ހުސްވި ޖޫން މަސް ނިމެންދަނިކޮށް ނިއުޒީލަންޑްއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން 2 ކޭހެއް ރިޕޯޓް ކުރިއެވެ.

އޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިޔައީ ދުވާލެއްގެ މައްޗަށް އެތައް ހާސް ކޭހެއް ރިޕޯޓް ކުރަމުންނެވެ. އެހެންކަމުން، ނިއުޒީލަންޑުން އެންމެ 2 ކޭސް ރިޕޯޓް ކުރުމަކީ މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވުނެވެ.

ނަމަވެސް އެދުވަހާ ހިސާބަށް އައިއިރު، ނިއުޒީލަންޑުން ކޭހެއް ނުފެންނަތާ 24 ދުވަސްވެއްޖެއެވެ. މި ކާމިޔާބީގައި ދުވަސްތައް ގުނަމުންދަނިކޮށް ކަރަންޓީނު އުސޫލުތަކާ ހިލާފުވި 2 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުން ވެގެންދިޔައީ ސިއްހަތާ ބެހޭ ވަޒީރުވެސް މަގާމުން އިސްތިއުފާ ދެއްވި ވަރުގެ ކަމަކަށެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19އާ ކުރިމަތިލާ، ކާމިޔާބީތަކެއް ހޯދުމުގައި ނިއުޒީލަންޑުން ގެންގުޅޭ އުކުޅަކީ ކޮބާ ހެއްޔެވެ؟

ނިއުޒީލަންޑުން ބޯޑަރު ބަންދު ކުރީ ކޮން އިރަކު؟

ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަމުންދިޔައީ ޗައިނާއިންނެވެ. ނަމަވެސް ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު ފިލިޕީންސްއިން މީހަކު މަރުވުން ވީ، ޗައިނާއިން ބޭރުގައި މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރަށެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

މިހާ ހިސާބަށް އައިއިރު ނިއުޒީލަންޑުން އެންމެ ކޭހެއްވެސް ރިޕޯޓުކޮށްފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ނިއުޒީލަންޑުން ވަނީ ޗައިނާ މަގުން އެ ގައުމަށް ދަތުރުކުރާ ހުރިހާ ބިދޭސީންނަށް ބޯޑަރު ބަންދު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޗައިނާ މަގުން އަންނަ ނިއުޒީލަންޑްގެ ރައްޔިތަކު ނަމަ، 14 ދުވަހު އައިސޮލޭޝަންގައި ހޭދަކުރަން ލާޒިމުކުރިއެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިގެން ދިއުމާއެކު އީރާނުން އަންނަ ފްލައިޓްތަކަށްވެސް ނިއުޒީލަންޑުން މި ހުކުމް ތަންފީޒު ކުރަން ފެށިއެވެ. އެއީ ނިއުޒީލަންޑުން ފުރަތަމަ ކޭސް ފެނުމާއެކުގައެވެ. މި ކޭހަކީ އީރާނު މަގުން ދަތުރުކުރި ކޭހެކެވެ. އެއަށްފަހު ދެކުނު ކޮރެއާއާއި އިޓަލީގެ އުތުރުގެ ސަރަހައްދުތަކުން އަންނަ މީހުންނާ، ބަލީގެ އަލާމާތްތައް ހުންނަ ހުރިހާ އެންމެންގެ މައްޗަށް މި ހުކުމް ތަންފީޒު ކުރަން ފެށިއެވެ.

މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖެހިއިރު، ނިއުޒީލަންޑަށް އެތެރެވާ ކޮންމެ މީހަކީ ސެލްފް އައިސޮލޭޝަނަށް ދާންޖެހޭ މީހެއް ކަމުގައި ކަނޑައަޅާ، ތަންފީޒު ކުރަން ފެށިއެވެ. އިސްތިސްނާވީ، ބަލީގެ އަސަރު ނެތްކަން ކަށަވަރުވެފައިވާ ޕެސިފިކް ގައުމުތަކުން ދަތުރުކުރި ފަރާތްތައް އެކަންޏެވެ.

