާތްގަނޑަކަށް 42000 އަށް އަރާފައިވާކަމަށް ސަރުކާރުގެ އަމިއްލަ ލިޔެކިއުންތަކުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން މިއަދަދު އުޅެނީ 14405 ގައި ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ހަގީގީ އަދަދު، އާންމުކޮށްފައިވާ މައުލޫމާތަށްވުރެ 2 ގުނަ އިތުރު ކަމަށް ބީބީސީން ބުނެއެވެ. އެގޮތުން ހަގީގީ އަދަދުތައް 451024 އަށް އެރި ނަމަވެސް އީރާނު ސަރުކާރުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މި އަދަދު އޮތީ 278827 ގައި ކަމަށް ބީބީސީން ބުނެއެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރިޕޯޓްކުރި ޗައިނާއިން ބޭރުން، މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔަ ގައުމުތަކުގެ ތެރޭގައި އީރާނު ހިމެނެއެވެ. ފާއިތުވީ ހަފުތާތަކަށް ބަލާއިރު، އީރާނުން 2 ވަނަ ރާޅެއްގެ އަސަރުވެސް ވަނީ ފެންނަން ފަށާފައެވެ.

ކޮވިޑް-19 ޖެހިގެން އީރާނުން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ 22 ޖަނަވަރީ ކަމަށް ބީބީސީއަށް ލިބިފައިވާ ލިޔެކިއުންތައް ބުނާއިރު، މިއީ އީރާނުން ރަސްމީކޮށް ބަލީގެ ކޭސްތައް ރިޕޯޓްކުރަން ފެށުމުގެ މަހެއްހާ ދުވަސް ކުރި ކަންވެސް ބީބީސީން ވަނީ ފާހަގަކޮށްފައެވެ.

އީރާނުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފެށުމާ އެކުގައި ހެން ގިނަ ބަޔަކު ވަނީ ތަފާސް ހިސާބުތަކާ މެދު ސުވާލު އުފައްދާފައެވެ.

ބީބީސީން ބުނާ ގޮތުގައި އީރާނުގެ ކޮވިޑް-19ގެ ހަގީގީ ތަސްވީރު ކުރާހަލަދިން ތަފާސް ހިސާބުތައް އެ އިދާރާއަށް ފޮނުވާފައިވަނީ ވަނަވަރު ނޭނގޭ (އެނޯނިމަސް) މަސްދަރަކުންނެވެ. އަދި އެ ފަރާތަކުން ބީބީސީއާއި މި މައުލޫމާތު ހިއްސާކޮށްފައިވަނީ ހަގީގަތް ހާމަކޮށްދީ، ބަލިމަޑުކަމުގެ ތެރޭގައި ކުޅެމުންދާ ސިޔާސީ ކުޅިގަނޑު ހުއްޓުމަކަށް ގެނައުމަށް ކަމަށް އެ ފަރާތުން ބުނި ކަމަށްވެސް ބީބީސީން ވަނީ ރިޕޯޓް ކޮށްފައެވެ.

ވަނަވަރު ނޭނގޭ މަސްދަރަކީ އިރާނުގެ ސަރުކާރުގައި މަސައްކަތް ކުރާ ފަރާތެއް ކަން ކަށަވަރު ނުވާ ކަމަށާ، އަދި އެ ފަރާތަކުން އެ މައުލޫމާތު ހޯދި ގޮތަކާ ބެހޭ ތަފްސީލެއްވެސް ނޭނގޭ ކަމަށް ބީބީސީން ބުނެއެވެ. ނަމަވެސް، އެ މައުލޫމާތުގައިވާ ބައެއް ތަފްސީލުތަކަށް ބަލާއިރު، މިސާލަކަށް މަރުވި މީހުންނާ ދިރިތިބީންނަށް ބަލާއިރު، ބީބީސީއަށް ކަށަވަރު ކުރެވޭ ބައެއް ތަފްސީލުތައް އެބަހުރި ކަމަށްވެސް އެ މީޑިއާއިން ވަނީ ބުނެފައެވެ.

އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނަމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަށް އެ ގައުމުން މައުލޫމާތު ފޯރުކޮށްދެމުންދަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.