މާލޭގެ ފަޅުގައި އަޅާފައިވާ ދޯނިތަކުގެ ކްރޫއިން ނުވަތަ ފަޅުވެރިން ކޮވިޑް-19އަށް ޓެސްޓް ކުރަނީ ރެންޑަމް ސާމްޕަލިންގެ ތެރެއިން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ ނޯތު ހާބަރުގައި އަޅާފައިވާ މުދާ އުފުލާ ބައެއް ދޯނި/ބޯޓުފަހަރު ރަށްރަށަށް ފުރުމުގެ ކުރިން އެ އުޅަނދުތަކުގެ ފަޅުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

ރެންޑަމް ސާމްޕަލްގެ ތެރެއިން ބައެއް އުޅަނދު ތަކުގެ ފަޅުވެރިންގެ ސާމްޕަލް ނަގާ ޓެސްޓް ކުރެވެމުން ދާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެއީ ހުރިހާ ބޯޓުތަކުން ޓެސްޓް ކުރަނީ ނޫން ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނޯތު ހާބަރުގައި ފުރަން ތައްޔާރު ވެފައިވާ ބޯޓުތަކާއި މުދާ އަރުވަމުން ދިޔަ ބޯޓުތަކުގެ ކްރޫއިން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

މާލޭއިން ރަށްރަށަށް ދާ ބޯޓުތަކުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

އެގޮތުން އިއްޔެ ވަނީ ކ. މާފުށީގައި ކަރަންޓީނު ވެގެން ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ކުރިން ވެސް ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ހުސްވި މަހުގެ 24 ވަނަ ދުުވަހު ހއ ކެލައަށް ދަތުރު ކުރި ސަވާރީ ބޯޓުން 10 މީހުން ކޮވިޑަށް ޕޮޒޮޓިވް ވެފައިވެއެވެ.

މާފުށީގެ އިތުރުން ކޮވިޑް ކޭސްތައް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ކ. މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ އަދި ޅ. ހިންނަވަރުގެ އިތުރުން ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސީސައިޑް ފިނޮޅު ހިމެނެއެވެ.