ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ސައެންސްވެރިންނާ ކަމާބެހޭ ފަންނީ މާހިރުން ގުޅިގެން ކުރަމުން އަންނަނީ ތާރީހު ނުދެކޭ ހަލުވި ދުވެއްޔެއްގައެވެ.

ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދުން، 2019 ވަނަ އަހަރުގެ ފަހުކޮޅު، ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން އަދާ ޖެހުނުއިރުވެސް މި ބަލި ޖައްސާ ވައިރަހުގެ ހަގީގަތް ހޯދިފައެއް ނުވެއެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް ދެނެގަނެވިފައެއް ނެތެވެ. ވެކްސިނެއްވެސް އަދި ނެތެވެ.

ކޮވިޑް-19އަށް ވެކްސިނަކާ ފަރުވާ ހޯދުމަށް ސައެންސްވެރިންނާ ވޮލަންޓިއަރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން/ފޮޓޯ: އޭޑީއެން

ނަމަވެސް، އެކި ހިސާބުތަކުގައި ވެކްސިންތައް ތަޖުރިބާ ކުރުމުގެ މަސައްކަތް އޮތީ މެކުހަށް ޖަހާފައެވެ. ސައެންސްވެރިންނާ ތަޖުރިބާކާރުންގެ މަސައްކަތާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑު ގުރުބާނީއެއް ވަމުންދަނީ، މި ވެކްސިން އަމަލީ ގޮތުން ތަޖުރިބާ ކުރަމުންދާ ވޮލަންޓިއަރުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

އިއާން ހޭޑަންއަކީވެސް މިފަދަ ވޮލަންޓިއަރެކެވެ. ހޭޑަންއަކީވެސް ވެކްސިނެއް ތަޖުރިބާކުރި ބައިވެރިއެކެވެ. ވެކްސިންއާއެކު ހޭޑަންވަނީ، ވޭން ހުރި ސައިޑް އިފެކްޓްތަކެއް ނުވަތަ ނޭދެވޭ އަސަރުތަކެއްވެސް ތަޖުރިބާކޮށްފައެވެ.

ހޭޑަން ތަޖުރިބާކުރީ އެމެރިކާގެ މޮޑާނާ ކުންފުނިން ތަރައްގީ ކުރަމުންދާ ވެކްސިނެވެ. 250 މައިކްރޯގްރާމްގެ ވެކްސިނާއެކު ހޭޑަންއަށް ކުރިމަތިލާންޖެހުނު ތަކުލީފުތަކުގެ ތެރޭގައި ގަދައަށް ހުން އައުމާ މޭ ނުބައިކޮށްފައި ހުރުން ފަދަ ކަންތައްތަކެއް ހިމެނުނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓުޑޭޝޯ

"ގާތްގަނޑަކަށް 1 ދުވަސްވަންދެން އެކަން ތަޖުރިބާކުރިން. ގަދައަށް ހުން އައި. އާދަޔާ ހިލާފަށް ވަރުބަލިވެ، މަސްތަކުގައި ރިއްސި. މޭ ނުބައިކުރުން ކަހަލަ ކަންކަންވީ. އެންމެފަހުން ޖެހުނީ އަވަސް ފަރުވާ ހޯދަން. ޑޮކްޓަރުން ދިޔައީ އަހަރެންނަށް ވަމުންދިޔަ ގޮތް ބަލާ، މޮނިޓާ ކުރަމުން. ޓެސްޓުތަކެއްވެސް ހެދި. އެކަމަކު ހަމަ 1 ދުވަސް ވަރުވީ. އެއް ދުވަސް ފަހުން ކަންކަން ހަމައަކަށް އެޅެން ފެށި. މަޑުން މަޑުން ގޮސް ހަމައަކަށް އެޅިއްޖެ. އޭގެ ފަހުން އެއްވެސް މައްސަލައެއް އަދި ދިމާ ނުވޭ" ސީއެންއެން ޓައުންހޯލްގައި ވާހަކަ ދައްކަމުން ހޭޑަން ކިޔައިދިނެވެ.

މޮޑާނާގެ ވެކްސިން

ވެކްސިނެއް ތަރައްގީ ކުރުމަށް ބައޮޓެކްނޮލޮޖީ ކުންފުނި މޮޑާނާއާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަރައްގީ ކުރި ވެކްސިން، އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރުމަށް ކުރިއަށް ގެންދިޔަ ފުރަތަމަ މަރުހަލާގެ ނަތީޖާ ކާމިޔާބު ކަމަށް ދިރާސާ ރިޕޯޓުން ވަނީ ދައްކާފައެވެ.

ހޭޑަން ހިއްސާކުރި ތަޖުރިބާއިން ފާހަގަވި ސައިޑްއިފެކްޓްތައް، ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާ ރިޕޯޓްގައިވެސް ވަނީ ހިމަނާފައެވެ.

ޚަބަރު ލިބޭ ގޮތުގައި މި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް، މި މަހު ފަހުކޮޅު ފަށާނެއެވެ. މޮޑާނާގެ މި ވެކްސިނަކީ ކޮވިޑް-19އަށް އެކަށީގެންވާ ވެކްސިނެއްތޯ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓްވިޓާ

އެމްއާރްއެންއޭ-1237 ގެ ނަންދީފައިވާ މި ވެކްސިންގެ ތަހުލީލުތައް ފުޅާ ދާއިރާގައި ފެށުމަށް މޮޑާނާއިން ތާވަލުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ. މި މަރުހަލާގައި 30000 އެއްހާ މީހުން ބައިވެރިވާނެއެވެ. މި އެންމަނަށްވެސް 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިން ދޭނީ 2 ހަފުތާގެ މުއްދަތުގެ ތެރޭގައެވެ. އެމެރިކާގެ 87 ސަރަހައްދެއްގައި މި ތަހުލީލުތައް ކުރިއަށް ގެންދާޏެ ކަމަށް ޚަބަރު ލިބެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19އާ ދެކޮޅަށް އެތައް ސޭތަކަ ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކްލިނިކަލް ޓްރަޔަލް މަރުހަލާގައި އިވަލުއޭޓް ކުރެވެމުންދަނީ 19 ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޚަބަރު ދެއެވެ.