ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ދެމުން ދަނިކޮށް އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 18 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވީ އުމުރުން 89 އަހަރުގެ މީހެއް ކަމަށާއި އޭނާ ނިޔާވީ މިރޭ 8:57 ގައި ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުގައި، ނިޔާވީ ކޭސް ނަންބަރު 3283 އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވެގެން ފުރަތަމަ ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އަށެވެ. އަދި ކުޑަކޮށް ސްޓޭބަލް ކަމަށް ބަލާ ޖެހިގެން އަދި ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލު ކުރިއެވެ. ނިޔާވުމާ ހަމައަށް އެނތާނގައި ސްޓޭބަލް ވަމުން ދިޔަ ކަމަށް މަރުހޫމްގެ އާއިލާއާ ގާތް ފަރާތަކުން ވަނީ މައުލޫމާތު ދީފައެވެ.

މިއަދު އޭނާ ނިޔާވި އިރު އެއާއިލާއިން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވުމާއެކު މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

މާލެ ސަރަހައްދު ގައި ބާރަށް ކޮވިޑް ބަލި ފެތުރެމުން ދާ މި ދަނޑިވަޅުގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 215 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 149 މީހުންނަކީ ދިވެހިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 18 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 18 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނަކާއި 52 އަހަރަުގެ އަންހެނަކާއި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.