ނިއުޒީލަންޑްގެ ވެލިންގްޓަންގައި ދަތުރުކުރަން ތައްޔާރަށް އިން މީހަކު ބެންޗެއްގައި މަޑުކޮށްލައިގެން/ފޮޓޯ: އިންސައިޑާ

ބޮޑުވަޒީރު ޖެސީންޑާ އެޑާންވެސް ވަނީ މިއީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގައި ތަންފީޒު ކުރާ އެންމެ ހަރުކަށި ފިޔަވަޅުތައް ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް މައާފަށް އެދިވަޑައިގަންނަވަންޖެހޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

ޖެހިގެން އައި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެޑާން ގެންދެވީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވަމުންނެވެ. އެއީ މީގެ ކުރިން އެގައުމުގައި ތަންފީޒު ކޮށްފައި ނުވާ ވަރުގެ ފިޔަވަޅުތަކެކެވެ. ނިއުޒީލަންޑްގެ ރައްޔިތުން ނުވަތަ ރަށްވެހިން ފިޔަވާ އެހެން ހުރިހާ އެންމެނަށް ކަހަލަ ގޮތަކަށް ގައުމުގެ މުޅި ބޯޑަރު ބަންދުކުރިއެވެ.

މުޅި ދުނިޔެއަށް ބަލިމަޑުކަން ފެތުރިފައި އޮތް އެ ދަނޑިވަޅުގައި އެފަދަ ފިޔަވަޅެއް އެޅުންވީ، ނިއުޒީލަންޑްގައި ކޮމިއުނިޓީ ޓްރާންސްމިޝަން ހުއްޓުވާލުމަށް އެހީވެދިން އެންމެ ބޮޑު އެއް ސަބަބަށެވެ.

ދުރާލާ ލޮކްޑައުންއަށް ގެންދިޔަ

ނިއުޒީލަންޑްގެ އެންމެ އިސް އެޕިޑޮމޮލޮޖިސްޓުންގެ ތެރޭގައި ގުނާލެވޭ ޕްރޮފެސާ މައިކަލް ބޭކާ ވިދާޅުވި ގޮތުގައި، ހުމުގެ ބަލިމަޑުކަމެއް ކޮންޓްރޯލް ކުރުމަށް އާންމު އުސޫލުން އަމަލު ކުރަމުންދިޔަ ގޮތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ވާން ނެތްކަން، މާޗް މަހުގެ މެދަކާ ހިސާބަށް އާދެވުނުއިރު ސާފުވެއްޖެއެވެ.

ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ވޫހާން ސިޓީ ލޮކްޑައުން ކުރި ކުރުމަކީ އެ ސިޓީއަށް ކާމިޔާބީތަކެއް ހާސިލުކޮށްދިން ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ)އިން އިއުލާން ކުރުމާއެކު، ނިއުޒީލަންޑްއިންވެސް ބަލި ނައްތާލުމަށް އެ މިސްރާބަށް ދާންޖެހޭކަން ސާފުވި ކަމަށް ޕްރޮފެސާ ބޭކާ ވިދާޅުވިއެވެ.

ނިއުޒީލަންޑްއިން ދަނީ ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބީތަކެއް ހޯދަމުން/ފޮޓޯ: ސީޖީޓީއެން

މެދުވެރިވާން އުޅޭ ހާއްސަ ހާލަތަށް މުޖުތަމައު އަހަލުވެރި ކުރުވުމަށް ނިއުޒީލަންޑްއިން މަސައްކަތް ފެށީ، ހަލުވި ދުވެއްޔެއްގައި މަސްރަހު ބަދަލުވަމުންދާތީއެވެ. އެއީ މާޗްމަހުގެ ފަހުކޮޅެވެ. 4 މަރުހަލާއެއްގެ މައްޗަށް ބިނާވާ އިންޒާރުދޭ ނިޒާމެއް ގާއިމުކުރިއެވެ. ނިޒާމު ތަންފީޒު ކުރަން ފެށީވެސް 2 ވަނަ ގިންތިއާ ހިސާބުންނެވެ. މާޗް މަހުގެ 25 އާ ހިސާބަށް އާދެވުނުއިރު ލެވަލް 4 އަކަށް ބަދަލުކުރިއެވެ. މުޅި ގައުމު ލޮކްޑައުންއަކަށް ގެންދިޔައެވެ. ހިންގަމުންދިޔައީ އަސާސީ އަދި ޒަރޫރީ ހިދުމަތްތަކެވެ. ހުރިހާ އެންމެނަށް ގޭބަންދުވާން މަޖުބޫރުވެ، ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައި އޮތް ހަމައެކަނި 'ބަބްލް' ގައި އުޅެން މަޖުބޫރުކުރިވިއެވެ.

