ޗައިނާގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ޖަރީމާތައް ޗައިނާގެ ސަރުކާރުން ހިންގާ ކަމަށާ، މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރުމަކީ ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވެއްޖެއެވެ.

ވަކި ދީނަކަށް ނުވަތަސް ނަސްލަކަށް ނިސްތްބަތްވީތީ ލާއިންސާނީ އަނިޔާ ދިނުމާ، ދަރިން ނުލިބޭ ގޮތް ހެދުމަށް މަޖުބޫރުކުރުވުން ފަދަ އަމަލުތައް ހިންގުމުގައި ޗައިނާގެ ސަރުކާރުން ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ މެދު އަމަލު ކުރަމުންދަނީ ފަހުގެ ތާރީހު ނުދެކޭ ފަދަ ގޮތަކަށް ކަމަށްވެސް ރާބް ވަނީ ސިފަކުރައްވާފައެވެ.

މިކަންކަމުގައި ޗައިނާއާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި، އިނގިރޭސިވިލާތަށް އެއްބާރުލުންދޭ ބާރުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ރާބް ވަނީ ވިދާޅުވެފައެވެ.

ޗައިނާގައި ދިރިއުޅޭ ވީގޫރު މުސްލިމުންގެ ހަރަކާތްތަކަކީ އަބަދުވެސް މޮނިޓާ ކުރަމުންދާ ހަރަކާތްތަކެއް/ފޮޓޯ: ނިއުސްސްކިލް

ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި މިލިއަނެއްހާ މުސްލިމުން ގައިދީންގެ ގޮތުގައި ބަންދުކޮށްގެން ގެންގުޅޭ މައްސަލާގައި އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ މިއީ އަސްލެއް ނެތް "ފޭކު" ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ކަނު ބަނދެފައި ތިބި ވީގުރު ދަރިކޮޅުގެ ބަޔަކަށް ރޭލުތަކަކަށް އަރުވާ މަންޒަރު ފެންނަ ޑްރޯން ފުޓޭޖެއް އާންމުވެފައިވާއިރު، ޗައިނާގެ ސަފީރު ލުއި ޝިއާއޯމިންގް ވިދާޅުވީ، މި ވީޑިއޯގައި ވާ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، ކޮންމެ ގައުމެއްގައިވެސް އެއް ތަނުން އަނެއް ތަނަށް ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ތުހުމަތު ކުރާ ޒާތުގެ "ކޭމްޕެއް" ޝީންޖިއާންގްގައި ނުހިންގާ ކަމަށާ، އަސްލެއް ނެތް އެތައް އިލްޒާމެއް ޗައިނާއަށް އަމާޒުވަމުން އަންނަ ކަމަށެވެ.

ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލު އާންމެއްތޯ ބައިނަލްއަގުވާމީ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރާބް ވިދާޅުވީ، މިފަދަ ކަންކަމަށް ވަކާލާތު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ފަރުވާތެރި ވާންޖެހޭ ކަމަށެވެ.

ވީގުރު ދަރިކޮޅުގެ މުސްލިމުން އެ ސަރަހައްދެއްގައި ބަންދުކޮށްގެން ގެންގުޅޭ ޝީންޖިއާންގް ސަރަހައްދުގައި ޗައިނާގެ ސަރުކާރުން ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތަކުގެ ވާހަކަ ބަޔާންކޮށް، ޖަރުމަނުވިލާތުގެ ރިސާޗާ އޭޑްރިއަން ޒެންޒް ލިޔުނު ރިޕޯޓްގައި ވާ ބައެއް ވާހަކަތަކަށް ބަލާއިރު، ވީގޫރު މުސްލިމުންގެ އާބާދީ މަދު ކުރުމަށް އެ ދަރިކޮޅުގެ އަންހެނުންނަށް، އަމިއްލަ އިހުތިޔާރުން ބޭރުގައި ދޭތެރެ ދުރުކުރާ ބޭސް ދެއެވެ. އަދި އެ ފަދަ ޑިވައިސްތައް ހަށިގަނޑުގައި ޕްލާންޓް ކުރުމަށް މަޖުބޫކުރުވައެވެ. އެވަރުންވެސް ބަލިވެ އިނދެއްޖަނަމަ މަޖުބޫރުން ދަރިވައްޓާލުމުގެ ރަހުމްކުޑަ ޖަރީމާ ހިންގައެވެ.

ޗައިނާއިން ދެމުންދާ ލާއިންސާނީ އަނިޔާތައް ދިރާސާކުރި ޒެންޒް ބުނާ ގޮތުގަ، އޭނާގެ ރިޕޯޓްގައިވާ ހޯދުންތަކަކީ އދއިން ގަތުލުއާންމެއް ކަމަށް ކަނޑައަޅާ ކްރައިޓީރިއާއަށް ފެތޭ ފަދަ އަމަލުތަކެއް ޗައިނާއިން ހިންގާކަމަށް މިހާތަނަށް ސާބިތުކޮށްދެވެން އޮތް އެންމެ ވަރުގަދަ ހެކި ލިއްބައިދޭނެ ހޯދުންތަކެކެވެ.