ޕްރައިވެޓް ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ އުޅަނދެއްގައި ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ދިޔަ އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) ގެ 2 ޖައްވީ ފަޅުވެރިން، ރައްކާތެރި ކަމާއެކު އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.

ވިޔަފާރީ އުސޫލުން ނާސާގެ ޖައްވީ މިޝަންތައް ފަރުމާކުރުމަށް އެކުލަވާލި ބިޒްނަސް މޮޑެލް ތަޖުރިބާ ކުރުމަށް ސްޕޭސް އެކްސްގެ އުޅަނދުގައި މެއި މަހުގެ ފަހުކޮޅު ޖައްވަށް އުދުއްސާލި އެސްޓްރޮނޯޓް ޑަގް ހާލީއާއި ބޮބް ބެންކެން ދަތުރު ކުރަމުންދިޔަ ޑްރެގަން ކެޕްސުލް ޖައްސާފައިވަނީ، ފްލޮރިޑާގެ ގަލްފްގެ ރަށްބޭރުން ޕެންސަކޯލާގެ ދެކުނު ގަލްފް އޮފް މެކްސިކޯއަށެވެ.

ސްޕޭސް އެކްސްގެ އުޅަނދުގައި އައިއެސްއެސްއަށް ދަތުރު ފެށުމުގެ ކުރިން ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީއާއި ބޮބް ބެންކެން، ރޮކެޓް ކުރިމަތީގައި ހުއްޓިލައިގެން/ފޮޓޯ: ޓްވިޓާ

މިއީ އެޕޯލާ ކޮމާންޑް މިޑިއުލްގެ ދަތުރަށް ފަހު، ފާއިތުވީ 45 އަހަރުގެ މާޒީގައި އެމެރިކާގެ ޖައްވީ ކްރޫއެއް ދަތުރުކުރި ފްލައިޓެއް ކަނޑަށް ޖެއްސި ފުރަތަމަ ފަހަރުވެސްމެއެވެ.

ި އެސްޓްރޮނޯޓް ބޮބް ބެންކެން (މ) ޖައްވީ ދަތުރަށް ފަހު ދުނިޔޭގެ ބިމުގައި/ފޮޓޯ: މެމްފިސް

ދަތުރުގައި ބައިވެރިވި ހާލީ ބުނީ މިއީ އޭނާއަށް ލިބުނު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޑަގް ހާލީއާއި ބޮބް ބެންކެންގެ ކާމިޔާބު ދަތުރަކީ ނާސާގެ މުސްތަގުބަލުގެ ޖައްވީ މިޝަންތަކުގެ އާ ދައުރަކަށް އަލިވިލުން ކަމުގައިވެސް ދަނީ ސިފަކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ނާސާއިން ޖައްވީ ދަތުރު ކުރުމަށް އެ އިދާރާގެ އުޅަނދެއް ބޭނުމެއް ނުކުރާނެއެވެ. މި އޮޕަރޭޝަންތަކަށް ބޭނުން ކުރަމުންދާނީ ސްޕޭސް އެކްސް ކުންފުނިން 'ޓެކްސީ' އުސޫލުން ފޯރުކޮށްދޭ ޖައްވީ އުޅަނދުތަކެވެ.

އެސްޓްރޮނޯޓް ޑަގް ހާލީއާއި ބޮބް ބެންކެން ދަތުރުކުރި ކެޕްސޫލް ކަނޑަށް ޖެއްސި ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ގިނަ އުޅަނދުތަކެއް ކެޕްސޫލާ ކައިރިވި ނަމަވެސް، ނާސާއިންވަނީ އެ އުޅަނދުތައް ދުރަށް ފޮނުވާލާފައެވެ. ނާސާއިން ބުނާ ގޮތުގައި ޖައްވުން އަންނަ ކެޕްސޫލްތަކަކީ ނުރައްކާތެރި ކެމިކަލްތަކަކާއެކުގައި އައުން އެކަށީގެންވާ ކެޕްސޫލްތަކެކެވެ. އެގޮތުން ވިހަ ގޭހާ ކެމިކަލާއެކު އަންނަ ޖައްވީ އުޅަނދުތަކާ ދުރުގައި ތިބުމަށް އާންމުން ހޭލުންތެރި ވުމަށްވެސް ނާސާއިންވަނީ ގޮވާލާފައެވެ.

ނާސާގެ އުއްމީދަކީ މަޝްހޫރު މަހުޖަނު އީލޯން މަސްކްގެ ސްޕޭސް އެކްސް ކުންފުނި ފަދައިން، އިތުރު އެހެން ކުންފުނިތައްވެސް ރޮކެޓް ޓެކްސީގެ ސިނާއަތާ ގުޅުމެވެ. މަތިންދާބޯޓު އުފެއްދުމުގެ ސިނާއަތުގައި ފުންނާބު އުސް، ބޮއިންގް ކުންފުނިންވެސް މިހާރުވަނީ ނާސާއާއިއެކު މިފަދަ ކޮންޓްރެކްޓްއެއް އެކުލަވާލާފައެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

ސްޕޭސް އެކްސްގެ އުޅަނދުތަކުގައި އެމެރިކާއިން ޖައްވީ ދަތުރުތައް ފެށި ފެށުމަކީ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައި.އެސް.އެސް)އަށް ދިއުމަށް ރަޝިޔާގެ ރެކޮޓްތަކަށް ނާސާއިން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ތާރީހީ ބަދަލެކެވެ.

ދަތުރުގެ ކާމިޔާބު ނިމުމާއެކު ނާސާއާއި ސްޕޭސް އެކްސް ކުންފުނީގެ އެއްބަސްވުމަށް ރަސްމީ ހައިސިއްޔަތު ލިބި، އޭގެ ފުރިހަމަ ކެޕޭސިޓީގައި ތަންފީޒުކުރަން ފަށާނެކަމަށް މީގެ ކުރިން އޮތީ މައުލޫމާތު ލިބިފައެވެ. 2.6 ބިލިއަން ޑޮލަރުގެ މި ކޮންޓްރެކްޓްގެ ދަށުން މިފަދަ 6 ކްރޫއެއް އައި.އެސް.އެސްއަށް ފޮނުވާލުމަށް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދަތުރު ކުރަން ހަމަޖެހިފައިވަނީ މި އޯގަސްޓް މަހުގެ ފަހުކޮޅުއެވެ.

ނާސާގެ އެސްޓްރޮނޯޓް ޑަގް ހާލީ (ކ) އާއި ބޮބް ބެންކެން (ވ) ސްޕޭސް އެކްސްގެ އުޅަނދުގައި އައިއެސްއެސްއަށް ދަތުރު ކުރަނީ/ފޮޓޯ: ޓްވިޓާ

ސްޕޭސް އެކްސްގެ ޖައްވީ އުޅަނދުތައް ފަރުމާކޮށްފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށެވެ.