ޓޮބްލެރޯން ޗޮކްލެޓަކީ މުޅި ދުނިޔޭގެ އެއް ނަމްބަރު ޗޮލްކެޓް ބްރޭންޑަށް ނުވެދާނެއެވެ. ނަމަވެސް، ވައިގެ އުދުހުންތަކުގެ ތޮފިއަޅައިގެން ހުރެ ބަލާއިރު، މިއަށްވުރެ މަގުބޫލު އިތުރު އެހެން ބްރޭންޑެއް ނެތޭވެސް ދެންނެވިދާނެއެވެ.

ޓޮބްލެރޯން ޗޮކްލެޓެކޭ ބުނުމުން ނޭނގޭ މީހާއަށްވެސް، އެ ޗޮކްލެޓްގެ ހާއްސަ ބައްޓަން ސިފަކޮށްދިނުމުން އެ ކޯއްޗެއްކަން ނޭނގި ނުދާނެއެވެ. ބޯޓަށް އަރަން ދިއުމުގެ ކުރިން ޑިއުޓީ ފްރީގައި ހޭދަކޮށްލާ ވަގުތުތަކަށް ވިސްނާލާށެވެ. ތިނެސްކަން ބައްޓަމަށް، ރަންކުލައަކުން ބަންދުކޮށްފައި އޮތް ޗޮކްލެޓުގައި އަޅައިނުގަނެ ހަމަ ހިނގައިދާނެ ބާއެވެ؟

ޓޮބްލެރޯން ޗޮކްލެޓްއަށް ހާއްސަ ކައުންޓަރެއް/ފޮޓޯ: ދަމޫޑީޑޭވިޓްރިޕޯޓް

އެމެރިކާގެ ނިއުޔޯކް ފެޝަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕެކޭޖިންގް އެންޑް ޑިޒައިން ޑިޕާޓްމަންޓްގެ ޗެއާ، މެރިއޭން ކިލިމްޗަކް ބުނާ ގޮތުގައި، ޓޮބްލެރޯން ޗޮކްލެޓަކީ ދަތުރުފަތުރުގެ ރަމްޒެކެވެ. ޗޮކްލެޓްގެ ފަރުމާގެ އަސްލަކީ އިހު ޒަމާނުގައި ބޭނުން ކުރި ލަގެޖް ލޭބަލަކަށް ވާއިރު، މި ޗޮކްލެޓްގެ ހާއްސަ ކަމަކީ، ވިލާތުގެ ސަގާފަތާ ގުޅިފައިވާ ކަމެއް ކަމަށްވެސް އޭނާ ބުނެއެވެ.

ޓޮބްލެރޯން ބްރޭންޑަށް މިހާރު 120 އަހަރެއްހާ ދުވަސް ވެދާނެއެވެ.

ޓޮބްލެރޯން ޗޮކްލެޓް އުފެއްދީ ސްވިޓްޒަލަންޑްގައި ޗޮކްލެޓް އުފައްދަމުން ދިޔަ ތިއަޑޯ ޓޮބްލާއެވެ. އެއީ 1908 ވަނަ އަހަރެވެ. ހާއްސަ ކަމަކަށް ވީ، އިޓަލީވިލާތަށް ހާއްސަ މާމުޔާ ނާޓް ނޫގޭ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޓޮރޯން ޗޮކްލެޓެއްގައި ހިމެނުމެވެ. މި ޗޮކްލެޓަށް "ޓޮބްލެރޯން" އޭ ކިއުނީ މިސަބަބާ ހެދިއެވެ. ޓޮބްލާގެ ނަމާ، އެ ޗޮކްލެޓުގައި ހިމެނި ޓޮރޯން މަސްހުނިކޮށްލައިގެންނެވެ.

