ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭ ކަނޑުތަކުގެ އިގުތިސޯދީ މަސައްކަތްތެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ކޮންމެ ޑޮލަރަކަށް، އޭގެ ފަސް ގުނަ އިތުރު ފައިދާ ލިއްބައިދިނުމުގެ ފުރުސަތު އެބައޮތް ކަމަށް، ކަނޑުތަކުގެ ދެމެހެއްޓެނިވި އިގުތިސޯދީ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ މަތީ ފަންތީގެ ޕެނަލްގެ ކޮމިޝަނުގައި އެކުލަވާލި އާ ރިޕޯޓެއް ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިނދަޖެހިފައިވާ އިގުތުސޯދުތައް ނެގެހެއްޓުމަށް އެހީގެ އެކި ކަހަލަ ޕެކޭޖުތައް ތައާރަފުކުރަމުންދާ މި ދަނޑިވަޅުގައި އާންމުކުރި މި ރިޕޯޓްގައި، މިހާރާ، އަންނަން އޮތް ތަނުގައި ހެޔޮ ބަދަލަކަށް މަގު ފަހިކުރާނެ މައިގަނޑު 4 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

  • ކަނޑުފާތަކާ ކުޅިތަކުގެ ހިމާޔަތްކޮށް، ދިރުން ދަމަހައްޓާ އާލާ ކުރުން
  • ޝިޕިންގް ސިނާއަތަކީ ކާބަންގެ ވިހަ ގޭސް ބޭރު ކުރުމުން އެއްކިބާވެފައިވާ ސިނާއަތަކަށް ހެދުން
  • ކަނޑުގެ ސަރަހައްދަށް ޖެހޭ ވައި ބޭނުން ކޮށްގެން ހަކަތަ އުފެއްދުން
  • ކަނޑުން ލިބޭ ޕްރޮޓީންސްގެ މާއްދާ ދެމެހެއްޓިނިވި ގޮތެއްގައި އިތުރު ކުރުން
ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މުސައްނިފު މަނާސްވިތާ ކޯނާރު ވިދާޅުވީ، މިކަންކަމަކީ އާބާދީގެ މެމްބަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ދިރިއުޅުން އުޖާލާ ކޮށްދޭނެ ކަންތައްތަކެއް ކަމަށާ، ހަމަ މިއާއެކު، ހެޔޮ ގޮތުގައި ވެށީގެ ދިރުން ދެމެހެއްޓޭނެ ކަމަށެވެ.

އިސްވެ ބަޔާންކޮށްފައިވާ 4 ދާއިރާގައި އިންވެސްޓު ކުރުމަކީ، އިގުތިސޯދީ ގޮތުންނާ، ތިމާވެށީގެ ރޮނގުން އަދި ސިއްހީ ގޮތުން ބެލި ކަމުގައި ވީ ނަމަވެސް 5-10 ގުނައާ ދެމެދު އިތުރު އަދަދަކަށް ފައިދާ ލިއްބައިދެނިވި ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މި ދާއިރާގައި އިންވެސްޓް ކުރުމަކީ، 30 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަށް 8.2 ޓްރިލިއަން ޑޮލަރުގެ ބަދަލެއް ލިއްބައިދޭނެ ކަމެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ދުނިޔެ ހޫނުކުރާ ވިހަ ގޭހުގެ މާއްދާތައް ދަށް ކުރުމަށް ޕްރިސް ކްލައިމެޓުން އެކޯޑުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ 5 ބައިކުޅަ 1 ބަޔަކީ، ކަނޑުތަކާ ގުޅިގެން އަޅާ މިފަދަ ފިޔަވަޅުތަކުގެ ތެރެއިން ހައްލު ހޯދިދާނެ ބައެއް ކަމަށް ބުނެވެއެވެ. ފަހުގެ ދިރާސާ ފަރުމާކޮށްފައިވަނީ މި ކަމުގެ މައްޗަށެވެ.

ރިޕޯޓް ބުނާ ގޮތުގައި ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަން (ޖީޑީޕީ)ގެ 3.5 – 7 ޕަސެންޓާ ދެމެދު މިންވަރެއް ހިއްސާކުރަނީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، 2030 ވަނަ އަހަރު އަންނައިރު، މި އަދަދު 2 ގުނަ އިތުރުވާނެއެވެ.

ކަނޑުފާލާ ކުޅިތައް ހިމާޔަތް ކުރުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރުތަކުން ރަށް ސަލާމަތް ކުރުމަށް އެހިވެދޭނެ ހަތިޔާރެކެވެ.

2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީ 10 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރާއިރު، ޖައްވު ހޫނުކުރާ ކާބަންގެ ވިހަ ގޭސް ބޭރުވުން ކުޑަ، ކަނޑުގެ މަސްދަރުތައް، މިސާލަކަށް ކަނޑުމަހާ ޝެލްފިޝްގެ ބާވަތްތަކުން އާބާދީ ބަނޑުފުރާ މުއްތި ކުރުމަށް ބަރޯސާވުން ބުއްދިވެރިއެވެ. އެއްގަމު މަހަށް އޮންނަ ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރަން ޖެހޭނަމަ ކާބަން ބޭރުވާ މިންވަރު އިތުރުވެއެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ކަނޑުތަކުގެ އިގުތިސޯދީ މަސައްކަތްތެރިކަމަކީ ގިނަ ގައުމުތަކަކުން އެކަމެއްގެ މައްޗަށް މި ފަހަކަށް އައިސް އިންތިހާއަށް ބަރޯސާވެފައި އޮތް މަސައްކަތެކެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެކަމަށް ވަނީ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ. ފަތުރުވެރިކަމާ، މަސްވެރިކަމާ، ޝިޕިންގް ސިނާއަތަށް މިވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

އެމެރިކަން އޯޝަން ކޮންޒަވޭޝަންގެ ޗީފް ޕޮލިސީ އޮފިސާ ޖެކީ ޝެވިޓްޒް ވިދާޅުވާ ގޮތުގައި، ކަނޑުގެ ހިމާޔަތުގައި އިންވެސްޓް ކުރުމަކީ، މިހާރުވެސް މާލީ ގޮތުން ހާލުގައި ޖެހިފައިވާ ގައުމުތަކަށް ބަލާއިރު އިންސްޓްކުރަން މާ ބޮޑު މިންވަރެއް ނޫން ކަމަށެވެ. އެގޮތުން ނެތި ދިއުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާ، މަސްވެރިކަން ކުރަން ބޭނުން ކުރާ އާލާތްތަކަކީ ކަނޑުގެ ދިރުންތައް ގެއްލުން ނުވާ ފަދަ އަލާތްތަކެއް ކަން ކަށަވަރު ކުރުމަކީ އެކަމުގެ ނަތީޖާ ހެޔޮ ވެގެންދާނެ ކަންތައްތަކެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.