އަވަށްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2600 އަށް އަރާފައިވާއިރު، މީގެ 2 ބައިކުޅަ 1 ބައި ކޭހުގެ ޒިންމާ ނަގަން ޖެހޭ މީހަކު އެބަހުރި ކަމަށް، ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޭނާގެ ވަނަވަރު ސިއްރު ކޮށްފައި އޮންނަތާ އެތައް މަހެއް ފާއިތުވެއްޖެއެވެ. ނަމަވެސް ޕްރަސާދު ދިނޭޝް މިހާރު ނިކުމެ ހުރީ، އޭނާގެ ކިލަނބުވެފައި ނަން 'ދޮވެ، ސާފުކުރުމުގެ' އަޒުމުގައެވެ. މި ހައިޖާނުގެ ފެށުން ކަމުގައިވި ހެރޮއިންއަށް ދެވި ހިފައިވުމުގެ ވަބާއާ ގުޅިގެން މީހުން ހޭލުންތެރި ކުރުވުމުގެ އުއްމީދުގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފަތުއަޑުކިއާ، ދުނިޔޭގެ އިރުން ހުޅަނގަށް ފެތުރިގެން ދިޔަ ބާރު މިނުގައި ލަންކާއަކަށްވެސް ސަލާމަތެއް ނުހޯދުނެވެ. ބަލިމަޑުކަން އެގައުމަށްވެސް ފެތުރެން ފެށިއެވެ. ސްރީލަންކާގެ ވަރުގަދަ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ލެފްޓިނެންޓް ކާނަލެއްގެ މަގާމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަ މިއަދު ހުންނެވީ ގައުމުގެ ރައީސްގެ ހައިސިއްޔަތުން، ހުންގާނުގައި ހިއްޕަވައިގެންނެވެ. ކޮވިޑް-19އާ ކުރިމަތިލުމަށް، އެންމެ ކުރީ ސަފަށް ގޮތަބާޔާ ނެރުއްވީ އަސްކަރިއްޔާއެވެ.

ސްރީލަންކާއިން 1100 އެއްހާ މީހުންނަށް ކޮވިޑް-19 ޖެއްސި ކަމުގެ ޒިންމާ އުފުލަންޖެހިފައިވާ (ޕޭޝަންޓް 206) ޕްރަސާދު ދިނޭޝް/ފޮޓޯ: ގްލޯބަލް ޓައިމްސް

ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް މިދިޔަ އަހަރު ގޮތަބާޔާ އިންތިހާބު ކުރެވުމާއެކު، އެ ގައުމުގެ ޖާސޫސީ ހިދުމަތްތަކާ ބެހޭ އިދާރާގައި ހެލްތް ޔުނިޓެއް ގާއިމު ކުރެއްވިއެވެ. ކޮވިޑް-19ގެ ފުރަތަމަ ކޭސް ލަންކާއިން ފެނުނު ހިސާބުން، މި ޔުނިޓްގެ މަސައްކަތް ފަށައިފިއެވެ. ވައިރަހަށް އިންފެކްޓް ވެފައިވާ މީހުންނާ، އެމީހުންނާ އެކީ އެއްތާވީ މީހުން ހޯދުމުގެ މަސައްކަތްތަކުގައި މި ޖާސޫސީ ޔުނިޓްގެ އޮފިސަރުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

އުމުރުން 33 އަހަރުގެ ދިނޭޝް، ކޮވިޑް-19އަށް ޕޮޒިޓިވްވީ އޭޕްރިލް މަހުއެވެ. ކަނޑުގެ އަސްކަރީ ސިފައިން ރެއިޑެއް ހިންގާ، ދިނޭޝްގެ ކޮންޓެކްޓްސް ކަރަންޓީނަށް ފޮނުވާލިއެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ދިނޭޝްގެ ސަބަބުން ކުރިމަތިވެގެން ދިޔަ ކަންތައްތަކުގައި، އިތުރު 1100 މީހަކަށް ކޮވިޑް-19 ޖެހުނެވެ. މި ހުރިހާ ކޭހަކީ އެންމެ މީހަކާ ގުޅިފައިވާ ކޭސްތަކެއް ކަމަށް، އާންމުކޮށް އިއުލާން ކުރިއެވެ.