ޓޮބްލެރޯން ޗޮކްލެޓް/ފޮޓޯ: ދަމޫޑީޑޭވިޓްރިޕޯޓް

ކާބޯތަކެއްޗާ ބެހޭ ލިޔެކިއުންތައް ލިޔަމުން އަންނަ އާވިން ލިޕްއަކީ، ދުނިޔޭގެ އެހެން ކޮންމެ ހިސާބެއްގައި ބޮޑުވަމުން އަންނަ ކުއްޖެކޭ އެއްފަދައިން، ދަތުރު ކުރުމުގެ ފުރިހަމަ ލައްޒަތާ ޓޮބްލެރޯން ޗޮކްލެޓް ގުޅުވި ކުއްޖެކެވެ. ކޮންމެ ކޮންމެ މީހަކީ މާ ގިނައިން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ތަނަވަސްކަން ލިބިފައިވާ މީހަކަށް ނުވާއިރު، ކޮށްލަން ލިބޭ ހަމަ އެކަނި ދަތުރުގައި ޓޮބްލެރޯން ޗޮކްލެޓެއް ލިބުމަކީ ދަތުރު އިންތިހާއަށް ފުރިހަމަވާ ކަމެއްގެ ގޮތުގައި އޮންނަނީ ވެފައެވެ.

ޓޮބްލެރޯން ޗޮކްލެޓް ބަންދުކޮށްފައިވާ ކަރުދާހުގައިވާ ސްވިސް އެލްޕައިން ފަރުބަދައިގެ ތަސްވީރަށް ފެނި، ޗޮކްލެޓުގެ ބައްޓަން އައީ އެ ފަރުބަދަ ރަމްޒުކޮށްދިނުމަށް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވެއެވެ. ނަމަވެސް ހަގީގަތަކީ އެޔެއް ނޫނެވެ. ހަގީގަތަކީ ހުރިހާ ގޮތަކުންވެސް ތަފާތު ޗޮކްލެޓެއް އުފެއްދުމަށް ޓޮބްލާ ބޭނުން ވުމެވެ.

ޓޮބްލެރޯން ޗޮކްލެޓްގެ އެންމެ ހާއްސަ އަނެއް ކަމަކީ، މި ޗޮކްލެޓަށް ހާއްސަ އިޝްތިހާރުތަކާ، ޖިންގަލްތަކާ، ބްރޭންޑް އެމްބެސެޑަރުންވެސް ނުތިބޭ ކަމެވެ. މި ބްރޭންޑަށް އިހުތިރާމްކޮށް، ޕްރޮމޯޓް ކުރަމުންދަނީ ހަމަ ހަގީގީ ޗޮކްލެޓްގެ ލޯބިވެރިންނެވެ.

ޓޮބްލެރޯން ޗޮކްލެޓް/ފޮޓޯ: ޓްވިޓާ

ހަރަދުތައް ބޮޑުވަމުން އަންނަ އަދުގެ ދުނިޔޭގައި ޓޮބްލެރޯން ޗޮކްލެޓަށްވެސް އެ ބަނަވިލާގަނޑުގެ ހިޔަނި އެޅުނެވެ. ހަރަދުތައް ދެކޮޅު ޖެއްސުމަށް، ޗޮކްލެޓްގެ ސައިޒް ކުޑަކުރަން ޖެހުނެވެ. ކުންފުނިން ނިންމީ ޗޮކްލެޓްގައިވާ ތިނެސްކަން އުފުލުންތަކުގެ ދެމެދުގައިވާ ޖާގަ ބޮޑު ކުރުމެވެ. ނަމަވެސް ޗޮކްލެޓްގެ ފޭނުންނަށް އެކަން ހަޖަމެއް ނުވިއެވެ. ނަތީޖާއަކަށްވީ، 2 އަހަރު ފަހުން އިހު ހުރި ބައްޓަމަށް ޗޮކްލެޓް އަލުން ފަރުމާ ކުރަން ފެށުމެވެ. އަގު ބޮޑު ކުރަންޖެހުމެވެ. ބަދަލު ނުވި އެއްޗަކީ ޑިމާންޑެވެ.

ވައިގެ އުދުހުންތަކާ ޓޮބްލެރޯން ޗޮކްލެޓާ ކަނޑައެޅިގެން އޮތީ ކޮން ގުޅުމެއް ކަމަށް ބުނަން ނޭނގުނު ނަމަވެސް، މިއީވެސް ޗޮކްލެޓްގެ ހާއްސަ ސިފައެއް ކަމުގައި ބަލަމާ ހެއްޔެވެ!