ދެ މީހަކަށް ވެންޓިލޭޓާަރުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވީޑް-19ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު އެޑްމިޓްކޮށްގެން 56 މީހަކަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ވޯޑްގައި ފަރުވާ ދެމުންދާ ކަމަށާއި އައިސީޔޫގައި ތިން މީހަކު ވާ އިރު އޭގެ ތެރެެއިން 2 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އެއީ ކުރިން ވެންޓިލޭޓަރުގައި އޮތް މީހެއްގެ އިތުރުން މިއަދު ވެންޓިލޭޓަރަށް ލީ 80 އަހަރުގެ ދިވެއްސެއް ކަމަށެވެ.
މިއަދު ޖުމްލަ 152 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެއްސަކާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 5 މީހަކާއި ލަންކާގެ 4 މީހުންނެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.