އޭރު ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދިނޭޝްއަށް މުހާތަބު ކުރަމުން ދިޔައީ "ޕޭޝަންޓް 206" ގެ ނަމުންނެވެ. ސޯޝަލް މީޑިއާއާއި ޓީވީތަކުގައި، ސަރުކާރުގެ އޮފިޝަލުން ގެންދެވީ ދިނޭޝްއާ ދިމާލަށް ގޮވުނުހާ ގޮވެލި ފައްޗެއް ގޮވަމުންނެވެ. 3 ކްލަސްޓާއެއްގެ އިލްޒާމު ދިނޭޝްގެ ބޮލުގައި އެޅުވިއެވެ. ކަނޑުގެ އަސްކަރިއްޔާއިން 900 މެމްބަރުން ޕޮޒިޓިވްވުމުން، އެކަމުގެ ޒިންމާވެސް ނަގަން ޖެހުނީ ދިނޭޝްއަށެވެ.

ސްރީލަންކާގައި މީހަކު ކޮވިޑް-19އަށް ޓެސްޓު ކުރަނީ/ފޮޓޯ: ރޮއިޓާޒް

ދިނޭޝް ބުނާ ގޮތުގައި، މި ހުރިހާ ކަމެއް އޭނާގެ ބޮލަށް ޖެހުމަށް ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ލިބުނު ފުރުސަތަކަށް ވީ، މަސްތުވާތަކެއްޗަށް އޭނާ ދެވި ހިފަފައި ހުރި ކަމެވެ.

"އަހަރެންނާ ހެދި އެހާ ގިނަ ބަޔަކު އިންފެކްޓް ވެ، އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭނެ" މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު އެނބުރި އައިސް ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދައްކަމުން ދިނޭޝް ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު، ހަރުކަށި ލޮކްޑައުންއަކަށް ގެންދިއުމާ ހަމައަށް ދިނޭޝް މަސައްކަތް ކުރަމުން ދިޔައި އޮޓޯ ޑްރަވަރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ވަޒީފާއަކީ ދިނޭޝްގެ ނަސީބުގައި ނެތް އެއްޗެކެވެ.

"އަހަރެން މިއީ ޕޭޝަންޓް 206 ކަން އެނގޭ ހިސާބުން އެއްވެސް މީހަކު ބޭނުމެއް ނުވޭ ވަޒީފާ ދޭކަށް" ދިނޭޝް ބުންޏެވެ.

ދެކުނު ކޮރެއާގެ "ޕޭޝަންޓް 31" ހަނދާން އެބަހުރި ހެއްޔެވެ؟ އެއީ ދެކުނު ކޮރެއާގައި ވަގަށް ހިންގަމުންދިޔަ ނަސޯރާ ދީނުގެ ވަކި ޖަމާއަތުގެ ފައްޅިއަކުން އުފެދުނު ބައިވަރު ކޭސްތަކެއްގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން "ޕޭޝަންޓް 206" އެއްވަރުކުރަނީ ދެކުނު ކޮރެއާގެ "ޕޭޝަންޓް 31"އާއެވެ. ލަންކާ ފުލުހުންގެ ތަރުޖަމާނު އަޖީތު ރޯހާނާ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ލަންކާއިން ކުރަމުންދާ މަސައްކަތްތަކަށް ދިނޭޝްގެ ސަބަބުން ހިޔަނި އެޅެއެވެ. ދިނޭޝްގެ ސަބަބުން ގައުމަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރޯހާނާ ސިފަކުރެއްވިއެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ކިޔައިދޭ ގޮތުގައި ފުލުހުންނާ ދިނޭޝް ހަވާލު ކުރެވުނީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ވައްކަމަކާ ގުޅިގެން އަވަށު މީހުން ނިކުމެ އޭނާ ހިފާ ހައްޔަރުކުރި ހިސާބުންނެވެ. ފުލުސް ސްޓޭޝަނަށް ދިނޭޝް ގެންދެވުނު އިރު އޭނާ ހުރީ ހުންއައިސްފައެވެ. ވައްކަން ކުރަން އުޅުމުގެ ތެރޭގައި ދިނޭޝްގެ ފަޔަށްވެސް އޮތީ އަނިޔާވެފައެވެ. އެހެންކަމުން، ލަންކާގެ ކަމާބެހޭ ފަރާތްތަކުން އޭނާ އެންމެ ފުރަތަމަ އެޑްމިޓް ކުރީ، ކައިރި ހިސާބެއްގެ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކުން ދިނޭޝް، ކޮވިޑް-19އަށް ޕޮޒިޓިވްވިއެވެ. ދިނޭޝްވަނީ އެ ހޮސްޕިޓަލުގައި 31 ދުވަސް ހޭދަކޮށްފައެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ގާޑުންތަކެއް ޗެކްޕޯސްޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: އިންކުއަރާ

ފުލުހުންގެ ބެލުމުގެ ދަށަށް ދިނޭޝް ރަސްމީކޮށް ގެންދިޔައީ ޕޮޒިޓިވްވި ފަހުންނެވެ. ދިނޭޝްގެ ރަހުމަތްތެރިންގެ އިތުރުން އޭނާގެ އަވަށުން 100 އަށްވުރެ ގިނަ މީހުން ކަރަންޓީނު ވާން އަމުރު ނެރުނެވެ. ނަމަވެސް އިޖާބަ ދިނީ ބައެއް މީހުންނެވެ.