މިހާ ހިސާބަށް އާދެވުނުއިރު ނިއުޒީލަންޑުން ރިޕޯޓްކޮށްފައި ވަނީ އެންމެ 102 ކޭހެވެ. އެއްވެސް މީހަކު މަރެއް ނުވެއެވެ. އިނގިރޭސިވިލާތްވެސް ލޮކްޑައުން ކުރީ މި ދުވަސްވަރުއެވެ. އޭރު އެގައުމުގައި 6500 ކޭސް އޮތެވެ. 330 މީހުން މަރުވިކަމަށް ރެކޯޑްތަކުން ދައްކައެވެ.

ބިނާކުރަނިވި މުއާލާމަތުތަކާ އާބާދީގެ އިޖާބާ

ޕްރޮފެސާ ބޭކާ ވިދާޅުވި ގޮތުގައި، ލޮކްޑައުންގެ އަމުރު ތަންފީޒު ކުރުމުގައި ނިއުޒީލަންޑްގެ އޮފިޝަލުން އަދާކުރެއްވި އާދަޔާ ހިލާފު ޒިންމާއެކެވެ. ބަލީގެ ޕީކަށް ދިޔައިރުވެސް އެގައުމުން އެންމެ ގިނަ ވެގެން ރިޕޯޓް ކުރީ ދުވާލަކު 89 ކޭހެވެ. ގޭގައި ތިބެގެން ރައްކާތެރިކަން ހޯދިދާނެ ކަން، ނިއުޒީލަންޑްއިން ވައްދާދިނީ އެގައުމުގެ ރަށްވެހިންނާ ވަޒަންވެރިންގެ ސީދާ ހިތަށެވެ.

ލޮކްޑައުންއިން ފުރަސަތު ތަނަވަސްކޮށްދިނީ ފުޅާދާއިރާއެއްގައި ޓެސްޓު ކުރުން ކުރިއަށް ގެންގޮސް، ކޮންޓެކްޓް ޓްރޭސިންގް ހަރުދަނާ ކުރުމަށެވެ. މިހާ ހިސާބަށް އާދެވުނުއިރު ނިއުޒީލަންޑަކީ ދުވާލަކު 10000 ސާމްޕަލް ޓެސްޓު ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމެކެވެ. އަދި މީހަކު ޕޮޒިޓިވްވުމާއެކު، އެމީހަކާ އެކީ އެއްތާވި މީހުންނަށް އެލާޓްވެސް ދެއެވެ.

ޑަބްލިއުއެޗްއޯއިންވެސް މިސާލު ޖަހާ ގައުމަކަށް ނިއުޒީލަންޑްވިއެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާ ކިތަންމެ ފޮނިވި ކަމުގައި ވީ ނަމަވެސް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ވަކިން ހާއްސަކޮށް، އިދިކޮޅު ސިޔާސީ ފަރާތްތަކުންނެވެ. އޭރުގެ އޮޕޮޒިޝަން ލީޑަރު ސިމޯން ބްރިޖަޒް ވިދާޅުވަމުން ދިޔައީ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސޯދު ހަފުސްވެ، އާންމު ރައްޔިތުންނަށް ނަފްސާނީ ތަކުލީފެއް ކުރިމަތިވެފައިވާކަމަށެވެ.

ޕްރޮފެސާ ބޭކާ ވިދާޅުވީ، ލޮކްޑައުންގެ ނޭދެވޭ އިގުތިސޯދީ އަސަރުތައް އާންމުންނާ ހިސާބަށް ފޯރި ކަމަށެވެ. އަދި ލޮކްޑާއުންއާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނު ކަމަށްވެސްވެއެވެ. ވަކިން ހާއްސަކޮށް، ޕޮޒިޓިވް ކޭހުގެ އަދަދުތައް ދަށްވާން ފެށުމުން މި ކަން ވަކިން ބޮޑުވިއެވެ. ނަމަވެސް ފުލުހުން ދިޔައީ ލޮކްޑައުންގެ އަމުރުތަކާ ހިލާފުވި މީހުންނަށް އެކަށީގެންވާ އަދަބުތައް ދެމުންނެވެ. ނަމަވެސް އަގުލަބިއްޔަތު އޮތީ ލޮކްޑައުންއާ އެއްކޮޅަށެވެ. ހިޔާލު ހޯދުމުގެ ސާވޭތަކަށް ބަލާއިރު 80 ޕަސެންޓް މީހުންގެ ތާއީދު އޮތީ ސަރުކާރުގެ ސިޔާސަތުތަކަށެވެ.

