މިއަހަރުގެ ޖަނަވަރީ މަހު އީރާނުގެ ވައިގެ ސަރަހައްދުން ޔޫކްރައިންގެ ޕަސެންޖާ ފްލައިޓެއް ވައްޓާލެވުނީ، ވައިގެ ދިފާއީ އަލާތް ރޭވުމުގައި ހެދުނު ގޯހަކުން ކަމަށް އީރާޏުން ބުނެފިއެވެ.

ވައިގެ އުދުހުނަތްކާ ބެހޭ އީރާނުގެ އިދާރާއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ހާދިސާ ހިނގާފައިވަނީ، އަސްކަރީ ފެންވަރުގައި މުއާމަލާތު ކުރުމުގެ ފެންވަރު ދަށްވުމާ، 'ހިއުމަން އެރާ' ގެ ސަބަބުންނެވެ.

ވެރިރަށް ތެހްރާންގެ ވައިގެ ބަނދަރުން ފްލައިޓް އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، 2 މިސައިލް ހަމަލާއެއް އަމާޒުވެ، ޔޫކްރައިންގެ ކޮމާޝަލް ފްލައިޓް ވެއްޓުނު ހާދިސާގައި، އެ ވަގުތު ބޯޓުން ދަތުރުކުރި 176 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގުމާއެކު އީރާނުން އެންމެ ފުރަތަމަވެސް ކުޅުނީ ދިފާއަށެވެ.

ޔޫކްރައިން ފްލައިޓް ޕީއެސް ފްލައިޓް 752 ވެއްޓުނު ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ނަމަވެސް، ހުޅަނގުގެ ޖާސޫސީ އޮފިޝަލުން އެއްކުރި މައުލޫމާތާއެކު، އީރާނުގެ އިހުމާލެއް އޮތް ކަން ހާމަވިއެވެ. އެއަށްފަހު އީރާނުންވެސް ގޯހެއް ހެދުނު ކަމަށް އިއުތިރާފުވިއެވެ. އެގޮތުން އެ ފްލައިޓަކީ ކްރޫޒް މިސައިލެއް ކަމަށް އޮޅުން އެރި ކަމަށް އީރާނުން ބުންޏެވެ. އަދި މިއީ "މައާފު ނުދެވޭ ވަރުގެ ބޮޑު ކުށެއް" ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީވެސް ވިދާޅުވިއެވެ.

އީރާނުގެ ވައިގެ ސަރަހައްދުން، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް، ޖަނަވަރީ 8 ވަނަ ދުވަހު ވައްޓާލި ވަގުތަކީ، އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ފެންވަރުގައި ނުތަނަވަސް ކަން އުފެދިފައި އޮތް ވަގުތެކެވެ.

އީރާނު ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުން އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އަތޯ ކެނާރީ

އިރާގުގައި ހުރި އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ޖެނެރަލް ގާސިމް ސުލައިމާނީ އަށް އެމެރިކާއިން ޑްރޯން ހަމަލާދީ، އޭނާ މަރާލި ހާދިސާއާ ގުޅިގެން އީރާނުން އޭރު އޮތީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައެވެ.

ފްލައިޓް ވައްޓާލި ހާދިސާގެ ތަހުގީގު ރިޕޯޓްގެ މުޅި ކޮޕީ އަދިވެސް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ފާސް ނިއުސް އޭޖެންސީން ވަނީ ރިޕޯޓްގެ ބައެއް ބައިތައް އާންމުކޮށްފައެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހަމަލާ ދިން އިރާގުގެ ވައިގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

މި ރިޕޯޓް ބުނާ ގޮތުގައި، ޔޫކްރައިންގެ ބޯޓު ދަތުރު ކުރަމުންދިޔައީ އާންމުކޮށްވެސް މަތިންދާ ބޯޓުތައް ދަތުރު ކުރަމުންދާ ރާސްތާއަކުންނެވެ. ނަމަވެސް، އެ ބޯޓަށް ހަމަލާދިން ވައިގެ ދިފާއީ ޔުނިޓް އެހެން ދިމާލަކަށް ބަދަލުވިތާ އޭރު އަދި މާ ގިނަ ވަގުތެއް ނުނަގާ ކަމަށާ، ވައިގެ ދިފާއީ ހަމަލާ ދޭ އާލާތް އެކަށީގެންވާ ގޮތެއްގައި ފަންގްޝަން ކުރުވުމަށް ކަމާ ބެހޭ ފަރާތްތަކުން ފެއިލްވިކަމަށް ބުނެފައިވެއެވެ. ނަތީޖާއަކަށްވީ، އާންމުންގެ ބަޔަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ މަދަނީ ބޯޓެއް، އިދިކޮޅު ހަތިޔާރެއްގެ ގޮތުގައި ސިފަވުމެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަމަކަށް ބަލާއިރު ވައިގެ ދިފާއީ އާލާތުން ފޮނުވާލި މިސައިލްގެ ބެޓެރިން، އަސްކަރީ ކޮމާންޑް ސެންޓަރަށް މުއާމަލާތު ކޮށްފައެއް ނުވެއެވެ. އަދި ޔޫކްރައިންގެ ފްލައިޓް ޕީއެސް752 އަށް މިސައިލް ހަމަލާ ފޮނުވާލީ، ކޮމާންޑް ސެންޓަރުގެ އިޒުނަ ނެތީސް ކަމަށް ބުނެފައިވެއެވެ.

އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: އިސްނާ

ހުސްވި މަހު އީރާނުން ވަނީ، މި ހާދިސާއާ ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.

ފްލައިޓާ ބެހޭ މުހިންމު މައުލޫމާތުތަކެއް ރައްކާ ކޮށްފައިވާ ކަޅުފޮށީގެ ތަހުގީގުތައް ހިންގުމަށް، އެކަމަށް ގާބިލު ފަރާތަކާ ކަޅުފޮށި ހަވާލު ކުރުމަށް އީރާނުން މީގެ ކުރިން ވަނީ ތަކުރާރު ކޮށް އިންކާރު ކޮށްފައެވެ. ނަމަވެސް މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު، ފަރަންސޭސިވިލާތަށް މި ކަޅުފޮށި ފޮނުވާނެ ކަމަށް އީރާނުގެ މީޑިއާއިން ހާމަކޮށްފައި ވާ ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.