ނަތީޖާ ނެރެވެނިވި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުތައް ފެއިލްވަމުން ދާ ކަމަށް ވަނީ ނަމަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ދާނީ ގޯސް ވަމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފިއެވެ.
ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމައިގެން ގިނަ ގައުމުތަކެއް މިހާރުވެސް މިސްރާބު ޖަހާފައިވަނީ ނުބައި ދިމާލަކަށް ކަމަށެވެ.
ކޭސް އިތުރުވަމުން ދަނީ، ބަލިމަޑުކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ސާބިތުވެފައިވާ ފިޔަވަޅުތައްވެސް އަޅަމުން ނުދާތީ ކަމަށް ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ.
ސުވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަވާ، ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުތަކުގެ ލީޑަރުން ދެއްވާ "މަސްހުނި" މެސެޖުތަކަކީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އާންމު މުޖުތަމައުގެ އިތުބާރު ހޯދުމަށް އެޅިފައިވާ ހިޔަންޏެއް ކަމަށެވެ.
އަދުގެ މުޖުތަމައަށް އޮތް އާންމު، އެއް ނަމްބަރު ދުޝްމަނަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާ، ނަމަވެސް ގިނަ ސަރުކާރުތަކާ، ރައްޔިތުންގެ އަމަލުތަކުން މިކަން ތަސްވީރު ނުވާކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.
ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، ގިނަގިނައިން އަތް ދޮވުމާ، އެކަށީގެންވާ ހާލަތްތަކުގައި މާސްކު އެޅުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރުން އަދަށްވުރެ ސީރިއަސް ކޮށް ނަގަންޖެހޭ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި، އިހު އުޅުނު އާންމު ހާލަތަށް އަނބުރާ ރުޖޫއަ ވެވެން ނެތް ކަމަށްވެސް އިންޒާރު ކުރައްވަމުންނެވެ.
އެންމެ އަސާސީ ފިޔަވަޅުތައް ތަންފީޒު ނުކުރާކަމަށް ވަނީ ނަމަ، ބަލިމަޑުކަން ދާން އޮތީ އެންމެ މިސްރާބެއް ކަމަށާ، އެއީ ގޯހުން ގޯހަށް ދާން އޮތް މަގު ކަމަށް ޑރ ޓެޑްރޯޒް އިންޒާރު ކުރެއްވިއެވެ.
ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލު ޑރ މައިކް ރާޔަން ވިދާޅުވީ އެމެރިކާ ސަރަހައްދުގައި ބަލިމަޑުކަމުގެ ހުޅުފަޅައިގެން ދާންޖެހުނު އެންމެ ބޮޑު ސަބަބަކީ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމާ، ބައެއް ސަރަހައްދުތައް ހުޅުވާލުން ލަމަށެވެ.
ޑރ ރާޔަން ވިދާޅުވީ ބޮޑު ސަރަހައްދެއް ލޮކްޑައުންނަށް ގެންދިއުމަކީ އިގުތިސޯދީ ތަކުލީފުތައް ބޮޑުވާނެ ކަމެއް ކަމަށާ، ނަމަވެސް ސަރަހައްދީ ލޮކްޑައުންތަކެއް އިއުލާން ކުރުމަކީ ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކޮންމެހެން އަޅަންޖެހިދާނެ ފިޔަވަޅެއް ކަމަށެވެ.
މިމޭރުމުން ވާހަކަދައްކަވަމުން ޑރ ރާޔަން ވަނީ ވަރުގަދަ އިސްތިރާޖުތަކެއް ތަންފީޒު ކުރުމަށާ، އެ އިސްތިރާޖުތަކަކީ ރައްޔިތުންނަށް ސާފުވާނެ އިސްތިރާޖުތަކެއް ކަމުގައި ކަށަވަރު ކުރުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ.