ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް ދިވެހިރާއްޖޭގެ އިސްތިގުލާލު ވިއްކާލާފައި ވާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރެއްވި ސިޓީފުޅަށް، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖޮންގް ލީޒޮންގް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ، ޑިމޮކްރަޓިކް ވެއްޓަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް އަރަބްނިއުސް ޕާކިސްތާނު އެޑިޝަންގައި ސީމާ ސެންގުޕްތާ ޝާއިއުކުރި އޮޕީނިއަން އެޑިޓޯރިއަލްއަކާ ގުޅިގެން އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ނަޝީދު ޝާއިއު ކުރެއްވި އޯޕަން ލެޓާގައި ވިދާޅުވެފައިވަނީ، ސެންގުޕްތާގެ ލިޔުމަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ލިޔުމެއް ކަމަށެވެ.

ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައި ރައްޔިތުން ނިކުމެ، ދިން ވޯޓަކުން ކަމަށާ، ޔާމީންގެ ވެރިކަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ދިވެހިރާއްޖޭގެ އިސްތިގުލާލު ވިއްކާލާފައިވާކަމަށް ނަޝީދުގެ އޯޕަން ލެޓާގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ ދައުލަތުގެ ބާރު ހިނގާ ކުންފުނިތަކަކަށް ރާއްޖޭގެ 12 ރަށެއް ވިއްކާލާފައިވާކަމަށާ، ޔާމީންގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ ދަރަނިވެރިވެ، ހަރަދު ފޫނުބެދޭ ވަރު ކޮށްލާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ކަރާމާތަށް އުނިކަން ގެނުވަނިވި ކަމެއް ކަމަށާ، މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހެމަށްވެސް ނުރައްކާ ކުރިމަތި ކުރުވަނިވި ކަމެއް ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މިކަންކަމަށް ރައްދު ދެއްވަމުން ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޗައިނާއާ ގުޅުވައިގެން ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި ގައުމެއްގެ ވެރިކަން ކުރާ ޕާޓީގެ އިސް ވެރިއަކަށް ހުންނެވި ބޭފުޅަކު މިފަދަ ވާހަކަފުޅުތަކެއް ދެއްވުމަކީ އިންތިހާއަށް ހިތާމަ ކުރައްވާ ކަމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

12 ރަށެއްގެ ކަންތައް އެ ވިދާޅުވި ގޮތަށް ނުހިނގާ ކަމަށާ، އިހުލާސްތެރިކަމާއެކު އެ ކަން ބެއްލެވުމަށްވެސް ސަފީރު ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާ، ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަދި ޚުދު ނަޝީދު ޓެގު ކުރައްވާ، ކުރެއްވި ޓްވީޓެއްގައި ގޮވާޅައްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ހުރިހާ ގުޅުމަކީ، އެއް އެއްބަޔަކު އަނެއް ބައެއްގެ އިސްތިގުލާލާ މަސްލަހަތު ހިމާޔަތް ކުރުމަށް އިހުތިރާމް ކުރަނިވި، ހަމަހަމަ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި އަދާ ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ޖީ-20 އިނިޝިއޭޓިވްގެ ދަށުން އެކުލަވާލާފައިވާ އުސޫލުތަކަށް ޗައިނާއިން ތާއީދުކޮށް، އެކަން ތަންފީޒު ކުރަމުންދާ ކަމަށާ، ރާއްޖެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދާ ދިނުމަށް، ޒިންމާދާރު، ބޮޑު ގައުމެއްގެ ހައިސިއްޔަތުން، ޗައިނާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެގައުމުގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅަކަށް ވާ ހިނދު، ކޮވިޑް-19ގެ އިޖާބައިގެ އިތުރުން، ފަތުރުވެރިކަމާ އެނޫންވެސް އެކި ކަހަލަ މަޝްރޫއުތަކުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރާ ގުޅިގެން، ރައީސް ނަޝީދާ ޗައިނާ ސަފީރު ވަނީ މީގެ ކުރިންވެސް ވަނީ ދެބަސްވެވަޑައިގެންފައެވެ.