އދ މަންދުއަށް ދަތުރު ކުރަމުން ދިޔަ ދޯންޏަކުން މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ "ރަންތަރި" ނަމަކަށް ކިޔާ ދޯނިން ދަތުރުކުރި މީހަކު ގެއްލިގެން ރިޕޯޓު ކުރީ ރޭ މެންދަމު 2 ގެ ފަހުން ކަމަށެވެ. އެމްއެންޑީއެފުން ބުނީ، މިހާނަތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެ ދޯނި ރަށުގެ ނެރުން ވަންއިރުވެސް އޭނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރި ކުރި އިރު އޭނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

މިހާދިސާގައި ހޯދަމުން ދަނީ އދ. މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ. މީނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އދ. މަންދޫ ރައްޔިތުންނާއި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު މީހާ އެ ރަށަށް ދަތުރު ކުރީ ހޯމް ކަރަންޓީނު ވުމަށެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަނީ އެދިފައެވެ. އަދި ގެއްލުނު މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރުމަށްވެސް އެދެއެވެ.