އެމެރިކާގެ ވަރުގަދަ ޓްވިޓާ އެކައުންޓްތަކަކަށް މިދިޔަ ހަފުތާގައި އަމާޒުވި ހެކަރުންގެ ހަމަލާ، 130 އެކައުންޓަކަށް އަމާޒުވިއިރު، އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އިންޓާނަލް ސަޕޯޓް ޓީމަށް ނޫނީ އެކްސެސް ނޯންނަ ހިސާބަށްވެސް ހެކަރުން ވަދެ، އެ ޓޫލްތަކުގެ ބޭނުން ކޮށްފައިވާކަމަށް ޓްވިޓާ ކުންފުނިން ހާމަކޮށްފިއެވެ.

ހެކަރުން މިކަން ކޮށްފައިވަނީ، ޓްވިޓާގެ މުވައްޒަފުންތަކެއްގެ އެކައުންޓްތަކުގެ ނާޖާއިޒް ފައިދާ ނަގާ، އެ މުވައްޒަފުންގެ މައުލުމާތު ބޭނުންކޮށްގެން ޓްވިޓާގެ އިންޓާނަލް ސިސްޓަމްތަކަށް ވަދެގެން ކަމަށްވެސް ޓްވިޓާ ކުންފުނިން ވަނީ ތަފްސީލު ކޮށްދީފައެވެ.

ޓްވިޓާ ކުންފުނިން ބުނީ ހެކަރުންގެ ހަމަލާ އަމާޒުކޮށް، ޓްވީޓްތައް ކުރަން ފެށުމުގެ ކުރިން 45 އެކައުންޓެއްގެ ޕާސްވޯޑް ބަދަލުކުރިއެވެ.

ބިޓްކޮއިން ސްކޭމްގައި ހެކަރުންގެ ހަމަލާތައް އަމާޒުވި ބައެއް ފަރާތްތަކާ، އެމީހުންގެ އެކައުންޓްތަކުން ކުރި ޓްވީޓްތައް/ފޮޓޯ: ޑީއެމް

ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމެއްގެ ގޮތުގައި ހިންގި މި ޖަރީމާގައި ހަމަލާ އަމާޒުވި އެކައުންޓްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން، މަހުޖަނު އީލޯން މަސްކް އަދި ބިލް ގޭޓްސްގެ އިތުރުން މަޝްހޫރު ރެޕާ ކާންޏޭ ވެސްޓްގެ އެކައުންޓްތައް ހިމެނެއެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އާ ޓުވިޓާ ކުންފުނިން ވަނީ މި ހަމަލާތަކުގެ ފަހަތުގައިވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ހާދިސާގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަ ކުރަމުން ޓްވިޓާ ކުންފުނިން ބުނީ ހެކަރުންގެ ހަމަލާ އެންމެ ފުރަތަމަ އަމާޒު ކުރީ ޓްވިޓާގެ ވަކި މުވައްޒަފުންތަކަކަށް ކަމަށާ، އެ ހަމަލާ ދިނީ 'ސޯޝަލް އިންޖިނޭރިންގް ސްކީމެއް'ގެ ދަށުން ކަމަށެވެ. މިކަން ކޮށްފައިވަނީ ވަކި އަމަލުތަކެއް ހިންގުމަށް މުވައްޒަފުންނަށް ގަސްތުގައި ނުފޫޒު ފޯރުވައިގެން ކަމަށާ، މި އުސޫލުން، ސިއްރު މައުލޫމާތުތަކެއްވެސް ހެކަރުންގެ އަތަށް ނަގާފައިވާކަމަށެވެ.

ހެކަރުން ބޭނުންވި ގޮތަށް ނުފޫޒުގައި ޖެހުނީ މަދު މުވައްޒަފުން ކޮޅެއް ކަމަށާ، ނަމަވެސް ޓްވިޓާ ކުންފުނީގެ އެންމެ އެތެރޭގެ ސިސްޓަމްތަކާ ހިސާބަށް ހެކަރުންނަށް އެކްސެސް ލިބުނު ކަމަށް ޓްވިޓާ ކުންފުނިން އިއުތިރާފުވެއެވެ. މިހާ ހިސާބަށް ވަދެވުނު ކަމުގައި ވީ ނަމަވެސް އެކައުންޓްގެ ވެރި ފަރާތުން ބޭނުން ކުރި ޕާސްވޯޑްތައް ނުފެންނާނެ ކަމަށާ، ނަމަވެސް އެމީހުންގެ އީމެއިލް އެޑްރެސްތަކާ، ފޯނު ނަމްބަރުތައް ލިބޭނެ ކަމަށް ޓްވިޓާއިން ބުނެއެވެ.

އަދިވެސް އިތުރު މައުލޫމާތަށް އެކްސެސް އޮވެދާނެ ކަމަށް ބުނާއިރު، ޑައިރެކްޓް މެސެޖުތައްވެސް ހެކަރުންނަށް ފެނިފައި އޮތުން އެކަށީގެންވާކަމަށް ޚަބަރު ލިބެއެވެ. ހެކް ކުރި އެކައުންޓްތަކުގެ ވެރި ފަރާތްތަކަށް ބަލާއިރު، މި ފަދަ މެސެޖުތަކަކީ ބޮޑު އަގެއްގައި ވިއްކާލެވިދާނެ ނުވަތަ ލީކުކޮށްލެވިދާނެ މައުލޫމާތުތަކަކަށްވެސް ވެދާނެއެވެ. އަދި ސިޔާސީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރުވަނިވި މެސެޖުތަކެއްވެސް ހުރެދާނެއެވެ.

ޓްވިޓާ ކުންފުނިން ބުނީ ހެކަރުންގެ ހަމަލާ އަމާޒުވި އެކައުންޓްތަކު ވެރި ފަރާތްތަކާ ސީދާ ގުޅައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، އެކައުންޓުން "ބޭރުކޮށްލާފައިވާ" ފަރާތްތަކަށް، އަލުން އަނބުރާ އެކައުންޓްތައް ހޮދާ ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

މިހާތަނަށް ހޯދުނު ބައެއް ހޯދުންތަކަށް ބަލާއިރު، ޓްވިޓާ އެކައުންޓްތަކުން ބޭނުން މައުލޫމާތެއް ނެގިދާނެ ކަމަށާ، އެކަން ކުރާނެ ވަސީލަތް އޭނާ އަތުގައި އެބަހުރި ކަމަށް ބުނެ ހެކަރުންގެ ފޯރަމެއްގައި މީހަކު ކޮށްފައިވާ ޕޯސްޓެއް ވަނީ، ސައިބާ ކްރައިމް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ހަޑްސަން ރޮކްގެ ރާޑަރަށް އަރާފައެވެ. މި ބުނާ ޕޯސްޓްގައިވާ މައުލޫމާތަށް ބަލާއިރު، އެއީ ޓްވިޓާގެ ބެކް-އެންޑް އަށް އެކްސެސް އޮތް ފަރާތެއްކަން ހާމަވެއެވެ.