ބަލި ނައްތާލެވިއްޖެ، އެކަމަކު އެކަން ދެމެހެއްޓިދާނެތަ؟

ހުރިހާ ޕޭޝަންޓުންނަށް ޝިފާ ލިބި ބަލި ފަސޭހަވެ، ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ނުހިނގާތާ 17 ދުވަސް ވުމުން، ނިއުޒީލަންޑްއިން އެކަން ނައްތާލެވިއްޖެކަމަށް ބޮޑުވަޒީރު އިއުލާން ކުރެއްވީ ޖޫން 8 ވަނަ ދުވަހުއެވެ.

ލޮކްޑައުންގެ ހަރުކަށި އަމުރުތައް އުވާލާ، އާންމު ދިރިއުޅުމަށް އާބާދީ ރުޖާއަވެއްޖެއެވެ. ނަމަވެސް ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ހުޅުވާލާނެ ދުވަހެއް ތަސްވީރުގައި އަދި ފެންނާކަށް ނެތެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުން ޖުލައި 2، 2020 ވަނަ ދުވަހު އިސްތިއުފާ ދެއްވި ޑޭވިޑް ކްލާކް/ފޮޓޯ: ޓީވީއެންޒީ

ބޯޑަރު ހުޅުވާލުމުގެ ނުރައްކާ ކިތަންމެހާވެސް ރަނގަޅަކަށް ނިއުޒީލަންޑުން ތަޖުރިބާކުރިއެވެ. އެއީ ކޮވިޑް-19ގެ މައްޗަށް ނަސްރު ލިބިއްޖެ ކަމަށް ބޮޑުވަޒީރު އިއުލާން ކުރެއްވިތާ އެންމެ ހަފުތާއެއްވީ ތަނާ، އިނގިރޭސިވިލާތުން ނިއުޒީލަންޑަށް ދަތުރުކުރި 2 އަންހެނަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ހިސާބުންނެވެ. ހަމްދަރުދީގެ އުސޫލުން އެމީހުންނަށް އޮތީ ކަރަންޓީނު އުސޫލާ ހިލާފަށް ދަތުރުކުރުމުގެ ފުރުސަތު ދީފައެވެ. މި 2 މީހުން ޕޮޒިޓިވްވުމާއެކު ދެން އެނގިގެން ދިޔައީ ގަވައިދާ ހިލާފަށް އެތައް ބަޔަކު ކަރަންޓީނު ފެސިލިޓީތަކުން ނިކުމެފައިވާކަމެވެ.

އާންމުންގެ ނަފުރަތު މާ ގަދަ ނުވިއެއް ކަމަކު ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުން ޑޭވިޑް ކްލާކް އިސްތިއުފާ ދެއްވީ ޖުލައި 2 ވަނަ ދުވަހުއެވެ.

ބޯޑަރު ބަންދުކޮށްގެން އޮތް ނިއުޒީލަންޑަށް ލިބެމުންދާ އިގުތިސޯދީ ގެއްލުންވެސް އިންތިހާއެވެ. ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް ވަނީ މި ގޮތުގައި ކިހާ ދުވަހެއް ވަންދެން ނިއުޒީލަންޑަށް ހިފަހައްޓާލެވިދާނެ ތޯ ސުވާލު ކުރައްވާފައެވެ.

ޕްރޮފެސާ ބޭކާ ވިދާޅުވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރިކޮށް، އޮތް ނިއުޒީލަންޑަކީ ކުޑަ ގައުމަކަށް ވުމަކީވެސް ކޮވިޑް-19އާ ދެކޮޅަށް ކުރި ހޯދުމުގައި ނިއުޒީލަންޑަށް އޮތް އެޑްވާންޓޭޖެކެވެ. ޕްރޮފެސާ ބޭކާ ވިދާޅުވާ ގޮތުގައި، އުމްރާނީ ގާބިލިއްޔަތު ކަމާ، ހިންގުން ތެރި ސަރުކާރެއް އޮތް ކޮންމެ ގައުމެއްގައި، މިކަން ކާމިޔާބު ކުރެވިދާނެއެވެ.