އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަ ވަމުން އަންނައިރު، ރެލީތަކުގައި ޖަހާ ލަވަތަކަކީ މިއުޒީޝަނުންނާ ފަންނުވެރިންގެ އިޒުނަޔާ އެކުގައި ބޭނުން ކުރާ ލަވަތަކަކަށް ހެދުމަށް، އެމެރިކާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ތަރިން ގޮވާލައިފިއެވެ.

ސިޔާސީ ރެލީތަކުގައި ބޭނުން ކުރާ ލަވަތަކަކީ ހައްގުވެރިންގެ އިޒުނަޔާ އެކުގައި ބޭނުންކުރާ ލަވަތަކަކަށް ހެދުމަށް ގޮވާލާ ފަންނުވެރިންގެ ތެރޭގައި މިކް ޖެގާ، ލޯޑް އަދި ސިއާ ފަދަ ތަރިން ހިމެނެއެވެ. ގާތްގަނޑަކަށް 50 އެއްހާ ފަންނުވެރިން ވަނީ މިކަމަށް ގޮވާލާ އޯޕަން ލެޓާގައި ސޮއިކޮށްފައެވެ.

މި ގޮވާލުމަކީ ވެރިކަން ކުރާ ރިޕަބްލިކަންސްގެ އިތުރުން އިދިކޮޅު ޑިމޮކްރަޓުންނަށްވެސް މިއުޒީޝަނުން ގޮވާލި ގޮވާލުމެކެވެ. 2016 ވަނަ އަހަރުގެ އިންތިހާބުގައިވެސް، ކެމްޕޭން މިއުޒިކްގެ މައްސަލަ އޮތީ ހޫނުވެފައެވެ. މިއަހަރުވެސް މިކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ދަނީ ފެންނަމުންނެވެ.

ރިއާނާ، އެޑޭލް އަދި ދަ ރޯލިންގް ސްޓޯންސް ފަދަ ޝަހްސުތަކާ ބޭންޑުތަކުން ވަނީ ރެލީތަކުގައި އެ ފަންނުވެރިންގެ މިއުޒިކް ބޭނުން ނުކުރުމަށް ދެވަނަ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި ޑޮނާލްޑް ޓްރަމްޕަށްވެސް ގޮވާލާފައެވެ. ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އެމެރިކާގެ ކޮޕީރައިޓްސް ގާނޫނު އޮންނަ ގޮތުން، ލިޔުންތެރިންގެ ޖަމިއްޔާއިން ބަލައިގެންފައިވާ އާންމު އެއްވުންތަކަށް ހާއްސަ މާހައުލެއްގައި ލަވަތައް ބޭނުންކުރުމުގެ ފުރުސަތު ސިޔާސީ ޝަހްސުންނަށް އޮވެއެވެ. ނަމަވެސް އެކަމާ ދެކޮޅަށް ނިކުތުމުގެ ބާރު، ފަންނުވެރިންނަށް ލިބެނީ، އެމީހުންގެ އަބުރާ ނަމަށް އުނިކަން ލިބޭ ގޮތަށް ލަވައިގެ ނާޖާއިޒު ބޭނުން ކުރާ ހިސާބުންނެވެ.