ވީގޫރު ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުންދާ ޗައިނާގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ޝީންޖިއާންގެ ވެރިރަށް އުރުމްޗީއަށް އައިސް ގޮސް ހަދާ އެތައް ސަތޭކަ ފްލައިޓެއް ހުއްޓާލައިފިއެވެ.
އުރުމްޗީއިން ބޭރަށް އަދި އުރުމްޗީއަށް ކުރާ ފްލައިޓް ދަތުރުތައް ހުއްޓާލާފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭހެއް އެސަރަހައްދުން ފެނުމާ ގުޅިގެންނެވެ. މިއީ ފާއިތުވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި މި ސަރަހައްދުން ފެނުނު ފުރަތަމަ ކޭހެވެ.
ވެރިފްލައިޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުރުމްޗީގެ އުރުމްޗީ ދިވޯޕޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ކޮށްފައިވާ 600 އަށްވުރެ ގިނަ ފްލައިޓްތައް ވަނީ ކެންސަލް ކޮށްފައެވެ. ޗައިނާގެ ދައުލަތުން ހިންގަމުން އަންނަ ގްލޯބަލް ޓައިމްސް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އުރުމްޗީއިން ފުރާ އަދި އުރުމްޗީއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތަކުގެ 89 ޕަސެންޓް ފްލައިޓްތައް ހުއްޓާލާފައިވާކަމަށެވެ. މި ފިޔަވަޅަކީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ޚަބަރު ދޭ ގޮތުގައި މެޓްރޯއާއި ބަހުގެ ހިދުމަތްތައްވެސް ބައެއް ސަރަހައްދުތަކުން ވަނީ މެދުކަނޑާލާފައެވެ. އަދި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ހުރިހާ ހިދުމަތްތެރިން ކޮވިޑް-19އަށް ޓެސްޓު ކުރަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި 10 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ޝީންޖިއާންގްއިން 1 ކޭސް ފާހަގަކޮށްފައިވާއިރު، މި ކޭސް ބަޔާންކޮށްފައިވަނީ ލޯކަލް ޓްރާންސްމިޝަނެއްގެ ގޮތުގައެވެ. ދެން ހުރި ކޭސްތަކަކީ ގައުމުން ބޭރުން ދަތުރުކުރި ކޭސްތަކެއް ކަމަށް ޚަބަރު ލިބެއެވެ.
އުރުމްޗީއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 24 އަހަރުގެ އަންހެނެކެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، ކަރުގައި ރިއްސުމާ، ހުން އައުން އަދި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެންނަމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. އޭނާއައި ކޮންޓެކްޓްވި 3 މީހަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުން ނުދާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ޝީންޖިއާންގްއިން ޝޭޖިއާންގަށް ދަތުރުކުރި އެސިމްޓޮމެޓިކް ކޭހެއް ފެނިފައިވާ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.
އުރުމްޗީ އޮންނަ ޝީންޖިއާންގްއަކީ ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ޗައިނާގެ ސަރުކާރުން އަހަރުތަކެއް ވަންދެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ ސަރަހައްދެކެވެ. މައިގަނޑު ގޮތެއްގައި، ވީގޫރު ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާ ޝިންޖިއާންގްގައި، މިލިއަނެއްހާ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް އދއިންވެސް ވަނީ ހާމަކޮށްފައެވެ. ޗައިނާއިން ބުނާ ގޮތުގައި މިއީ، ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް އެގައުމުން އަޅަމުންދާ ޒަރޫރީ ފިޔަވަޅެކެވެ.
ޗައިނާގެ ވެރިކަން ކުރަމުން އަންނަ ބެއިޖިންގްގެ ހާލަތަށް ބަލާއިރު، ހުސްވި މަހު ކޭސްތައް އިތުރުވާން ފެށި ނަމަވެސް، އެ ސަރަހައްދުން އާ ކޭހެއް ރިޕޯޓް ނުކުރާތާ ވިދިވިދިގެން 11 ދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.