ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ރިޔާސީ ރޭހުގެ ވާދަވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު ބަދަލު ކުރައްވައިފިއެވެ.

ބްރެޑް ޕަސްކާލް، ކެމްޕޭން މެނޭޖަރުކަމުން ވަކިކޮށް، ކެމްޕޭން މެނޭޖަރު ކަމުގެ ޒިންމާ މިހާރު މަތިކުރައްވާފައިވާނީ 2016 ވަނަ އަހަރުގެ އިންތިހާބުގައި ފީލްޑް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިލް ސްޓެޕީންއާ ކަމަށް ޓްރަމްޕް ވަނީ ހާމަ ކުރައްވާފައެވެ.

ކެމްޕޭން މެނޭޖަރު ކަމުން ވަކި ކުރެއްވި ޕަސްކާލްއަކީ، ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުންގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި މީހެކެވެ. އެގޮތުން ހުސްވި މަހު އޮކްލަހޯމާގައި އޮތް ރޭލީގައި މީހުން ބައިވެރިވި އަދަދު މަދުވީ، ޕަސްކާލްގެ އިހުމާލުން ކަމަށް ޓްރަމްޕްގެ އަރިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ އިވެންޓަށް މިލިއަނެއްހާ މީހުން ހާޒިރުވާނެ ކަމަށް ރެޖިސްޓްރީ ކުރިމަކަށް ޕަސްކާލް ބުނަމުންދިޔައިރު، އަސްލު އިވެންޓްގައި ބައިވެރިވީ އެންމެ 6000 އެއްހާ މީހުންނެވެ.

ކެމްޕޭން މެނޭޖަރު ކަމުން ވަކިކުރެއްވި ނަމަވެސް، ޕަސްކާލް ހުންނާނީ ޓްރަމްޕްގެ އިސް މުޝީރެއްގެ ގޮތުގައި ކަމަށް ޚަބަރު ލިބެއެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އިންތިހާބާ ގުޅުންހުރި ކަންކަމުގައި ލަފާ އަރުވާ އިސް މުޝީރުގެ ގޮތުގައި ޕަސްކާލް ހުންނާނެކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.