ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ އަދި އެންމެ މިނިވަން ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގައިވެސް، މަޝްހޫރު ވީޑީއޯ ޝެއާރިންގް އެޕްލިކޭޝަން "ޓިކްޓޮކް" މަނާ ކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް މަނާ ކުރުމާ ދިމާލަށް އެމެރިކާއިން އަމާޒު ހިފާފައިވާއިރު، އިންޑިއާއިންވަނީ މިކަން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާފައެވެ.

ޓްރަމްޕް ވަނީ އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމުގެ ރިޔާސީ އަމުރުގައި، އެންމެ އަވަސް ވެގެން މިއަދުގެ ވަގުތެއްގައިވެސް ސޮއިކުރައްވަފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކް އެޕްލިކޭޝަނާ މެދު އެމެރިކާގެ ސަލާމަތާ ބެހޭ އޮފިޝަލުން ކަންބޮޑުވުންފާޅުކުރައްވަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. ސަލާމަތާ ބެހޭ އޮފިޝަލުން ތުހުމަތު ކުރައްވާ ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު، ޗައިނާއަށް ހޯދައެވެ.

ނަމަވެސް، ޓިކްޓޮކްއިންވަނީ ކަސްޓަމަރުންގެ މައުލޫމާތަކީ ސަރުކާރާ ހިއްސާކުރާ މައުލޫމާތުތަކެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެއީ ޗައިނާ ސަރުކާރުން ކޮންޓްރޯލް ކުރާ އެޕްލިކޭޝަނެއް ކަމަށް ކުރެވޭ ތުހުމަތުތައްވެސް އެކުންފުނިން ދޮގު ކުރެއެވެ.

އެމެރިކާގައި މިހާރުވެސް މަހެއްގެ 80 މިލިއަނެއްހާ އެކްޓިވް އެކައުންޓުން ޓިކްޓޮކް ބޭނުން ކުރަމުންދާއިރު، އެމެރިކާއިން މި އެޕްލިކޭޝަން މަނާކޮށްފިނަމަ، އެއީ ޓިކްޓޮކް ކުންފުންޏަށް ލިބޭނެ ބޮޑު ހީނަރުކަމަށް ވާނެއެވެ.

އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމަށް ރިޔާސީ އިމްތިޔާޒުގެ ތެރެއިން ޓްރަމްޕަށް އޮތީ ކިހާ ބާރެއް ކަން އަދި ސާފެއް ނުވެއެވެ. މި އަމުރު ތަންފީޒު ކުރާނެ ގޮތުގެ ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ކުރިމަތިވާ ގާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާނީ ކިހިނެއް ކަމެއްވެސް އަދި ނޭނގެއެވެ.

ލިބެމުންދާ ރިޕޯޓްތަކަށް ބަލާއިރު، ބައިޓްޑާންސް އަތުން ޓިކްޓޮކް އެޕްލިކޭޝަން، މައިކްރޮސޮފްޓް ކުންފުންޏަށް ގަތުމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މިއީ ކުރިއަށް ހިނގައިދާނެ މުއާމަލާތެއް ކަމާ މެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. މި މުއާމާލަތް ކާމިޔާބު ވެއްޖެނަމަ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންތައް ދޫކޮށްލަން ބައިޓްޑާންސްއަށް މަޖުބޫރުވާނެއެވެ.

ޓްރަމްޕްގެ އިންޒާރާ ގުޅިގެން އެއްޗެއް ބުނުމަށް ޓިކްޓޮކްގެ ތަރުޖަމާނު ވަނީ އިންކާރުކޮށްފައެވެ. ޓިކްޓޮކުން ބުނަމުންދާހާވެސް އެއްޗަކީ، ޓިކްޓޮކްގެ ކާމިޔާބީއާއި މެދު ދިގު މުއްދަތަކަށް އުއްމީދު އެބައޮތް ކަމަށެވެ.