މަދަރުސީ ދައުރުގައި ބުލީގެ ޝިކާރައަކަށްވާ ކުދިންގެ ނިސްބަތް ދަށަށް ދާތީއެއް ނުފެނެއެވެ. މިއީ އެތައް ޖީލެއް މާޒީވެގެން ދިޔައިރުވެސް ހައްލު ނުހޯދި އޮތް ބޮޑު މައްސަލައެކެވެ. ބުލީ ކުރުން ހުއްޓުވުމާ ދެކޮޅަށް އެންމެ ބާރަށް ވަކާލާތު ކުރަމުންދަނީ، އެންމެ ގަދައަށް ބުލީ ކުރާ ދަރިވަރުންނަށްވެ، ބުލީކޮށްފައި ނުކުރާނެ މީހަކު ނެތް ދަރަޖައަށް އަދުގެ ހާލަތު ވަނީ ގޮސްފައެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ. މިކަމެއް ހިނގާދިޔައީ އަވަށްޓެރި އިންޑިއާގައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ލޮކްޑައުންގެ ބަލިމަޑުކަމާއެކު މަދަރުސީ ވެށި އޮންލައިން ޕްލެޓްފޯމަށް ބަދަލުވުމާއެކު ބުލީކުރާ ކުދިންގެ ފުރައްސާރައިން ސަލާމަތްވެ، އަމިއްލަ ގޭގެ ނިވަލުގައި އިނދެ ކިޔަވާލުމުގެ ފުރުސަތު ލިބުނު ދަރިވަރުންގެ އަދަދު މަދެއް ނުވާނެއެވެ. ނަމަވެސް ބުލީ ކުރާ ކުދިންގެ ހަމަލާތަކުން މިފަހަރު ސަލާމަތް ނުވެވުނީ ޓީޗަރަކަށެވެ. އުމުރުން 50 އިން މަތީގެ އަހަރުތައް ގުނަ މުންދާ ޓީޗަރަކަށް ބުލީކުރި މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާއިރު، އެ މަންޒަރު ބަލާލި މީހެއްގެ ހިތަށް ފުން އަސަރު ކުރުވާނެއެވެ.
ބުލީގެ ޝިކާރައަކަށް ޓީޗަރު ވެގެންދިޔަ ގޮތް އާންމުންނާ ހަމައަށް ގެނެސްދިނީ "ޓެޑް ދަ ސްޓޯނާ"ގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުންނެވެ. ކޮވިޑް-19އާއެކު އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް ހިއްސާކުރަމުން ގޮސް، އެއްކަލަ ޓީޗަރުގެ ވާހަކަވެސް ހިމެނިއެވެ. ޓީޗަރުގެ ހާދިސާގެ ކިޔައިދެމުން އެ އެކައުންޓްގައި ބުނެފައިވަނީ އެހެން މީހަކަށް އަނިޔާއެއް ނުދީވެސް "ސަކަ" މިޒާޖެއްގެ މީހަކަށް ވެވިދާނެ ކަމަށެވެ.
ހާދިސާ ހިނގާދިޔަ ގޮތަށް ބަލާލަމާތޯއެވެ. 55 އަހަރުގެ ޓީޗަރަށް އައީ ޕްރިންސިޕަލްގެ ފޯނު ކޯލެކެވެ. އަދި އޮންލައިން ޕްލެޓްފޯމުގައި ކުލާސް ނެގުމަށް އެންގިއެވެ. އެ އަށް ދޭނެ އިތުރު ޖަވާބެއް ޓީޗަރުގެ އަތުގައެއް ނެތެވެ. ނޫނެކޭ ބުނެފިނަމަ ވަޒީފާވެސް ގެއްލުނީއެވެ. މި އުމުރުގައި ވަޒީފާއެއް ލިބުމަކީ ނާދިރު ކަމެއްކަން އޭނާ ގަބޫލުކޮށް، އޮންލައިން ކުލާހައިގެން ކުރިއަށްދާން ނިންމިއެވެ.
ހިތް ނޭދި ހުރެ ސްމާޓް ފޯނު ހިފައިގެން އޭނާގެ ދަރިފުޅު ގާތަށް ދިޔައެވެ. އޮންލައިން ކުލާސްތައް ތިޔާގިވެފައިވާ ޒޫމް އެޕްލިކޭޝަން ބޭނުން ކުރަން ދަސްކުރިއެވެ. ދަރިފުޅުގެ އެހީއާއިއެކު އެންމެ އަސާސީ ހުނަރުތައް ދަސްކުރިއެވެ. މިއީ އޭނާއަށް މުޅިން އާ ކަމެކެވެ. ބިރުގަތްފައި ހުރި ވަރުން އިރުއިރުކޮޅާ ހުއްޓުން އަރައެވެ. ދެން ހަދާނެ ގޮތް ޔަގީން ނުވެގެންނެވެ. ހިސާބެއްގެ ތުރުތުރެއްވެސް އަޅަމުންދިޔައެވެ. އެކަމަކުވެސް ކުރާނެ ކަމެއް ނެތެވެ. ޒޫމް ކުލާސް ނެގުން ނޫން ގޮތެއް ނެތެވެ. އާއިލާ ބަނޑުފުރާ މުއްތި ކުރެވެން އޮތީ އެކަން ކޮށްގެން ކަމުން ކޮންމެ ފަދަ ގުރުބާނީއެއް ވުމަށްވެސް އޭނާ ހުރީ ތައްޔާރަށެވެ.
