ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، އިންޑިއާގެ އެންމެ ބައިބޯ އެއް ސިޓީ ކަމަށްވާ ބެންގަލޫރު، އަނެއްކާވެސް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

އިންޑިއާގައި 3 ވަނައަށް އެންމެ ބައިބޯ ސިޓީގެ ގޮތުގައި ސިފަކުރަމުން އަންނަ ބެންގަލޫރު މާދަމާ ރެއިން ފެށިގެން ލޮކްޑައުން ކުރަނީ 1 ހަފުތާގެ މުއްދަތަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ބެންގަލޫރު ލޮކްޑައުން ކުރަން ނިންމީ، މައި ކްލަސްޓާއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ޚަބަރު ލިބެއެވެ.

ބެންގަލޫރު ނިސްބަތްވާ ކަރުނާޓަކާ ސްޓޭޓްގެ ޗީފް މިނިސްޓަރު ބީއެސް ޔެދީޔުރައްޕާ ވިދާޅުވީ، ކުއްލި ގޮތަކަށް ބެންގަލޫރަށް އައިސްފައިވާ ކޮވިޑް-19ގެ ސާޖާ ގުޅިގެން ތަޖުރިބާކާރުން ދީފައިވާ އިރުޝާދާއެކު ބެންގަލޫރުގެ ރަށްފުށު ޑިސްޓްރިކްޓްތަކާއެކު މުޅި ސިޓީ ލޮކްޑައުންއަށް ގެންދާ ކަމަށެވެ.

ކަރުނާޓަކާގެ ވެރިކަން ކުރާ ބެންގަލޫރު ސިޓީ އަކީ ގާތްގަނޑަކަށް 8 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިޓީއެކެވެ. ބެންގަލޫރަކީ އިންޑިއާގެ ޓެކްނޮލޮޖީ ހަބެވެ.

ކަރުނާޓަކާ ސްޓޭޓްގެ ސިއްހަތާ ބެހޭ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ސްޓޭޓުން 16862 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 245 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.