ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވެވި ހިތާބުގައެވެ. މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ކޮވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ސިއްހަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި ޝިއާރެވެ.

ކޮވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިގްތިސޯދެއް ނެތް ކަމަށާއި ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމައެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ އާއިލާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރެއިން ވެސް، މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި ރާއްޖޭގައި ވެސް ސިއްހީ ހިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައި ވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށް ރައީސް ވިދާޅުވިއެވެ. އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުއާއަކީ، ކޮވިޑް-19ގެ ނުރައްކަލުން، ދިވެހިރާއްޖެ ރައްކާތެރި ކުރައްވައި، ދުޅަހެޔޮ ހަށިހެޔޮ ސިއްހަތަކާއިގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމުގެ އަވަސް ފުރުސަތެއް، މާތް ﷲ މިންވަރު ކުރެއްވުމެ"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިއްހީ ހިދުމަތުގެ ނިޒާމަށް ވެސް މިއީ ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެފަދައިން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް، ވަރަށް ނޭދެވޭ އަސަރުތައް ދަނީ ފޯރަމުން ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އިތުރުވެއްޖެ ކަމަށާއި މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދުުނިޔޭގެ ފެންވަރުގައި އާބާދީ ދުވަހުގެ ގޮތުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ވަރަށް މުހިންމު މަގްސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންމެ ގައުމެއްގެ ވެސް އާބާދީއާ ގުޅިފައިވާ މައްސަލަތަކާމެދު، އެ ގައުމެއްގެ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށާއި އޭގެ ތެރޭގައި އިންސާނީ މުޖުތަމައެއްގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރަންވީ ކަންކަމާމެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރި އިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި މިވަނީ، އިންސާނީ ތާރީހު ވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާ ކަމަށް ރައީސް ސޯލހް ވިދާޅުވިއެވެ. ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފެނުނު "ކޮވިޑް-19"، މުޅި ދުނިޔެއަށް ފެތުރި، މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި، 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައި ކަމަށާއި އޭގެ ތެރެއިން ފަސް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްޔަށް ފަރުވާ ކުރުމަށް މިހާތަނަށް އެއްވެސް ބޭހެއް، ވެކްސިނެއް ހޯދިފައި ނުވާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ވެސް، އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނަށް ވެސް ލަފާ ނުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ބަޔަކަށް މިބަލި ޖެހި، ބަލީގައި މަރުވާ އަދަދު، ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރު ވެސް އަމާޒުކޮށްފައި ވަނީ، މި ބަލީގެ ނުރައްކަލުން، ދުނިޔޭގެ އާބާދީ ރައްކާތެރިކުރުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ، މި ސަރަޙައްދުގެ ގައުމުތަކާ އަޅާ ބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމަށެވެ. އެގޮތުން ބަލާއިރު، ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޮވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކު ވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ސިއްހާތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.