ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2)، ކަންފަތު ތެރޭގައި ނުވަތަ ކަންފަތުގެ ބުޑުގައިވެސް ފިލާ އޮވެދާނެ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ދިރާސާ ޓީމުން ބުނެފިއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އޮޓޯލަރިންގޮލޮޖިސްޓުންނާ ޕެތޯލިޖިސްޓުންގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކަންފަތު އެތެރޭން މެދަށްވާ ސަރަހައްދުގަޔާ، ބޮލުން ކަންފަތުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ މެސްޓޮއިޑްއޭ ކިއާ ސަރަހައްދުގައި ސާސްކޯވް-2 ފަސޭހަ ކަމާއެކު ފިލާ އޮންނަކަން ވަނީ ހާމަވެފައެވެ.
ޑޮކްޓަރުން ވަނީ ކޮވިޑް-19 ޖެހިގެން ފުރާނަ ގެއްލިދިޔަ 3 ޕޭޝަންޓެއްގެ ހަށިގަނޑުގައި އޮޓޮޕްސީ ހަދާފައެވެ. މި 3 ޕޭޝަންޓުންނަކީ މަރުވުމުގެ ކުރިން، ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ފެނުނު ޕޭޝަންޓުންނެވެ.
ދިރާސާ ޓީމުން ބުނާ ގޮތުގައި ކަންފަތުގެ މެދު ތެރެއާ ކަންފަތުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ސަރަހައްދުގައި ސާސްކޯވް-2 ޖަމާވެފައި ހުރުމުގައި ބައިވަރު ސަބަބުތަކެއް ހުރެދާނެއެވެ. އަދި ދިރޭ މަހުލޫގުތަކުގެ މެދުގައިވެސް މިކަން ތަފާތު ވެދާނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ކޮވިޑް-19 ޖެހިގެން މަރުވުމާ، ކޮވިޑް-19އާ އެކު މަރުވުމުގައި ތަފާތުތަކެއް ހުރެދާނެ ކަމަށްވެސް ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.
މި ދިރާސާގެ ހޯދުންތަކާއެކު، އޮޓޯލަރިންގޮލޮޖިސްޓުންވެސް މިވަނީ އެލާޓަށް އައިސްފައެވެ. އޮޓޯލަރިންގޮލޮޖިސްޓުނަކީ ބޮލާ، ކަންފަތާ، ނޭފަތާ ކަރު (އީއެންޓީ) ބަލިތަކަށް ހާއްސަ ޑޮކްޓަރުންނެވެ. ޖޯންސް ހޮޕްކިންސްގެ ދިރާސާ ޓީމުންވަނީ އީއެންޓީ ޑޮކްޓަރުންވެސް ޕޭޝަންޓުންނަށް ހިދުމަތް ދޭއިރު ހަށި ރައްކަލަށް ބޭނުންކުރާ އާލާތްތައް އޭގެ އެންމެ ރައްކާތެރި މިންގަނޑަށް ބޭނުން ކުރުމަށް އިރުޝާދު ދީފައެވެ.
ހޮސްޕިޓަލުތަކަށް ހިދުމަތް ހޯދަން ގޮސް ތިބޭ ތިބުމުގައިވެސް ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާ، ވެއިޓިންގް ރޫމްތައް ތޮއްނުޖެހޭނެ އިންތިޒާމަކުން ކަންކަން ހަމަޖެއްސުމަށްވެސް ދިރާސާ ޓީމުންވަނީ ގޮވާލާފައެވެ.