ވީނުވީއެއް ނޭނގި މިއަދުގެ ވަގުތެއްގައި ގެއްލުނު ޕާކިސްތާނުގެ ތަޖުރިބާކާރު ނޫސްވެރިޔާ މަތީއުﷲ ޖާންއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ގޮވާލައިފިއެވެ.

މަތީއުﷲ ޖާންއަކީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ލިޔުންތައް ލިޔަމުންދިޔަ، މަގުބޫލު ނޫސްވެރިއެކެވެ.

ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުގައި މަތީއުﷲ ޖާން އެންމެ ފަހުން ފެނިފައިވަނީ ޕާކިސްތާނުގެ ވެރިރަސް އިސްލާމްއާބާދުގައި ހިންގާ ސަރުކާރު ސްކޫލެއްގެ ބޭރުގައި ހުއްޓާ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައްސަލަ ބަލަމުންދާ އިންވެސްޓިގޭޓިވް އޮފިސަރެއް ކަމަށްވާ ނަސްރުﷲ ވިދާޅުވީ އެ ސްކޫލަކީ މަތީﷲ ގެ އަންހެނުން، މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ސްކޫލެއް ކަމަށާ، އޭނާގެ ކާރު އަދިވެސް އެ ސަރަހައްދުގައި އެބައޮތް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާ، މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް އިންވެސްޓިގޭޓަރު ވިދާޅުވިއެވެ.

މަތީﷲ ޖާންގެ އަންހެނުން، ކަނީޒް ސުގްރާ ބުނީ ސްކޫލް ބޭރުގައި ހަމަނުޖެހުންތަކެއް ހިންގި އަޑު އިވުނު ކަމަށާ، ނަމަވެސް އެވަގުތު އެކަމާ މެދު މާ ސީރިއަސް ކޮށް ނުވިސްނުނުކަމަށެވެ. ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއް ކަމުން އެއްވެސް ވަރަކަށް ދަރިވަރުން ނެތް ކަމަށާ، ނަމަވެސް ސްކޫލަށް ހާޒިރުވީ އިދާރާއީ މަސައްކަތްތަކާ އެނޫންވެސް ބައެއް އެފަދަ މަސައްކަތްތައް ކުރުމަށް ކަމަށްވެސް ސުގްރާ ވަނީ ކިޔައިދީފައެވެ.

ހެނދުނު 10:00 ޖަހާކަން ހާއިރު ސްކޫލަށް އޭނާ ލާ ދިނީ ފިރިމީހާ ކަމަށާ، އަދި 3 ގަޑިއިރެއްހާއިރު ފަހުން ބަލާ އައުމަށް އެދިފައިވާނެ ކަމަށްވެސް ސުގްރާ ކިޔައިދިނެވެ. ސްކޫލް ބޭރުން، ގޭޓު ކައިރީގައި ހަމަނުޖެހުންގަނޑެއް ހިންގި އަޑު އިވުނީ އޭގެ ގަޑިއިރެއްހާއިރު ފަހުން ކަމަށް ސުގްރާ ބުނެއެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ އަޑެއް އޭރު ނިވޭކަމަށްވެސް ސުގްރާ ބުންޏެވެ. ފިރިމީހާއަށް ގުޅީ މެންދުރުން އަނބުރާ 01.15 ހާއިރު ކަމަށާ، ނަމަވެސް އޭނާގެ ޖަވާބެއް ނުލިބޭ ކަމަށް ސުގްރާ ބުންޏެވެ.

ސްކޫލުން ބޭރަށް ނިކުތީ ދެން ކަމަށާ، އޭރުވެސް މަތީއުﷲ ޖާންގެ ކާރު އެ ބޭއްވި ތަނުގައި އޮތް ކަމަށް ސުގްރާވެސް ވަނީ ކިޔައިދީފައެވެ. ކާރު އޮތީ ތަޅުލާފައި ނޫންކަމަށާ، ކާރުގެ ތަޅުދަނޑިވެސް ކާރު ތެރޭގައި އޮތް ކަމަށް ސުގްރާ ބުންޏެވެ. އަދި ކާރު އޮތް ގޮތަށް ބަލާލުމުން، އޭނާގެ ފިރިމީހާ ކާރު ތެރެއިން ދަމާ، ނެރެފައިވަނީ ގަދަކަމުން ކަން އެނގޭނެ ކަމަށްވެސް ސުގްރާ ބުނެއެވެ.

މަތީއުﷲ ޖާންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އޭނާގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަންލްއިން ވަނީ ބުނެފައެވެ. ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ސަލާމަތްތެރިކަމާއެކު މަތީﷲ ފެންނާނެކަން ކަށަވަރު ކުރުމަށް ޕާކިސްތާނުގެ ސަރުކާރަށް ގޮވާލާފައެވެ.

މާތީﷲ ޖާންއަކީ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދާ ނޫސްވެރިއެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހުސްވި ހަފުތާގައި ވަނީ، ޖުޑީޝަރީއަށް ފާޑުކިޔައިގެން މާތިއުﷲ ކުރި ޓްވީޓަކީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ބުނެ، އޭނާއާއި ދެކޮޅަށް އިންޒާރެއް ނެރެފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް، އެކި ފަރާތްތަކުން ސިލްސިލާ ގޮތެއްގައި އިންޒާރުތައް ކުރިމަތިވެއެވެ. 2020 އަހަރުގެ މީޑިއާގެ މިނިވަންކަމުގެ ގިންތިއަށް ބަލާއިރު، 180 ގައުމުގެ ތެރެއިން ޕާކިސްތާނަށް ލިބެނީ 145 ވަނަ އެވެ. 1992 ވަނަ އަހަރުން ފެށިގެން އަދާ ޖެހުނުއިރު، މަސައްކަތާ ގުޅުން ހުރި ކަންކަމުގައި ޕާކިސްތާނުގައި 61 ނޫސްވެރިއެއްގެ ފުރާނަ ދުއްވާލާފައިވާކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)ގެ ރެކޯޑްތަކުން ދައްކައެވެ.