މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާންކޮށްފައިވާ މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް، އޭނާގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް، ރަސްމީކޮށް ފަށައިފިއެވެ.

ކާންޏޭގެ ކެމްޕޭން ރެލީގެ ހަރަކާތްތައް ފަށާފައިވަނީ ސައުތު ކެރޮލައިނާގައެވެ.

ރަސްމީކޮށް ކެމްޕޭން ފެށުމާ ހަމައަށް ގިނަ ބަޔަކު ދިޔައީ ހަގީގަތުގައިވެސް ކާންޏޭ ރައީސް ކަމަށް ކުރިމަތިލަނީތޯ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ތުހުމަތު ކުރި ގޮތުގައި މިއީ އޭނާ ޖެއްސި ޕަބްލިސިޓީ ސްޓަންޓެކެވެ.

ކާންޏޭގެ ކެމްޕޭން ރެލީ ކުރިއަށްދިޔައީ ދުރާލާ ރަޖިސްޓާ ކޮށްގެން ބައިވެރިވާ އުސޫލުން ކަމަށް ވީ ނަމަވެސް، އޭނާގެ ކެމްޕޭން ވެބްސައިޓްގައި އެފަދަ ހާޒިރީއެއް ނުވަތަ ދަފުތަރެއްވެސް ނެތެވެ.

ކެމްޕޭން ރެލީއަށް ކާންޏޭ ހާޒިރުވީ ބޮލުގެ ފަހަތަށް ވާ ގޮތަށް "2020" ފެންނާނެ ހެން އިސްތަށިގަނޑުން ބައެއް ބާލައިގެންނެވެ. އޭނާ ހުރީ ސަލާމަތީ ގޮތުން ހަށި ރައްކަލަށް އަޅާ ޒާތުގެ ޖެކެޓެއްވެސް ލައިގެންނެވެ. ހާޒިރީންނާ މުހާތަބު ކޮށް، ވާހަކަ ދައްކަމުން ދިޔައީ މައިކެއްވެސް ބޭނުން ނުކޮށެވެ. މާސްކެއްވެސް ނާޅައެވެ.

ކާންޏޭ އަކީ ހަގީގަތުގައިވެސް ރިޔާސީ ކެންޑިޑޭޓެއްތޯ ކުރަމުންދާ ބަހުސްގައި، އޮކްލަހޯމާ ސިޓީގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮވެދާނެކަން ވަނީ ޔަގީނާ ގާތަށް ކަށަވަރުވެފައެވެ. ނަމަވެސް، އެހެން ސްޓޭޓްތަކަށް ކޮލިފައިވުމުގެ ސުންގަޑި ހަމަވަމުން ދާއިރު، ބައެއް ސަރަހައްދުތަކުގެ ސުންގަޑި އޮތީ ހަމަވެފައެވެ.