މަޝްހޫރު މަހުޖަނުންނާ ސިޔާސީ ލީޑަރުންވެސް ހިމެނޭހެން، އެމެރިކާގެ ވަރުގަދަ ޓްވިޓާ އެކައުންޓްތައް ހެކްކޮށްފިއެވެ.

ޒަމާނީ ފައިސާ ކްރިޕްޓޮކަރަންސީ ނެޓްވާކް (ބޮޓްކޮއިން) ސްކޭމްއެއްގެ ގޮތުގައި ހެކަރުން ދިން ހަމަލާ އަމާޒުވި އެކައުންޓްތަކުގެ ތެރޭގައި މަހުޖަނު އީލޯން މަސްކް، ޖެފް ބޭޒޯސް އަދި ބިލް ގޭޓްސް ހިމެނެއެވެ. މީގެ އިތިރުން، އެމެރިކާގެ އެންމެ މަގުބޫލު ރައީސް ބަރާކް އޮބާމާ، ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އަދި މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް އޮފިޝަލް ޓްވިޓާ އެކައުންޓްތަކަށް މި ހަމަލާ ވަނީ އަމާޒުވެފައެވެ.

ހެކަރުންގެ ހަމަލާ އަމާޒުވި އެކައުންޓްތަކުން ކުރި ޓްވީޓްތަކުގައި ބުނެފައިވަނީ އޭގައިވާ އެކައުންޓްތަކަށް ޖަމާ ކުރާ ފައިސާގެ ދެގުނަ އަގުގެ ބަދަލެއް ދޭނެ ކަމަށެވެ.

ޓްވިޓާ ކުންފުނީގެ ސީއީއޯ ޖެފް ޑޯސީ ބުނީ، ވެގެން އުޅޭ ގޮތް ބަލަމުން އަންނަ ކަމަށާ، މިކަންކަން ފުރިހަމައަށް ފަހުމްވުމުން ހުރިހާ ކަމެއްވެސް ހިއްސާކުރާނެ ކަމަށެވެ.

ވެރިފައިޑް އެކައުންޓް ގެންގުޅޭ ފަރާތްތަކަށް އެކައުންޓުން އެއްވެސް ޓްވީޓެއް ނުކުރެވޭ ގޮތަށް އެކައުންޓް ފްރީޒްކޮށް، ޕާސްވޯޑް ބަދަލު ނުކުރެވޭ ގޮތް ހަދާ، އެކައުންޓްއާ ގުޅޭ ގިނަ ފަންކްޝަން މަސައްކަތް ނުކުރާ ގޮތްވެސް ހެދިއެވެ. ނަމަވެސް މިމައްސަލައަށް ވަގުތީ ހައްލެއް ގެނެސްފައިވާކަމަށް ޚަބަރު ލިބެއެވެ.

ސައިބާ ސެކިއުރިޓީ ކުންފުނި ކްރައުޑްސްޓްރައިކް ގެ ކޯ ފައުންޑާ ޑިމިޓްރީ އަލްޕެރޮވިޗް ސިފަކުރި ގޮތުގައި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް މިހާތަނަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން މި ހަމަލާތައް ދިން އެކައުންޓްތައް ވަނީ ހިސާބަކަށް ދެނެގަނެވިފައެވެ. މި އެކައުންޓްތަކާ ގުޅިފައިވާ އިންސްޓަގްރާމް އެކައުންޓެއް ހޯދިފައިވާއިރު، އެއީ "އެމީހުންގެ ހަމަލާއެއް" ކަމަށް ބުނާ މެސެޖެއް އެ ކައުންޓްގައި ޝާއިއުކޮށްފައި ވެއެވެ. އަދި މުއްސަނދިން ފައިސާ، އެންމެ ހަގު ދިމާލަށް ދަތުރުކުރާނެ ކަމަށް ބުނެފައިވެއެވެ.

އެތައް މިލިއަން ފޮލޯވާޒްއެއް ހުރި އެކައުންޓްތަކަށް އަމާޒުކޮށް ހެކަރުން ދިން ހަމަލާއާއިއެކު، އެ އެކައުންޓްތައް ފޮލޯ ކުރަމުންދިޔަ ގިނަ ބަޔަކު ވަނީ ހެކަރުންގެ ޑިމާންޑާ އެއްގޮތަށް، އޮޅުމެއްގެ ތެރޭގައި ތިބެ ފައިސާ ހަދިޔާވެސް ކޮށްފައެވެ.