ޖެހިގެން އައި ދުވަހު ބާޒާރަށް ގޮސް އާ ގަމީހެއްވެސް ގަތެވެ. ދަރިވަރުންނަށް ފިލާވަޅު ބުނެދޭން ވައިޓްބޯޑެއްވެސް ގަތެވެ. ދަރިވަރުންނާ ބައްދަލުވަނީ ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަހުގެ މެދުކެނޑުކަމަށް ފަހުގައި ކަމުން އާދަޔާ ހިލާފު އުފަލެއްވެސް އޭނާއަށް ލިބުނެވެ. ދަރިފުޅާއެކު ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް ނިންމާލުމަށްފަހު އަސްލު ޒޫމް ކުލާސް ފަށައިދޭންވެސް އެހީވީ ދަރިފުޅެވެ. ކުލާސް ކުރިއަށްދިޔަ ވަރަކަށް ދަރިވަރުން ވަންނަމުންދިޔައެވެ. އޭރުވެސް ޓީޗަރު ހުރީ ޒާތަކަށް ޖެހިލުންވެފައެވެ. އަޑުގައިވެސް ތުރުތުރެއް ހުއްޓެވެ. ހާސްވެ ކަންބޮޑުވި ނަމަވެސް، އިތުރު ގޮތެއް ނެތެވެ.
ހާލަތު ބަދަލުވީ 'އަންނޯން އައިޑީ' އަކުން ބޭ އަދަބީ ބަސްމަގުން ޓީޗަރަށް މުހާތަބުކޮށް ބުލީ ކުރަން ފެށި ހިސާބުންނެވެ. މުޑުދާރު ބަސްތައް ބަންޑުން ކުރަމުންދިޔައީ ޓީޗަރަށް އިންޒާރުތަކެއްވެސް ދެމުންނެވެ. ޓީޗަރު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އައިސްފައި ހުރި ރުޅިއާއި، ގަތްފައި ހުރި ލަދުން ޓީޗަރުވެސް ހަޅޭއް ލަވަން ފެށިއެވެ. އެތައް ދަރިވަރުންނެއްގެ ކުރިމަތީގައި ޓީޗަރެއްގެ އަގު ވައްޓާލީތީއެވެ. މުޅި އުމުރު ތައުލީމީ ދާއިރާއަށް ގުރުބާން ކޮށްގެން ހޯދި އަބުރާ އިއްޒަތް، ސިކުންތު ކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެލީތީއެވެ. އޭނާއަށް ހެދުނު ހަމައެކަނި ގޮތަކީ ކުލާސް ނިންމާލުމެވެ.
ކުލާސް ނިންމާ، ދަރިފުޅަށް ގޮވަން ފެށިއެވެ. ދަރިފުޅަށް އާދެވުނުއިރު ބައްޕަ ރޮނީއެވެ. ބައްޕަގެ ހިތްހަމަޖައްސާ ދެވޭތޯ އެ ދަރިފުޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. އެކަމަކު އެ ބައްޕަގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ނުލިބެއެވެ. ދުވަހަކުވެސް އޭނާގެ ހަޔާތުގައި ނުގަންނަ ހާ ލަދު ގަތީމައެވެ. ރޭގަނޑުގެ ނިދިންވެސް މަހްރޫމްވިއެވެ. ޖެހިގެން އޮތް ދުވަހަކީވެސް، އަނެއްކާވެސް އެއްކަލަ ބުލީގެ ކުރިމައްޗަށް ނިކުންނަންޖެހޭނެ ދުވަހަކަށް ވާތީއެވެ.
ކޮވިޑް-19ގެ ލޮކްޑައުންގައި ވާޗުއަލް ޕްލެޓްފޯމަށް ކުލާސްތައް ބަދަލުވިއިރު އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދަނީ ޓީޗަރުންނެވެ. އެއީ އިލްމާ ހިލްމަށް މޮޅު ބައެކެވެ. އެކަމަކާ ދެބަސްވުމެއް ނެތެވެ. އެއީ އެތައް އަހަރެއްގެ ތަޖުރިބާއެވެ. ހުރިހާ އެންމެނަކީ އެންމެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ބަޔަކަށް ނުވެދާނެއެވެ. އޮންލައިން ޕްލެޓްފޯމަށް ބަދަލުވި ކުލާސްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މުދައްރިސުން ވަމުންދާ ގުރުބާނީގައި، އެ މުދައްރިސުންގެ އާއިލާގެ ހިއްސާވެސް ބޮޑެވެ. ހިތާމައަކީ، މުޖުތަމައުގައި ހިމެނޭ ވަކި ބަޔަކަށް އެ ގުރުބާނީގެ އަގުވަޒަން ކުރަން ނޭނގުމެވެ. ނުވަތަ ބޭނުން ނުވުމެވެ. ބުލީ ކުރުން އޭގެ އެންމެ އިންތިހާއަށް ގޮސްފައިވާ މި ދުނިޔޭގައި، މި ޓީޗަރުގެ މޫނަށް ބަލާލި ކޮންމެ މީހެއްގެވެސް ހިތްފަޅައިގެންދާ ފަދައެވެ.