ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލްގެ މައްޗަށް އޮތުމުން އޭނާ ސަސްޕެންޑް ކުރުމަށް އެމްއާރްއެމް އިން އެދިއްޖެއެވެ.

އެމްއާރްއެމުން ބުނީ، އެ ޕާޓީގެ ސްލޮޓެއްގައި ފިޝާރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރި ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެ ޕާޓީން ވަނީ އެދިފައި ކަމަށް ވެސް އެމްއާރްއެމުން ބުނެއެވެ.

މި ދުވަސްވަރަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތައްް ތުހުމަތުކޮށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ތިލަވަމުން އަންނަ ދުވަސްވަރެކެވެ. އެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު މަގާމުން ވަކިކުރީ ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ވުމުން އޭނާ އިސްތިއުފާ ދެއްވަން ރައީސް އެދިވަޑައިގަތުމުން އޭނާ އިސްތިއުފާ ނުދެއްވުމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.