މި ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް 2 މިލިއަނެއްހާ މީހުން ޙައްޖުގެ އަޅުކަން އަދާ ކުރެއެވެ. ނަމަވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ބަނަ ވިލާގަނޑުގެ ހިޔަނީގައި ދުނިޔެ ކުޑަކަކޫ ޖެހިފައިވާ މިދަނޑިވަޅުގައި މުސްލިމުންނާ ބައްދަލުކުރި 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއިން ފުރުސަތު ދީފައިވަނީ އެންމެ 10000 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށެވެ. އެއީ ރައްކާތެރި ކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަނޑައެޅި އަދަދެކެވެ.
ކޮނޑާ ކޮނޑު ޖެހޭ ހިސާބުގައި ތިބެ، މާތްވެގެންވާ ކަޢުބަތުﷲ ގެފުޅު ވަށައިގެން ޙައްޖުވެރިން ތޮވާފު ކުރަމުން ދިޔަ މަންޒަރު މިފަހަރު ތަފާތެވެ. ޖިސްމާނީ ގައިދުރުކަން ދެމެހެއްޓޭހެން ޖަހާފައިވާ ފާހަގަތަކުގެ އިމުގައި ތިބެ، ޙައްޖާޖީން ތޮވާފުލް ޤުދޫމް ފުރިހަމަ ކުރަމުންދިޔަ މަންޒަރު ދުނިޔެ އެކި ކަންކޮޅުތަކުން ދިޔައީ ބަލަމުންނެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވައިގެ އުދުހުންތައް މަޑުޖައްސާލާފައި އޮތްއިރު، ބޭރު ގައުމުތަކުން ސައުދީއަށް ދަތުރުކޮށްގެން ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް މިއަހަރަކު ނެތެވެ. މި ފުރުސަތު ލިބުނީ ބޭރު ގައުމުތަކުން ސައުދީގައި މިވަގުތު ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވި މީހުންނަށެވެ. މިއަހަރުގެ ޙައްޖުވުމުގެ ފުރުސަތު ލިބުނު މީހުންނަކީ އުމުރުން 20-50 އަހަރާ ދެމެދުގެ މީހުން ކަމަށް ޚަބަރު ލިބެއެވެ.
ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިޕިއުޓީ މިނިސްޓާ ފޮ ޕްރިވެންޓިވް ހެލްތް ޑރ ޢަބްދުޣާ އަސީރީ ވިދާޅުވީ، ސައުދީގެ އަމާޒަކީ ކޮންމެ ޙައްޖުވެރިއަކަށް "ސޭފް ބަބަލް" އުސޫލުން ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ކޮންމެ ޙައްޖުވެރިއެއްގެ ވަށައިގެންވާ ސަރަހައްދަކީ ހުރިހާ ޒާތެއްގެ ނުރައްކަލަކުން ސަލާމަތްވެފައިވާ ސަރަހައްދެއްކަން ކަށަވަރު ކޮށްދިނުމެވެ. ޙައްޖުވެރިންނަށް ބޭނުންވާ ޕީޕީއާއި ސެނިޓައިޒާ ފަދަ ތަކެއްޗަކީ ހިލޭ ސާބަހަށް ސައުދީއިން ފޯރުކޮށްދޭ ތަކެއްޗެވެ.
ޙައްޖުގެ އަޅުކަމަށް މިއަދު ޖަމާވެ ތިބި ހުރިހާ ޙައްޖީންނަކީ ކަރަންޓީނުގެ ހަރުކަށި މަރުހަލާތަކެއް ފުރިހަމަކޮށް، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ސްކްރީނިންގް ފުރިހަމަ ކޮށްފައިވާ މީހުން ކަމަށް ވީ ނަމަވެސް، ޙައްޖުގެ އަޅުކަމުގެ ޖަމާއަތް ހަދަނީ ޖިސްމާނީ ގައިދުރުކަމާއެކުގައެވެ.