400 މިލިއަން ޑޮލަރާ ހަމައަށް ފައިސާ މާރުކޮށްދިނުމަށް އިންޑިއާއާއި ސްރީލަންކާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ކަރަންސީ ސްވޮޕް ނުވަތަ ފައިސާ މާރުކުރުމުގެ މި އެއްބަސްވުމަށް އިންޑިއާގެ މަރުކަޒީ ބޭންކު (އާރްބީއައި) އިން ރުހުން ދީފައިވާއިރު، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި އެއްބަސްވުމުގެ މުހުލަތު ދެމިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.

މި އެއްބަސްވުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ސްރީލަންކާއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އެ ގައުމުގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާއިން އެޅި ފިޔަވަޅެއް ކަމަށް އިންޑިއާ މީޑިއާއިން ސިފަކުރެއެވެ.

މި އެއްބަސްވުމާއެކު ސްރީލަންކާގެ ރިޒާވް ތިޔާގި ކުރުމަށްޓަކައި އާރް.ބީ.އައިއިން ލޯނަށް ފައިސާ ނެގުމުގެ ފުރުސަތު، ސްރީލަންކާގެ މަރުކަޒީ ބޭންކަށް ފަހިވެގެންދާނެއެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އެންމެ ބަލިކަށި ފައިސާގެ ނިޒާމެއް އޮންނަނީ ސްރީލަންކާގައެވެ.

މި ދަނޑިވަޅަކީ ދެގައުމުވެސް ދަރަނި އަދާކުރުމުގެ މުހުލަތު ރީޝެޑިއުލް ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ.