ޙައްޖުގެ މަތިވެރި އަޅުމަކީ މި ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު ބައިވެރިވާ އަޅުކަމެއް ނަމަވެސް، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު، މިކަމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއިން މިއަހަރު ހުއްދަ ދީފައިވަނީ އެންމެ 1000 މުސްލިމުންނަށެވެ. އެއީވެސް ސައުދީގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެކަންޏެވެ. ގައުމުން ބޭރު އެއްވެސް މީހަކަށް އެ ފުރުސަތެއް މިއަހަރަކު ނެތެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސައުދީއިން، މިއަހަރު އޮންނާނީ "ލިމިޓަޑް" ޙައްޖެއް ކަން އިއުލާން ކުރީ ޖުލައި 6 ވަނަ ދުވަހުއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ ވުޒާރާއިން ބުނީ، މި ފިޔަވަޅަކީ އާންމު ސިއްހަތު ސަލާމަތް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ޙައްޖު ވަޒީރު މުޙައްމަދު ބިންތީން ވިދާޅުވީ، މިއަހަރު ޙައްޖުވާނެ މީހުން ރިވިއު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ، ޙައްޖުވުމުގެ ފުރުސަތު ލިބޭ މީހުންގެ އަދަދު ގާތްގަނޑަކަށް 1000 އަށްވުރެ އިތުރު ވެ ނުވަތަ އެއަށްވުރެވެސް ދަށްވެދާނެ ކަމަށެވެ.

ސިއްހަތާ ބެހޭ ވަޒީރު ތައުފީގު އަލް-ރާބިއާ ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ އެއްވެސް މީހަކަށް މިއަހަރުގެ ޙައްޖުގައި ބައިވެރި ނުވެވޭނެ ކަމަށާ، ދާއިމީ ބަލިތައް ހުންނަ މީހުންނަށްވެސް މި ފުރުސަތު މިފަހަރު ދެވެން ނެތް ކަމަށެވެ.

މައްކާއަށް ވަނުމުގެ ކުރިން ކޮންމެ ޙައްޖާޖީއެއްވެސް ކޮވިޑް-19އަށް ޓެސްޓު ކުރާއިރު، ޙައްޖުގެ އަޅުކަމަށްފަހު ކޮންމެ ޙައްޖުވެރިއަކުވެސް ގޭގައި ކަރަންޓީނު ކުރާނެއެވެ.

ހުރިހާ ވަގުތެއްގައި މާސްކު ބޭނުން ކުރުމަކީ ޙައްޖާޖީންނާ ކަންކަން އިންތިޒާމް ކުރާ ފަރާތްތަކަށް ލާޒިމުކޮށްފައި އޮތް ކަމެކެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށް ޙައްޖާޖީން އެތެރެވަނީ/ފޮޓޯ: ހަރަމައިން ޝަރީފައިން | ސައުދީ ޙައްޖު މިނިސްޓްރީ

މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގައި ބީހުމާ، ބޮސްދިނުން މިއަހަރު އޮތީ މުޅިން މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ކުރާ ނަމާދުތަކާ، ތޮވާފު ކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖާޖީއެއްގެ މެދުގައި 1.5 މީޓަރު (5 ފޫޓު) ގެ ޖިސްމާނީ ގައިދުރުކަން ބަހައްޓަންޖެހޭ ކަމަށް ސެންޓާޒް ފޮ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (ސީޑީސީ)ގެ ބަޔާން ބުނެއެވެ.

މިނާ، މުޒްދަލިފާ އަދި އަރަފާތު ފަރުބަދައަށް ޒިޔާރަތް ކުރުމުގެ ފުރުސަތު، އޯގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނީ ހަމައެކަނި ޙައްޖު ޕާމިޓް އޮތް ފަރާތްތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުމަކީ، ފާއިތުވީ 90 ވަރަކަށް އަހަރުގެ ތެރޭގައި، ބޭރުން ޒިޔާރަތް ކުރާ މެހެމާނުންނާ ނުލާ ސައުދީއިން ޙައްޖުގެ އަޅުކަން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. ތާރީހަށް ބަލާއިރު ހަނގުރާމަތަކާ، އެކި ކަހަލަ ބަލިމަޑުކަމާ ގުޅިގެން ޙައްޖުގެ އަޅުކަން ކެންސަލްކޮށްފައި އެބަހުއްޓެވެ. ނަމަވެސް 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ހާންދާން އުފެދުނު ފަހުން، ޙައްޖު ކެންސަލް ކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި، ސައުދީގައި ތިބި ބައެއް ދިވެހިން ބައިވެރިވެއެވެ.

ޙައްޖާޖީން މައްކާއަށް ވަންނަން ފަށާފައިވާއިރު، ސައުދީއިން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކަޢުބަތުﷲ ގެފުޅު އަދި އެ ސަރަހައްދުގައިވާ ހަޖަރު އަލް-އަސްވަދު ހިލަ ސްޓެރެލައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.