އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން 6 އަހަރު ދުވަސްވަންދެން ބަންދުކޮށްގެން އުޅުނު ހައި-ޕްރޮފައިލް ރެފިއުޖީ ނޫސްވެރިޔާ ބިހްރޯޒް ބޫޝާނީއަށް ނިއުޒީލަންޑުން ހިމާޔަތް ދީފިއެވެ.

އީރާނުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ބޫޝާނީ، އޮސްޓްރޭލިއާގެ ހައްޔަށް ފިލައިގެން ނިއުޒީލަންޑަށް ގޮސް، ކްރައިސްޓްޗާޗްގައި ދިރިއުޅުން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

ނިއުޒީލަންޑުން ހިމާޔަތް ދީފައިވާ އީރާނުގެ ރެފިއުޖީ ނޫސްވެރިޔާ ބިހްރޯޒް ބޫޝާނީ/ފޮޓޯ: ދަ ގާޑިއަން

ކަނޑު ބޯޓެއްގައި ބޫޝާނީ އެންމެ ފުރަތަމަ އޮސްޓްރޭލިއާއަށް ދަތުރުކުރީ 2013 ވަނަ އަހަރުއެވެ. އޮސްޓްރޭލިއާއިން ހިމާޔަތް ހޯދުމުގެ އުއްމީދުގައެވެ. ނަމަވެސް، ހިމާޔަތް ހޯދަން އަންނަ ފަރާތްތަކާ ދެކޮޅަށް އޮސްޓްރޭލިއާއިން ގެންގުޅެމުންދިޔަ ހަރުކަށި ފިޔަވަޅުތަކާއެކު ބޫޝާނީ ހައްޔަރުކޮށް، ޕަޕުއާ ނިއު ގިނީގައި ބަންދުކުރިއެވެ.

ޕަޕުއާ ނިއު ގިނީގައި ބޫޝާނީގެ އަޑު ގަދަވިއެވެ. އިންތިހާ ނިކަމެތި ހާލުގައި އެތައް ބަޔަކު ބަންދުކޮށްގެން ގެންގުޅެމުންދިޔައިރު، ހައްޔަރުކޮށްފައި ތިބި މީހުންގެ އަޑަކީ އެއީ ކަމަށްވިއެވެ. އޭނާގެ ޖަޒުބާތުތައް ޓްވިޓާގައި ބަންޑުން ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޮސްޓްރޭލިއާގެ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނެވެ.

ނިއުޒީލަންޑުން ހިމާޔަތް ދީފައިވާ އީރާނުގެ ރެފިއުޖީ ނޫސްވެރިޔާ ބިހްރޯޒް ބޫޝާނީ/ފޮޓޯ: ކޮގޮނޯސޮ

މިއަދު ނިއުޒީލަންޑްގެ ހިމާޔަތުގައި ހުރި ބޫޝާނީއަކީ މުސައްނިފެކެވެ. އިލްމީ ދާއިރާގައި މަސައްކަތްކުރާ އެސޯސިއޭޓެކެވެ. ނިއުޒީލަންޑްގެ ހިމާޔަތް ލިބުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބޫޝާނީ ވަނީ، ހަމަޖެހުމުގެ ނޭވާއެއް ލެވި، މުސްތަގުބަލުގެ ސަލާމަތްތެރިކަމުގެ އިހުސާސްތައް ކުރެވެން ފަށާފައިވާ ކަމަށް ބުނެފައެވެ.

ރެފިއުޖީއެއްގެ ގޮތުގައި ނިއުޒީލަންޑުން ބޫޝާނީ ބަލައިގަތި މިދިޔަ އަހަރުއެވެ. އަދި 1 އަހަރު ދުވަހު ވޯކްވިސާގައި މަސައްކަތްކޮށް، ރަށްވެހިކަން ކަށަވަރުކުރުމަށް އޭނާއަށް މަގުތަނަވަސްކޮށްދިނެވެ.

ލިބުނު ކާމިޔާބީއާއި ގުޅިގެން ވާހަކަދައްކަމުން ބޫޝާނީ ބުނީ، އެންމެ ފުރިހަމައަށް "ސެލެބްރޭޓް" ކުރެވެން ނެތް ކަމަށާ، އެހެނީ އޭނާއާއިއެކު ހައްޔަރުކުރި ކިތަންމެ ބަޔަކަށް އަދިވެސް މިނިވަން ނުލިބި، ތަކުލީފުތަކެއް އުފުލަމުންދާތީ ކަމަށެވެ.

ހައްޔަރަށް ފިލީ ކިހިނެއް؟

އަމިއްލަ ފަސްގަނޑުގައި ނާއިންސާފުން އަނިޔާ ލިބުނު ނޫސްވެރިއެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ބޫޝާނީ އޮސްޓްރޭލިއާގެ ޑިޓެންޝަން ސެންޓަރުގެ ވާހަކަތައް އާންމުންނަށް ތިލަކޮށްދެމުން ދިޔައެވެ. އަދި 2018 ވަނަ އަހަރު ފޮތެއްވެސް ޝާއިއު ކުރިއެވެ. އޮސްޓްރޭލިއާގެ ބޮޑެތި އެވޯޑްތަކެއްވެސް ހާސިލުކުރިއެވެ. މި ހުރިހާ ކަމެއް ކުރީ ޖަލުގައި އިނދެގެންނެވެ. ފޮތް ޝާއިއުކޮށްދިން ފަރާތަށް، ފޮތުގެ ބައިބައި ފޮނުވަމުންދިޔައީ ވަޓްސްއެޕް މެދުވެރިކޮށެވެ.

ނިއުޒީލަންޑުން ހިމާޔަތް ދީފައިވާ އީރާނުގެ ރެފިއުޖީ ނޫސްވެރިޔާ ބިހްރޯޒް ބޫޝާނީ/ފޮޓޯ: ސްޓަފްކޯ

"ނޯ ފްރެންޑް ބަޓް ދަ މައުންޓަންސް" ގެ ނަމުގައި ބޫޝާނީ ލިޔުނު ފޮތް ވެގެންދިޔައީ އޮސްޓްރޭލިއާގެ ޑިޓެޝަން ސެންޓަރުން ނިކުތުމަށް ބޫޝާނީއަށް ލިބުނު ޓިކެޓަކަށެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮތް އަދަބީ ފެސްޓިވަލެއްގައި ތަގުރީރު ކުރުމަށް ބޫޝާނީ ނިއުޒީލަންޑަށް ގޮސް، އެތަނުގެ ހިމާޔަތަށް އެދުނެވެ. ނިއުޒީލަންޑުންއ އެމަގު ތަނަވަސްކޮށްދޭން ފެށުމުން، އަނބުރާ ޑިޓެންޝަން ސެންޓަރަށް ބޫޝާނީ ގެންދާނެ ފުރުސަތު، އޮސްޓްރޭލިއާއަށްވެސް ހަނިވެ، ގޮތް ދޫކުރަންޖެހުނީއެވެ.