ރޭ ސްޕެނިޝް ލަލީގާގައި ވިލަރިއާލް 2-1 އަކުން ބަލިކުރުމަށް ފަހު ރިއަލް މެޑްރިޑް ސްޕެނިޝް ލީގުގެ ތަށި އުފުލާލައިފިއެވެ. މިއީ، ތިން އަހަރުގެ ތެރޭގައި އެޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހާ ދިނީ ފަރަންސޭސި ފޯވަޑް ކަރިމް ބެންޒިމާއެވެ. ވިލަރިއަލްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހާ ދިނީ ވިސާންޓޭ އިބޯރާއެވެ.
ޖޫން މަހު ސްޕެނިޝް ލަލީގާ އަލުން ފެށި ފަހުން ރިއަލް މެޑްރިޑުން ކުޅުނު ހުރިހާ މެޗެއް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ރިއަލް ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ސީޒަންގައި ބާކީ އަދި އެއް މެޗު ކުޅެން އޮއްވާ 86 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ.
އެޓީމާ އެންމެ ގާތުގައި އޮތް ބާސަލޯނާއަށް ބާކީ އެއް މެޗު ކުޅެން އޮތް އިރު ލިބިފައިވަނީ 79 ޕޮއިންޓެވެ. ބާސަ ރޭ އޮސަސޫނާއާ ކުޅުނު މެޗުން ވެސް ވަނީ 2-1 ބަލިވެފައެވެ.
ރޭ ރިއަލް މެޑްރިޑްގެ ދަނޑުގައި އެޓީމުން ކުޅުނު މެޗަށް ފަހު ލީގު ތަށި އެޓީމާ ވަނީ ހަވާލުކޮށްފައެވެ. ތަށި ހަވާލުކުރުމަށް ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިއަލްގެ ކޯޗު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ބުނީ ލަ ލީގާ ތަށި ހޯދުމަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ކަމަށާ މިއީ އެޓީމަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. ޒިދާން ޓީމާ ހަވާލުވި ފުރަތަމަ ތިން ސީޒަންގައި ޔޫ.އެފްއާ ޗެމްޕިއަންސް ލީގު އެޓީމަށް ހޯދާ ދިން އިރު މިސީޒަންގެ ލީގު ތަށި ހޯދުމަކީ އެއަށް ވުރެ ވެސް މުހިއްމު ކަމެއް ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
މިއީ ރިއަލް މެޑްރިޑްގެ ތާރީޚުގައި އެޓީމަށް ލިބުނު 34 ވަނަ ލަ ލީގާ ތައްޓެވެ. ރިއަލް އަށް ތަށި އުފުލާލަ ދިން ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ މިއީ ވަރަށް ވެސް އާދިޔާ ޚިލާފު ސީޒަނެއް ކަމަށާ އެހެން ނަމަވެސް ރިއަލްގެ ކުޅުންތެރިންގެ މަޤްސަދަކަށް ވީ ހުރިހާ މެޗަކުން މޮޅުވެ ތަށި ހޯދުން ކަމަށެވެ.