ދާދި ފަހުން އަލުން އަނބުރާ މިސްކިތެއްގެ ދަރަޖައަށް ބަދަލު ކުރި ތުރުކީވިލާތުގެ ތާރީހީ ބިނާ ހާޔާ ސޯފިއާގައި 86 އަހަރަށްފަހު، ފުރަތަމަ ފަހަރަށް މުސްލިމުން ނަމާދުކޮށްފިއެވެ.

ގާތްގަނޑަކަށް 1500 އެއްހާ އަހަރު ވެފައިވާ ހާޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރައްވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ނިންމެވީ، ޒަމާނީ ތުރުކީވިލާތުގެ ފެށުމާއެކުގައި ހެން ހާޔާ ސޯފިއާއަކީ ދާރުލް އާސާރެއް ކަމަށް ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ތުރުކީވިލާތުގެ އެންމެ މަތީ ކޯޓުން ދާދި ފަހުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ހާޔާ ސޯފިއާ ދާރުލްއާސާރަކަށް ބަދަލު ކުރުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް އުރުދުގާން ސިފަކުރައްވައެވެ.

މިސްކިތަކަށް އަލުން އަނބުރާ ހާޔާ ސޯފިއާ ބަދަލު ކުރި ފަހުން އެތަނުގައި މިއަދު ފުރަތަމަ ކޮށްފައިވަނީ ހުކުރު ނަމާދެވެ.

އެތައް ހާސް މުސްލިމުނެއް ބައިވެރިވި މިއަދުގެ ހުކުރު ނަމާދުގައި، އުރުދުގާންގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ތުރުކީވިލާތުގެ އޮސް އޮފިޝަލުންވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.

ނަސޯރާ ދީނުގެ ފައްޅިއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާކުރި ހާޔާ ސޯފިއާގައި ހުރި ޣައިރު ދީނުގެ ރަމްޒުތަކަކީ ނަމާދު ވަގުތުތަކުގައި ފަރުދާ ދަމައިގެންނާ، އަލިތައް ނިއްވާލައިގެން ފޮރުވާލާނެ ރަމްޒުތަކެއް ކަމަށް ތުރުކީވިލާތުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ތުރުކީވިލާތުގެ ހާޔާ ސޯފިއާ ބިނާގެ އެތެރެ/ފޮޓޯ: ޔޫޓިއުބް

ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ނަމާދު ވަގުތުތައް ނޫން ވަގުތުތަކަކީ ޣައިރު މުސްލިމުންނަށްވެސް އެ މިސްކިތަށް ޒިޔާރަތް ކުރެވޭނެ ވަގުތެއް ކަމަށާ، ޣައިރު ދީންތަކުގެ ރަމްޒުތަކާ މަންޒަރުތައް އެވަގުތުތަކުގައި ފެންނަން ހުންނާނެ ކަމަށެވެ.

މީގެ 1500 އަހަރު ކުރިން ނަސޯރާ ފައްޅިއެއްގެ ގޮތުގައި ބިނާ ކުރި ހާޖިއާ ސޯފިއާ، މިސްކިތަކަށް ބަދަލު ކުރީ 1453 ވަނަ އަހަރުއެވެ. އަށްފަހު 1934 ވަނަ އަހަރު ދާރުލް އާސާރަކަށް ބަދަލުކުރިއެވެ. އެއަށްފަހު، ހާޖިއާ ސޯފިއާއަކީ ޔުނެސްކޯއިން ލިސްޓުކުރާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައިވެސް ހިމެނުނު ބިނާއެކެވެ.

ހާޖިއާ ސޯފިއާ މިސްކިތަކަށް އަލުން އަނބުރާ ބަދަލު ކުރުމަށް، ތުރުކީވިލާތުގެ މުސްލިމުން ގޮވާލަމުން ދިޔަ ނަމަވެސް، ސެކިއުލާ ފިކުރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ މިކަމަށް ހުރަސް އަޅަމުންނެވެ. ހާޖިއާ ސޯފިއާއަށް މިސްކިތެއްގެ ދަރަޖަ ދިނުމަށް ހުށަހެޅި ޕްރޮޕޯސަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިޔާސީ ލީޑަރުންވެސް ފާޑުކިއެވެ.

ނަމަވެސް، އުރުދުގާން ވަނީ މިހުރިހާ ފާޑުކިއުންތަކަކާ ދެކޮޅަށް ތުރުކީވިލާތުގެ ނިންމުން ދިފާއު ކުރައްވާފައެވެ. ހާޖިއާ ސޯފިއާއަށް އަލުން އަނބުރާ މިސްކިތެއްގެ ދަރަޖަ ދީފައިވަނީ، ތުރުކީވިލާތަށް ލިބިދީފައިވާ އިސްތިގުލާލީ ބާރުގެ ތެރެއިން ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

ހާޖިއާ ސޯފިއާގެ ތާރީހު ފެށެނީ 537 ވަނަ އަހަރު، ބީޒަންޓީނުންގެ އެމްޕަރާ އެ އިމާރާތް ބިނާ ކުރި ހިސާބުންނެވެ. ބޮޑު ގުއްބަކާއެކު ބިނާ ކުރި މި ފައްޅިއަކީ ދުނިޔޭގައި އޭރު ހުރި އެންމެ ބޮޑު ފައްޅި އަދި އިމާރާތްކަމަށް ބުނެވެއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން، ހާޔާ ސޯފިއާ މިސްކިތުގައި/ފޮޓޯ: އާރްޓީއެޗްކޭ

1453 ވަނަ އަހަރު ބީޒަންޓީނުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކާއެކު، އުސްމާނީ ސުލްތޯން މަހްމޫދު 2 ވަނަ، އިސްތަންބޫލް (އޭރުގެ ކޮންސްޓަންޓިނޯޕަލް) ހިފިއެވެ. އަދި ހާޖިއާ ސޯފިއާގައި ހުކުރު ނަމާދު ކުރެއްވިއެވެ. ގިނަ ދުވަހެއް ނުވެ، ހާޖިއާ ސޯފިއާގެ އިމާރާތް މިސްކިތަކަށް ބަދަލުކޮށް، 4 މުންނާރު އިތުރު ކުރިއެވެ. އަދި އަރަބި ކެލިގްރަފީއިން ތަން ޒީނަތްތެރިކޮށް ނަސޯރާއިންނާ ގުޅުންހުރި ފަރުމާތައް ފޮރުވާލިއެވެ.

އުސްމާނީ ދައުލަތުގެ ރަން ދުވަސްވަރު، މުސްލިމުންގެ ތަނެއްގެ ގޮތުގައި ހާޖިއާ ސޯފިއާ އޮތެވެ. އެއަށްފަހު ތުރުކީވިލާތަކީ ސެކިއުލާ ގައުމަކަށް ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން، 1934 ވަނަ އަހަރު ހާޖިއާ ސޯފިއާ ދާރުލް އާސާރަކަށް ބަދަލު ކުރެވުނެވެ. ހާޖިއާ ސޯފިއާއަކީ ތުރުކީވިލާތަށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަހަރަކު، ގާތްގަނޑަކަށް 3.7 މިލިއަން މީހުން ހާޖިއާ ސޯފިއާއަށް ޒިޔާރަތް ކުރެއެވެ.