މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތުގެ އާމްދަނީ 11.5 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 4.35 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތައް އަޅާ ބަލާނަމަ 11.5 ޕަސެންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުނެއެވެ.
އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ރިސޯޓް ކުލީގެ އިތުރުން ރޯޔަލްޓީ އާއި ވިތުހޯލްޑިން ޓެކްސް އާއި ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމުގެ ފީ އަދި ރެސިޑެންސް ޕާމިޓްގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވި ނަމަވެސް ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ފީ އާއި އެއާޕޯޓު ސާވިސް ޗާޖު އިތުރުން އެއާޕޯޓު ޑިވްލޮޕްމެންޓް ފީ އަދި ބީޕީޓީގެ ގޮތުގައި ބަލައި ގަންނަ ފައިސާ ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓެކްސްގެ ގޮތުގައި 3.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ޓެކްސް ނޫން އެހެން ގޮތް ގޮތުން ލިބިފައިވަނީ 700 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު ބީޕީޓީން 1.13 ބިލިއަން ރުފިޔާ މިއަހަރު ވަނީ ލިބިފައެވެ.
އޭގެ އިތުރުން ގްރީން ޓެކުހުން މި އަހަރު 236 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ސާވިސް ޗާޖުގެ ގޮތުގައި 199.3 މިލިއަން ރުފިޔާ މިއަހަރު ވަނީ ލިބިފައެވެ.
ތާފަސް ހިސާބުތަކުން ދައްކާގޮތުގައި މި ކްއާޓަރުގައި މީރާ އަށް ބަލައިގަތް އާމްދަނީގެ 39.9 ޕަސެންޓަކީ ދިވެހި ރުފިޔާއެވެ. އަދި 60 ޕަސެންޓް ދައްކާފައިވަނީ އެމެރިކާ ޑޮލަރުންނެވެ.
މާސްކުން އާމްދަނީ ހަމަކުރަނީ!! ޢެސްޓީއޯއިން މާސްކުއަކުން އެއްރުފިޔާ ބޮޑުކޮއްފި. ނާޅާ ނުކުމެއްޖިއްޔާ ހާހެއް ހާހެއް... ޕުލޭން ސަޅި!