ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ފިރިހެނެއް ކަމަށާއި އޭނާ އަކީ ދެބައި އުމުރުގެ މީހެއް ކަމަށެވެ.

އެމީހާ ކޮވިޑަށް ޓެސްޓު ކޮށްފައި ވަނީ ރޯގާ ޖެހިގެން ކަމަށް އައިމިނަތު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަހަރު ޓެސްޓު ކުރުމުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކި ނަމަވެސް ދެވަނަ ފަހަރު ޓެސްޓު ކުރުމުން އެމީހާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ.

އައިމިނަތު ވިދާޅުވި ގޮތުގައި އެމީހާ ވަނީ ގިނަ ބަޔަކާ ކޮންޓެކްޓު ވެފައެވެ. އަދި މީހާރު އެމީހާ ވަނީ އެކަހެރި ކޮށްފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕޮޒިޓިވްވި މީހާ އަކީ ކެލައާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއްގެ ކެޕްޓަން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމަލަ އަދަދު ވަނީ 3369 އަށް އަރާފައެވެ. ރާއްޖެއިން މިއަދު ރަނގަޅުވެފައި ވަނީ 13 މީހުންނެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 602 މީހުން ތިބި އިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދު 792 އަށް އަރައިފިއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.