މިއާއެކު ކޮވިޑް-19ގެ ވައިރަސް ދިޔައީ ކުރި ހޯދަމުންނެވެ. ތޮއްޖެހިފައި އޮތް އެ އަވަށުގެ ކަންކަން ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުގެ އަސްކަރިއްޔާގެ ފައުޖެއްވެސް އެ އަވަށަށް ދިޔައެވެ. ކަނޑުގެ އަސްކަރީ ސިފައިން ފެނުމުން ދިނޭޝްގެ ބައިވެރިންނަށް ސިހުން ގެނުވިއެވެ. ފުޅަށް މަތިންނާ، ފާރުތައް މަތިން ފުންމަމުން، ކަމާ ބެހޭ ފަރާތްތަކުގެ އަތުނުވާން އެތައް ބަޔަކު ދުވިއެވެ.

މި ހައިޖާނުގަނޑުގެ ތެރެއިން 28 މީހަކު ހައްޔަރު ކުރެވުނުއިރު އޭގެ ތެރެއިން 16 މީހެއްގެ ނަތީޛާ ޕޮޒިޓިވްއެވެ. ދެ ހަފުތާއެއްހާ ދުވަސް ވީއިރު، ކަނޑުގެ އަސްކަރިއްޔާއިންވެސް ޕޮޒިޓިވް ކޭސްތައް ފެންނަން ފަށައިފިއެވެ.

"އަހަރެން ދެން ކީއްކުރާނީ؟ އަހަރެންގެ ކުށަކަށްވީ މަސްތުވާތަކެތި ބޭނުން ކުރެވުން" ދިނޭޝް ބުންޏެވެ.

ދިނޭޝް ބުނި ގޮތުގައި އޭނާ ހެރޮއިން ބޭނުން ކުރަމުން އަންނަނީ 2002 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އޭނާއަކީ އެއްވެސް އިރެއްގައި ހައްދުން ނައްޓައިގެންދާ ވަރަށް ދެވި ހިފި މީހެއް ނޫން ކަމަށް ދިނޭޝް ބުނެއެވެ. ނަމަވެސް ލޮކްޑައުން ތެރޭގައި އަތުން ކޮންޓްރޯލް ދޫވީއެވެ. ހެރޮއިން ގަތުމަށް ފައިސާ ހޯދަން، އިތުރު ބަޔަކާ ގުޅިގެން ވައްކަން ކުރަން ފެށީއެވެ.

ސްރީލަންކާއިން 1100 އެއްހާ މީހުންނަށް ކޮވިޑް-19 ޖެއްސި ކަމުގެ ޒިންމާ އުފުލަންޖެހިފައިވާ (ޕޭޝަންޓް 206) ޕްރަސާދު ދިނޭޝް/ފޮޓޯ: ޑަބްލިއުއެފްއެމްޒީ

ދިނޭޝް ދިރިއުޅުނު އަވަށުގައި ހިންގި ރެއިޑާއެކު ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެގައުމުން ހިންގާ އޮޕަރޭޝަން ވަރުގަދަ ކޮށްފައެވެ. ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ލަންކާގައި މިވަގުތު މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 300000 އެއްހާ މީހުން އެބަތިއްބެވެ.

ކޮވިޑް-19 އާ ގުޅިގެން އޭނާގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅިފައިވާ ދިނޭޝް ބުނި ގޮތުގައި މި ބައްޔާއެކު އޭނާއަށް ނަސީބެއްވެސް ލިބުނެވެ. އެއީ މަސްތުވާތަކެތީގެ އާދައާ ދުރުވާން ފުރުސަތު ލިބުމެވެ. ދިނޭޝް ބުނާ ގޮތުގައި މިހާރު އޭނާ އެއްވެސް ވަރަކަށް މަސްތުވާ އެއްޗެއްސެއް ބޭނުމެއް ނުކުރެއެވެ. ސިނގިރޭޓު ބުއިންވެސް ހުއްޓާލައިފިއެވެ. ހުރިހާ ވަގުތެއްވެސް މިހާރު ހޭދަކުރަނީ އޭނާގެ 2 ދަރިންނާއެކުގައި ކަމަށް ލަންކާގެ "ޕޭޝަންޓް 206"، ދިނޭޝް ބުންޏެވެ.