މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް، 35000 ޑޮލަރުގެ ފީއެއް ދައްކާ، ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިއެކިއުންތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތަށް ބަލާއިރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޮކްލަހޯމާގެ ކަރުދާހުގައި ކާންޏޭގެ ނަން އޮންނާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އޭނާގެ ނަން އަނބުރާ ގެންދިޔަ ކަމަށް އަނެއް ބައި ޚަބަރުތައް ބުނެއެވެ. ކަންމިހެން އޮތްއިރު ކާންޔޭގެ ނިންމުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.

އޮކްލަހޯމާ ބޯޑް އޮފް އިލެކްޝަންސްގެ ތަރުޖަމާނު މައިޝާ މޯރް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ފީ ދައްކާފައިވާ 3 ކެންޑިޑޭޓުންގެ ތެރޭގައި ކާންޏޭވެސް ހިމެނޭ ކަމަށެވެ. ކަންމިހެން އޮތްއިރު، އެހެން ސްޓޭޓްތަކުން ކެންޑިޑަސީ ކަށަވަރު ކުރުމަށް އޮތް ސުންގަޑިވަނީ ހަމަވެފައެވެ. އަދި އަނެއްބައި ސްޓޭޓްތަކުން ކެންޑިޑަސީ ކަށަވަރު ކުރުމަށް ހޯދަންޖެހޭ ސޮއި ހޯދާނެ ވަގުތު އޮތް ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މަޝްހޫރު ރިއާލިޓީ ތަރި ކިމް ކާޑޭޝިއަންގެ ހަޔާތުގެ ބައިވެރިޔާ ކާންޏޭ، ރައީސް ކަމަށް ކުރިމަތިލާނެކަން ހާމަ ކުރީ، އެމެރިކާގެ މިނިވަން ދުވަހު އޭނާ ކުރި ޓްވީޓެއްގައެވެ.

ނަފްސާނީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ ހުންނަކަން ހާމަކޮށްފައިވާ ކާންޏޭ އަކީ އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމަޕަށް ފާޅުގައި ސަޕޯޓް ކުރަމުންދިޔަ މީހެކެވެ. ނަމަވެސް، މިފަހަކަށް އައިސް ޓްރަމްޕާ މެދު ކާންޏޭގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން، އޭނާ ދައްކާފައިވާ ބައެއް ވާހަކަތަކުން ހާމަވެއެވެ.