2019 ވަނަ އަހަރުގެ ދަރަޖައަށް ވައިގެ އުދުހުންތަކުގެ ސިނާއަތް، 2024 ވަނަ އަހަރުގެ ކުރިން އުފުލިގެން ނުދާނެ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފިއެވެ.

މިއީ ވައިގެ އުދުހުންތަކުގެ ސިނާއަތް ހެޔޮ ފާލަކަށް އެޅޭނެ ކަމަށް، މީގެ ކުރިން ލަފާކޮށްފައިވާ ރާސްތާއަށް ވުރެވެސް ފަހުގެ ތާރީހެކެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޔާޓާއިން ބުނީ، ހުސްވި ޖޫން މަހު ވައިގެ އުދުހުންތަކުގެ ސިނާއަތުން އެދެވޭ ސިގްނަލްތަކެއް ދިން ކަމުގައި ވީ ނަމަވެސް، އެ ސިގްނަލަކީ އިންތިހާއަށް ބަލި ސިގްނަލެއް ކަމަށާ، އެއަށްވުރެ އެ ސިގްނަލް ވަރުގަދަ ވާނެ ކަމަށް ކުރިން ލަފާ ކުރެވުނު ކަމަށެވެ.

ވިލާތަށް ބަލާއިރު ހެޔޮ ފާލަކާ ދިމާލަށް އެއްވެސް ވަރަކަށް މިސްރާބު ނުޖަހާ ކަމަށްވެސް ބުނެވިދާނެ ކަމަށާ، ފަސެންޖަރުންގެ އަދަދުވެސް ތާރީހު ނުދެކޭހާ މަދު ކަމަށް މައުލޫމާތު ލިބެއެވެ. އެއާލައިންތަކުން ކެޕޭސިޓީ އިތުރު ކުރަމުންދާ މިންވަރަށް ޓްރެފިކް އިތުރު ނުވާއިރު، މިއާއެކު ބޭކާރު ގޮތުގައި އަނދައިގެންދަނީ ފައިސާއެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ކުރިން ވިޔަފާރީގެ އެކި ބޭނުންތަކަށް ދަތުރުކުރި މިންވަރާ ގާތަށް ދުވަހަކުވެސް ދެން ދަތުރު ނުކޮށްފާނެ ކަމުގެ ކަންބޮޑުވުން އަޔާޓާއިން ވަނީ ފާޅުކޮށްފައެވެ. ޒަމާނީ އާ ޓެކްނޮލޮޖީއާ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހެމުން ދިއުމުގެ ސަބަބުން، ވިޔަފާރީގެ ބޭނުންތަކަށް އުދުހުނު އުދުހުންތައް ދާއިމީ ގޮތެއްގައި މެދުކަނޑާލުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑުކަމަށް އަޔާޓާއިން ލަފާކުރެއެވެ. ކުރިއަށް އޮތް އަހަރުތަކަށް ބަލާއިރު، ވިޔަފާރީގެ ބޭނުންތަކަށް ކުރި ދަތުރުތަކުން ލިބުނު އާމްދަނީ، ފޫބައްދަން ޖެހޭނީ، ކާގޯ އުފުލައިގެން ކަމަށް ވުން އެކަށީގެންވާކަމަށްވެސް އަޔާޓާއިން ވަނީ ލަފާކޮށްފައެވެ.

އަޔާޓާގެ ޑައިރެކްޓާ ޖެނެރަލް އަދި ސީއީއޯ އެލެކްޒެންޑާ ޑި ޔުއާނިކް/ފޮޓޯ: އޭއެފްޕީ

ސީދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ވައިގެ އުދުހުންތަކާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، އަޔާޓާގެ ޑައިރެކްޓާ ޖެނެރަލް އަދި ސީއީއޯ އެލެކްޒެންޑާ ޑި ޔުއާނިކް ވިދާޅުވީ، ޓެސްޓު ކުރުމަށް އަޔާޓާއިން ތާއީދު ކުރާ ކަމަށާ، ވަކިން ހާއްސަކޮށް އިންފެކްޝަން ރޭޓްގައި ތަފާތުތަކެއް ހުރި ގައުމުތަކަށް ދަތުރު ކުރުމުގައި މި ކަމަށް ތާއީދު ބޮޑު ކަމަށެވެ. ނަމަވެސް، ވައިގެ އުދުހުންތަކުގައި ކުރިމަތިލާންޖެހޭ އެކި ގޮންޖެހުންތަކާ އެކަށީގެންވާ މިންވަރަކަށް ޓެސްޓު ކުރުމަށް، އެ ނިޒާމު ތަރައްގީ ވެފައިވާކަމަށް ގަބޫލު ނުކުރައްވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގައި ޝާމިލުވާ ފަސެންޖަރުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ހިނގާ ޚަރަދަކީ ސަރުކާރުތަކުން ފޫބައްދާދޭންޖެހޭނެ ޚަރަދެއް ކަމަށްވެސް އަޔާޓާއިން މިއަދު ވަނީ ބުނެފައެވެ.

އަޔާޓާގެ ސީއީއޯ ވިދާޅުވީ ދަތުރުފަތުރުގެ ތެރެއިން ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަސް ޓެސްޓު ކުރުމުގެ އެހީ ބޮޑު ކަމަށެވެ. ނަމަވެސް ޓެސްޓު ކުރުމަށް ހިނގާ ޚަރަދަކީ، ފަސެންޖަރުން ދައްކަންޖެހޭ އަގަކަށް ވެއްޖެނަމަ، ވައިގެ މަގުން ދަތުރު ކުރުމަށް އޮތް ހުރަހަކަށް އެކަން ވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.