މުސްލިމުންގެ ޤިބްލަ ކަމުގައިވާ މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލެވިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާ އާ ކޮށްފިއެވެ.

ކިސްވާ އާ ކުރުމުގެ މަސައްކަތް އިއްޔެއިން ފަށަފައިގެން ކުރިއަށް ގެން ގޮސްފައިވާއިރު، ގެފުޅުގައި އާ އުރަކޮޅު އަޅުވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޙައްޖު 1441: މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލެވިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާ އާ ކުރުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ހަރަމައިން

ގެފުޅުގެ ވަށައިގެންވާ ކިސްވާ ތައްޔާރު ކުރުމަށްޓަކައި 670 ކިލޯގެ ފަށުވި، 120 ކިލޯގެ ރަން އަދި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށްފައިވެއެވެ. 21 މެޝިނެއްގެ ބޭނުންކޮށްގެން ކިސްވާގެ ފަރުމާގެ މަސައްކަތްތައް ނިންމާލާފައިވަނީ 200 އެއްހާ މީހުންގެ ޓީމަކުންނެވެ.

ކިސްވާ ބަދަލު ކުރުމުގެ މަސައްކަތުގައި 160 މީހަކު ބައިވެރިވެއެވެ. ގެފުޅުގެ ކިސްވާގެ ބަރުދަނުގައި 1150 ކިލޯގްރާމް ހުރެއެވެ.

ޙައްޖު 1441: މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލެވިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާ އާ ކުރުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ހަރަމައިން

ގެފުޅުގެ އާ ކިސްވާ ތައްޔާރުކުރަނީ މައްކާގެ އުއްމު އަލް-ޖޫދު އަވަށުގައި ހުންނަ ކިންގް ޢަބްދުލް ޢަޒީޒް ކޮމްޕްލެކްސްގައެވެ. ކިސްވާ ތައްޔާރު ކޮށްފައި ހުންނަނީ ގުދުރަތީ ހާއްސަ ފަށުވި، ކަޅު ކުލައިން ޑައީ ކޮށްގެންނެވެ. ކިސްވާ އެކުލެވެނީ މައިގަނޑު 4 ބައެއްގެ މައްޗަށެވެ. އަދި އިތުރު ބައެއް ގެފުޅުގެ ދޮރުކޮޅުގައިވެސްވެއެވެ.

ސައުދީގެ ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން، ގެފުޅުގެ އިސް ބެލެހެއްޓުން ތެރިޔާ ސޯލިހު ބިން ޒައިން އަލް-އާބިދީން އަލް-ޝައިބީއާއި ކިސްވާ، ހަވާލު ކުރައްވާފައިވަނީ މައްކާގެ ގަވަރުނަރު އަމީރު ޚާލިދު އަލް-ފައިސަލްއެވެ.

ޙައްޖު 1441: މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލެވިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާ އާ ކުރުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ހަރަމައިން

1441 ވަނަ އަހަރުގެ ޙައްޖު ދުވަސް ބައްދަލުކޮށްފައި މިވަނީ، މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރެއިންނެވެ. މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ޙައްޖުގެ އަޅުކަން ކުރިއަށް ގެންދަނީ ހާއްސަ އިންތިޒާމްތަކެއްގެ ދަށުންނެވެ.

މީގެ ކުރިން 2 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ނަސީބު މިއަހަރު ލިބިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީގައި މިވަގުތު ވަޒަންވެރިވެ ތިބި 1000 މީހަކަށެވެ.

ޙައްޖު 1441: މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ޙައްޖުވެރިން ތޮވާފުލް ޤުދޫމް ފުރިހަމަ ކުރަނީ/ފޮޓޯ: ހަރަމައިން ޝަރީފައިން

ގެފުޅުގެ ވަށައިގެންވާ އުރަކޮޅު ނަގާ، އާ އުރަކޮޅު އެޅުވުމަށް ވަގުތުތަކެއް ހޭދަވާއިރު، މިހާތަނަށް އެންމެ އަވަހަށް ކިސްވާ ބަދަލުކޮށްފައިވަނީ 3 ގަޑިއިރާ 30 މިނެޓްގެ ތެރޭގައެވެ.