ރޭ ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޓެސްޓު ކޮށްދިނުމަށް މީގެ ހަފްތާއެއް ކުރިން އެދުމުން ވެސް ޓެސްޓު ކޮށްދީފައި ނުވާ ކަމަށް އާއިލާއިން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ނިޔާވި އަންހެން މީހާގެ ކޮއްކޮ ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ބުނީ، ކޮވިޑަށް ޕޮޒިޓިވް ވިތާ 3 ގަޑި އިރު ވެސް ނުވެ ރޭގެ ވަގުތެއްގައި ނިޔާވި އޭނާގެ އަމިއްލަ ދައްތަގެ މަރާ ގުޅިގެން އާއިލާ މީހުންނާއި އެކުވެރިން އަދި ބައެއް ނޫސްތަކުން ހަގީގަތް އޮޅޭ ގޮތައް ސުވާލު އުފައްދާތީ، ހެޔޮއެދޭ އެންމެންގެ ސަމާލު ކަމަށްޓަކައި ކަން ހިނގި ގޮތް އޮޅުން ފިލުވައި ދޭން ބޭނުންވާ ކަމަށެވެ.

ހަފްތާއެއް ކުރިން އޭޑީކޭއަށް ދިޔަ!

ކަން ހިނގައި ދިޔަ ގޮތް ސާފު ކޮށްދެމުން އޭނާ ބުނީ، މީގެ ހަފްތާ އެއް ކުރިން ދައްތަ ވަރަށް ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ޔޫރިން އިންފެކްޝަނެއް ކަމައް ބުނެ އެންޓިބަޔޮޓިކް ދީފައި ގެޔައް ފޮނުވާލާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްތޯ ބެލުމަށް ޕީސީއާރް ޓެސްޓެއް ހެދުމަށް އެދުމުން ވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

އަދި ދައްތަ އަކީ ހައި ރިސްކް މީހެއްކަން އެންމެ ބޮޑަށް އެނގޭނީވެސް އޭޑީކޭ ހޮސްޕިޓަލަށް ކަމަށް އޭނާ ބުނެއެވެ.

ނިޔާވީ ޕޮޒިޓިވްކަން އެނގުނުތާ މަދު ވަގުތުކޮޅެއް ތެރޭގައި

އޭޑިކޭއަށް ދިޔަތާ ހަފްތާއެއް ފަހުން ވެސް ހުން ރަނގަޅު ނުވެ ނޭވާ ލުމައް ދަތި ވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އޭނާ ބުނެއެވެ. އައިޖީއެމްއެޗަށް ގެންދިއުމުން އެތަނުގައި އޮންނަ އުސޫލުގެ ދަށުން އެތަނަށް ދާ ބަލިމީހުން ކޮވިޑަށް ޓެސްޓު ކުރެއެވެ. އެހެން ކަމުން އައިޖީއެމްއެޗުން ޓެސްޓު ކުރިތާ މާ ގިނަ އިރު ތަކެއް ނުވެ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނު ކަމަށް އޭނާ ބުނެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ވެންޓިލޭޓަރައް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ނިޔާ ވުމާ ދެމެދު މާ ގިނަ ވަގުތެއް ނުނަގާ ކަމަށް އޭނާ ބުނެއެވެ.

ދައްތައާމެދު ކަން ހިނގައި ދިޔަ ގޮތް ސާފުކޮށް ދީ، އޭނާ ވަނީ ދައްތަ ނިޔާވީ ފަރުވާ ނުހޯދާ ކަމައް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި މި ކަމުގައި ވަކި ބަޔަކައް އިނގިލި ދިއްކޮއްގެން ދައްތަ އަށް ދެން ފާއިދާ އެއް ނުކުރިޔަސް، ކޮންމެވެސް ބަޔަކައް ފާއިދާ ކުރާނެ ކަމައް އުންމީދު ކުރާ ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ އިންސާފު ނުލިބޭ ދުނިޔެއެއްގައި އޭޑީކޭ ފަދަ ތަނަކައް އިނގިލި ދިއްކުރުމަށް އާއިލާ އިން ނޭދޭ ކަމަށާއި، އާއިލާއިން އެދެނީ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާ ކަމަށެވެ.

ދޮންދައްތަގެ ފުރާނައަށް އެންމެ މަތިވެރި ނިއުމަތް ﷲ މިންވަރު ކުރެއްވުމަށް އެދި އޭނާ ވަނީ ދުއާ ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި އުމުރުން 52 އަހަރުގެ އަންހެނަކު ނިޔާވެފައި ވާއިރު ހެލްތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އަންހެން މީހާ ނިޔާވެފައި ވާނީ ރޭ 11:20 ގައި ކަމަށެވެ. އަދި އޭނާ ނޭވާލާން އުނދަގޫވާތީ އިޔެ ހަވީރު 4:40 ގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރެސްޕޯންސް (އީއާރު) އަށް ދައްކާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.