އިންޑިއާގެ ވައިގެ އުދުހުންތަކުގެ ސިނާއަތުގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ބޮޑު އެއާލައިންގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިގޯއިން މުވައްޒަފުން ވަކި ކުރަން ނިންމާ، އެކަން ހާމަކޮށްފިއެވެ.
މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ވައިގެ އުދުހުންތަކުގެ ޑިމާންޑް ދަށްވެ، އާމްދަނީ ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން، އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މުވައްޒަފުން، ވަޒީފާއިން ވަކި ކުރާނެ ކަމަށް އިންޑިގޯއިން ވަނީ ހާމަކޮށްފައެވެ.
ހުސްވި މަހުވެސް އިންޑިގޯއިންވަނީ، އެ ކުންފުނީގެ ޚަރަދުތަކުން 533 މިލިއަނެއްހާ ޑޮލަރު އުނިކުރާނެ ކަން ހާމަކޮށްފައެވެ.
އިންވެސްޓަރުންނަށް ފޮނުވާފައިވާ ސިޓީއެއްގައި އިންޑިގޯގެ ޗީފް އެގްޒެކެޓިވް ރޮނޮޖޯއީ ދައްތާ ވިދާޅުވީ، ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ތޫފާނުގައި ކުންފުންޏާއެކު ދަތުރު ކުރުމަށްޓަކައި، ގުރުބާނީތަކެއް ނުވެ ވާން ނެތް ކަމަށާ، މިއީ ވިޔަފާރީގެ އޮޕަރޭޝަންތައް ދަމަހައްޓަން ބޭނުން ނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ލޮކްޑައުންގެ އަމުރުތަންފީޒު ކުރަން ފެށުމާއެކު އިންޑިގޯ އެއާލައިންވެސް ގްރައުންޑް ކުރިއެވެ. 24000 އެއްހާ މުވައްޒަފުންނާއެކު ހިންގަމުންދިޔަ އިންޑިގޯއިން 2400 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވެއެވެ.
އިންޑިގޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާގެ ވައިގެ އުދުހުންތަކުގެ ސިނާތުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެ އެއާލައިނަށެވެ. މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 48.9 ޕަސެންޓް ހިއްސާއަކީ އިންޑިގޯގެ ހިއްސާއެވެ. އަދި ފާއިތުވީ 10 އަހަރުވެސް އެކުންފުންޏަށް ވަނީ މާލީ ފައިދާ ހާސިލުވެފައެވެ.
ކޮވިޑް-19ގެ ބަލިމަޑިކަމާއެކު އެންމެ ބޮޑު ހީނަރުކަމަކާ ކުރިމަތިލާންޖެހުނު އެއް ސިނާއަތަކީ ވައިގެ އުދުހުންތަކުގެ ސިނާއަތެވެ. ބޯޑަރުތައް ބަންދުކޮށް، ލޮކްޑައުންގެ އަމުރުތައް ތަންފީޒު ކުރަން ފެށުމާއެކު ޒަރޫރީ ފްލައިޓްތައް ނޫން އެހެން ހުރިހާ ދަތުރެއް މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ހުއްޓާލިއެވެ.
290 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ލަފާ ކުރާ ގޮތުގައި، މިއަހަރުގެ އާމްދަނީ 419 ބިލިއަން ޑޮލަރަށް ދަށަށް ދާނެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓް ދަށް އަދަދެކެވެ.